ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ ގާނޫނީ ހައްގުތަކަށް މަޖިލީހުގެ މުވައްޒަފުން އަރައިގަންނަމުންދާ ކަމަށް ވިދާޅުވެ، ފާރިސްގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ އަމީން އާންމު އަހްމަދު މުހައްމަދަށް އެޑްރެސްކުރައްވައި އަންގާރަ ދުވަހު ފޮނުއްވި ސިޓީގައި މައުމޫން ހަމީދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކުށެއްގެ ތުޙުމަތުގައި ހައްޔަރުކުރެވިފައި ހުންނަ މުއްދަތުގައި ބާއްވާ މަޖިލީހުގެ ޖަލްސާތަކަށާއި އޭނާ ހިމެނިވަޑައިގަންނަވާ ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުވުމުގެ ހައްގު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް ވެސް ލިބިދީފައިވާ ކަމަށެވެ.
މައުމޫން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް އޮފިސަރުންނާއި އިދާރީ މުވައްޒަފުންގެ އަމަލުތަކުން މެންބަރުންނަށް ލިބިދޭ ހައްގުތަކުން ފާރިސް މައުމޫން މަހުރޫމުކުރައްވާފައިވާ ކަމަށެވެ. މިގޮތުން، 31 ޖުލައި ވަނަ ދުވަހާއި، އޯގަސްޓް 22 ވަނަ ދުވަހާއި އޯގަސްޓް 23 ވަނަ ދުވަހުގެ ޖަލްސާގެ ނޯޓިސް ފާރިސްއަށް ފޮނުވާފައި ނުވާ ކަމަށާއި އެ ޖަލްސާތަކަށް ފާރިސް ހާޒިރުކޮށްދިނުމަށް ޕޮލިހުގައި ވެސް އެދިފައި ވެސް ނުވާކަން މައުމޫން ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.
"މީގެ އިތުރުން 25 ޖުލައި 2017 އާއި 22 އޯގަސްޓް 2017 އާދެމެދު އަހްމަދު ފާރިސް މައުމޫންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ 7 ސިޓީންކުރެ އެއްވެސް ސިޓީއަކަށް އަދިއަދަށް ވެސް ޖަވާބު ދެއްވާފައެއް ނުވެ އެވެ،" މައުމޫން ހަމީދުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މައިގަނޑު އެއް މަސްއޫލިއްޔަތަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެ މެމްބަރުންގެ މަސައްކަތުގައި އެހީތެރިވުންކަން ގާނޫނުއަސާސީގެ 104 ވަނަ މާއްދާއިން އެނގޭ ކަމަށާއި ހަމަ އެފަދައިން ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަކީވެސް މެމްބަރުންގެ މަސައްކަތުގައި އެހީތެރިވުމަށް ތިބޭ މުވައްޒަފުންކަން އެނގޭ ކަމަށްވެސް މައުމޫން ހަމީދު ވިދާޅުވެފައިވެއެވެ.
"އެހެން ނަމަވެސް އަހްމަދު ފާރިސް މައުމޫނުގެ މައްސަލާގައި ފެންނަމުން މިދަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ އޮފިސަރުންނާއި އިދާރީ މުވައްޒަފުން އެހީތެރިވުމުގެ ބަދަލުގައި އެ މަސައްކަތަށް ހާމަކަން ބޮޑު ގޮތެއްގައި ހުރަސްއެޅުމުގެ އަމަލުތަކެއް ހިންގާ މަންޒަރުކަމުގައި ފާހަގަކޮށް އަހްމަދު ފާރިސް މައުމޫނަށް ލިބިގެންވާ ހައްގު ލިއްބައިދިނުމުގައި، އަދި އޭނާގެ މަސައްކަތަށް އެހީތެރިވުމުގައި ރައްޔިތުންގެ މަޖިލީހުގެ އޮފިސަރުންނާއި އިދާރީ މުވައްޒަފުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމަށް އިންކާރުކުރާ ގާނޫނީ ހަމަ އަންގަވައިދެއްވުމަށް ދަންނަވަން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހްމަދު ފާރިސް މައުމޫން ވިދާޅުވިއެވެ،" ސިޓީގައިވެއެވެ.
ރިސްވަތު ދިނުމަށް ހުށަހެޅުމުގެ ތުހްމަތުގައި ފާރިސް ހައްޔަރުކުރީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއި އަދި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިގެން ދިއުމަށް ފަހުއެވެ.