އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އިދިކޮޅު ފަރާތްތަކަށް ބޮޑެތި ތުހްމަތުތަކެއް ކުރައްވައި ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
އަންގާރަ ދުވަހު ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސަ ވިދާޅުވީ ސުޕްރީމް ކޯޓުން ކުރަން ހަމަޖެހިފައިވާ ހުކުމް އެނގޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާ ކަމަށެވެ.
މޫސަ އިޝާރާތް ކުރައްވާފައި ވަނީ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް ގޮސްފައިވާ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ދެއްކެވި ވާހަކަތަކަށެވެ.
"ފަނޑިޔާރު މަނިކުފާނު މި ރާއްޖޭގެ ސުޕްރީމް ކޯޓުގައި ލިޔެފައި އޮތް ހުކުމެއް މި ތިއްބެވި ހަތަރު ލީޑަރުންނަށް [އިދިކޮޅު ލީޑަރުންނަށް] އެނގެންވީ ކޮން ސަބަބަކާ ހުރެތޯ؟ އެއީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން ނޫން ތޯ؟ ސުޕްރީމް ކޯޓުގެ ދޮރު މައްޗަށް އެއްވެފައި އެ ވިދާޅުވަނީ ތިމަންނަމެންނަށް އެނގެއޭ ލިޔެފައި އޮތް ޚުކުމް މޫސަ،" ވިދާޅުވިއެވެ.
މި މައްސަލަ ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ނެރެން އޮތް ހުކުމަކާ ގުޅޭ ގޮތުން މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދެއްކެވި ވާހަކަތަކުގެ މައްސަލަ ފަނޑިޔާރުގެއިން ބަލަންޖެހޭނެ ކަމަށާއި ފަނޑިޔާރުގޭގެ މިނިވަންކަމުގެ މައްޗަށް ބާރު ފޯރުވުމަށް އެއްވެސް ސިޔާސީ ޕާޓީއަކަށް ހައްގެއް ނެތް ކަމަށެވެ.
މޫސަ މި މޭރުމުން ވާހަކަ ދެއްކެވިއިރު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް ބުނާ މައްސަލައިގެ ހުކުމް ލަސްވާތީ އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރެއްވުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ސުޕްރީމް ކޯޓަށް ގޮސްފަ އެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. ސުޕްރީމް ކޯޓަށް ވަޑައިގެންނެވި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލައިގެ ހުކުމް ވާނީ މިހާރު ކޮންމެވެސް ގޮތަކަށް ނިމިފައި ކަމަށެވެ.