ފިރިމީހާގެ ކިޑްނީ ފެއިލްވުމުން އަނބިމީހާ ކިޑްނީ ހަދިޔާ ކުރުމަށް ކުރި އޮޕަރޭޝަނަށް ފަހު އަންހެން މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށް އާއިލާއިން ބުނެފި އެވެ.
ށ.ފޯކައިދޫ ދެމަފިރިން ކަމުގައިވާ އުމުރުން 36 އަހަރުގެ އަބްދުﷲ ރިޒާގެ ދެ ކިޑްނީ ފެއިލް ވުމާ ގުޅިގެން، އޭނާގެ އަންހެނުން ކަމުގައިވާ އުމުރުން 32 އަހަރުގެ އައިޝަތު މުނާގެ ކިޑްނީ ހަދިޔާ ކޮށްފައިވަނީ އޮގަސްޓް 17 ވަނަ ދުވަހުއެވެ. ކިޑްނީ ހަދިޔާ ކުރުމުގެ ސަރޖެރީ ހަދާފައިވަނީ އިންޑިޔާގެ ބެންގަލޫރުގެ އެންޔޫ ހޮސްޕިޓަލުންނެވެ. މި އޮޕަރޭޝަން ކުރިތާ، ހަތަރު ދުވަސް ވެފައިވާ އިރު މުނާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. ރިޒާއަށް އަދިވެސް އާއިސީޔޫގައި ފަރުވާ ދެމުންދާ އިރު މުނާ ވެސް ފަސް ދުވަހުން ފަސް ދުވަހުން ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަށް އާއިލާއިން ބުނެ އެވެ.
ދެމީހުންގެ ހާލުވެސް ރަގަޅުވަމުން އަންނަކަމަށް އާއިލާއިން ބުނެ އެވެ. އެގޮތުން 14 ދުވަސް ފަހުން ރިޒާވެސް ވޯޑަށް ބަދަލުކުރާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް އާއިލާއިން ބުނެ އެވެ.
މިދެމަފަރިންނަށް ދެ ކުދިން ލިބިފައިވާ އިރު ކިޑްނީ އޮޕަރޭޝަން ކޮށްފައި ވަނީ އާސަންދައިގެ ދަށުންނެވެ. އަދި އެކި ގޮތްގޮތުން ވެސް މި އޮޕަރޭޝަން ކުރުމަށް ތަފާތު އެހީތައް ލިބުނުކަން އާއިލާއިން ފާހަގަކުރެ އެވެ.
މިފަހަކަށް އައިސް ޒުވާން އުމުރުގައި، ގައިން ގަޔަށް ނާރާ ބަލިތައް ޖެހޭ މީހުން ރާއްޖޭގައި ދަނީ އިންތިހާއަށް އިތުރުވަމުންނެެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ ދެކުނު އޭޝިޔާ ސަރަހައްދުގައި ގައިން ގަޔަށް ނާރާ ބޮޑެތި ބަލިތައް އެންމެ ގިނަ އަދަދަކަށް އިތުރު ވަމުންދަނީ ރާއްޖޭގައިކަން ފާހަގަކޮށް، ދިރިއުޅުމުގައި ގެންގުޅޭ އާދަކާދަތަކަށް ބަދަލުތައް ގެންނަން ޖެހޭ ކަން ފާހަގަކޮށްފަ އެވެ.