ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަގާމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރައްވަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވޯޓް ނަގައިފިނަމަ، މަޖިލީހުގައި ރައީސް ޔާމީނަށް އޮތް ތާޢީދު ހާމަވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
އަންގާރަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގުޅިފައިވާ ޕާޓީތަކުގެ ތަރުޖަމާނު، އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް ވިދާޅުވި، ރައްޔިތުންގެ މަޖިލިސް މިހާރު ހިންގަނީ ޤާނޫނާއި ޚިލާފަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީހުއަށް މަޖިލީހުގެ ކުރީގެ ރައީސްގެ ގޮތުގައި މުހާތަބު ކުރައްވާ މަޚްލޫފް ވިދާޅުވީ މިހާރު މަޖިލިސް ހިންގަވަމުން ގެންދަވަނީ މަސީހް އާއި ދިވެހި ސިފައިން އެ މަޖިލިސް ހިޞާރު ކުރައްވައިގެން ކަމަށެވެ.
އަދި އެހެންކަމުން އަންގާރަ ދުވަހެކޭ އެއްގޮތަށް، ބުދަ ދުވަހުގެ ޖަލްސާއަށް ވެސް އިދިކޮޅު ފަރާތްތަކުން ހުރަސް އަޅާނެ ކަމަށް މަޚްލޫފް ވިދާޅުވިއެވެ. ޖުލައި 24 ވަނަ ދުވަހުގެ ފަހުން މިހާތަނަށް މަޖިލީހުގެ ސައްޚަ ޖަލްސާއެއް ބާއްވާފައި ނުވާކަމާއި، މަޖިލީހުގެ 45 މެންބަރުންގެ އިތުބާރު ނެތް ބޭފުޅަކު ރިޔާސަތުގައި އިންނަވައިގެން ހިންގާ ޖަލްސާއެއް ސައްޚަ ނުވާނެކަން ފާހަގަކުރައްވާ، މަޚްލޫފް އިތުރަށް ވިދާޅުވީ، ނިޒާމު ގެއްލިފައިވާ މަޖިލީހެއްގައި މުންދުގެ ވޯޓް ނަގައިގެން އެ ވޯޓު ސައްޚަ ނުވާނެ ކަމަށާ، އެ ވޯޓު ނަގައިފި ނަމަ، މިހާރު މަޖިލީހުގައި ރައީސް ޔާމީނަށް އޮތް ތާޢީދު ހާމަވާނެ ކަމަށެވެ.
"ސްރީލަންކާގެ ސަފީރު ކަމަށް ކަނޑައަޅުއްވާފައިވާ މުޙައްމަދު ޙުސައިން ޝަރީފްގެ ނަންފުޅަށް ވޯޓަށް އެހުން ކުރިއަށް ދާނެ ކަމަށް. އަޅުގަނޑު ދަންނަވާނީ ކިތަންމެ ވަރަކަށް މަޖިލިސް ތެރޭގައި ހަމަނުޖެހުންތައް ކުރިއަށް ދިޔަސް ނޫންނަމަ އެ އަޑު އެތާތެރޭ ހުއްޓަސް، މަޖިލީހުގެ ނިޒާމް ގެއްލިފަ އޮތް ކަމުގަ ވީނަމަވެސް އެބޭފުޅުން ވޯޓަށް އައްސަވާނެ ދެއްތޯ. އެ ގަދަބާރުން އެކަންކަން މީގެ ކުރިން ވެސް ކޮށްފަ ހުރީ. އެކަމަކު ދިވެހި ރައްޔިތުންނަށް އަޅުގަނޑުމެން ޔަޤީންކޮށް އަރުވަން ބޭނުންވަނީ، ދެނެއް ރައްޔިތުންގެ މަޖިލީހުގަ 43 މެންބަރުން ހަމަކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގަ ތިބެގެން، އެކަން ކުރިއަކަށް ނުދާނެ. ޕީޕީއެމަށް ދެން 43 މެންބަރުންނާ އެކީގަ ރައްޔިތުންގެ މަޖިލީހުގަ ޖަލްސާއެއް ކުރި އަކަށް ނުގެންދެވޭނެ. މާދަމާ (ބުދަ ދުވަހު) އެ ވޯޓު ލާކަމަށް ވާނަމަ ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހުން ޕީޕީއެމްއަށް، ނޫންނަމަ ރައީސް ޔާމީނަށް ދެން ހޯދޭނީ ކިތަށް ވޯޓުތޯ" މަޚްލޫފް ވިދާޅުވިއެވެ.
ބުދަ ދުވަހުގެ ޖަލްސާގައި މުންދުގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރަނަރ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި އަހުމަދު ނަސީރަށް މަޖީލީހުގެ ރުހުން އޮތްތޯ ބެލުމަށް ވެސް ވޯޓު ނަގާނެ ކަމަށް ބެލެވެއެވެ. ގުޅިފައިޥާ ޕާޓީތަކުން ބުނީ މި ދެ ވޯޓަކީ ވެސް ސައްޚަ ވޯޓެއް ނޫން ކަމަށާ، އެހެންކަމުން، ސައްޚަ ނޫން ވޯޓުން ރުހުންލިބި، މުންދު އާއި ނަސީރު މަޤާމާއި ހަވާލުވެއްޖެ ނަމަ އެކަން ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާ ކުރައްވާނެ ކަމަށެވެ. އެގޮތުން މުންދުއަށް ރުހުން ލިބުނީ ސައްޚަ ޖަލްސާއަކުން ނޫން ކަމާއި، އެކަން ކުރީ ޤާނޫނާއި ޚިލާފަށް ކަން، ކަމާއިބެހޭ ޑިޕްލޮމޭޓުންނާއި ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި ނަސީރު އާއި ގުޅޭގޮތުން، ދުނިޔޭގެ އެކިއެކި މާލީ އިދާރާ ތަކާއި މަޢުލޫމާތު ހިއްސާ ކުރާނެ ކަމަށް އެފަރާތްތަކުން ބުންޏެވެ.