ކ. މާލެ
|
13 ފެބްރުއަރީ 2025 | ބުރާސްފަތި 20:10
އައިޖީއެމްއެޗް ހޮސްޕިޓަލް
އައިޖީއެމްއެޗް ހޮސްޕިޓަލް
ސަން އޮންލައިން
ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖް
ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގެ ތެރެއިން، ޑަޔަލަސިސް ޕޭޝަންޓަކު މަރުވިކަމަށް ބުނާ މައްސަލަ ސާފުކޮށްދެވޭނީ އެކަމަށް އެދި ލިޔުމަކުން ހުށަހެޅުމުން: އައިޖީއެމްއެޗް
ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގެ ތެރެއިން ފަރުވާ ދިނުން ލަސްވެ، ޑަޔަލަސިސް ޕޭޝަންޓެއް މަރުވިކަމަށް ބުނެ، ދެކެވޭ ވާހަކަތައް ދޮގުކުރޭ
އެ މައުލޫމާތު ސާފުކުރުމަށް ރަސްމީ ލިޔުމަކުން ހުށަހެޅުމަށް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފަ

ގިނަ އަދަދެއްގެ ޓެކްސީ ޑްރައިވަރުން ބައިވެރިވެގެން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާގެ ތެރެއިން ޑަޔަލަސިސް ޕޭޝަންޓެއް، ފަރުވާއަށް މާލެ ނުގެނެވި ނިޔާވިކަމަށް ބުނާ މައްސަލަ ސާފުކޮށްދެވޭނީ އެކަމަށް އެދި ރަސްމީކޮށް ލިޔުމަކުން ހުށައެޅުމުން ކަމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބުރާހީމް މުޙައްމަދު މަޖިލީހުގެ އިމްތިޔާޒު ނަހަމަ ގޮތުގައި ބޭނުންކޮށް ޓެކްސީ ޑްރައިވަރުންގެ ބޮލުގައި މަރުގެ ތުހުމަތުއެޅޭ ގޮތަށް މީގެކުރިން ވާހަކަދައްކާފައިވާއިރު، ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ އެ ވާހަތަށް ދޮގުކޮށްފައެވެ. އަދި އެ ވާހަކަތައް ކުށްވެރިކޮށް އެ ޖަމްޢިއްޔާއިން ވަނީ މިމަހުގެ 11 ވަނަ ދުވަހު ބަޔާނެއް ވެސް ނެރެފައެވެ.

އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރުގެ އެ ތުހުމަތު ޑްރައިވާސް އެސޯސިއޭޝަނުގެ ރައީސް އިބްރާހީމް ނިޔާޒު ވެސް ވަނީ ދޮގުކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެއީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށެވެ. އަދި އެ ދުވަހު އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޓެކްސީ ޑްރައިވަރުން ކުރި އެ މުޒާހަރާގައި ފަރުވާ ދިނުން ލަސްވެ، ޑަޔަލަސިސް ޕޭޝަންޓެއް މަރުވިކަމަށް ބުނެ، ވާހަތަށް ދެކެވޭ މި ދަނޑިވަޅުގައި "ރާއްޖެ އެމްވީ"ގެ ނޫސްވެރިން ވަނީ މިކަން ކަށަވަރުކުރުމަށް އައިޖީއެމްއެޗް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަށް ގުޅައި އެކަމުގެ މައުލޫމާތު ސާފުކުރުމަށް މައްސައްކަތް ކޮށްފައެވެ. ނަމަވެސް އެ މައުލޫމާތު ސާފުކުރުމަށް ރަސްމީ ލިޔުމަކުން ހުށަހެޅުމަށް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ. އަދި އެނޫން ގޮތަކަށް އެ މައުލޫމާތު ހިއްސާކުރެވެން ނެތްކަމަށް ވެސް އެ ފަރާތުން ވަނީ ވިދާޅުވެފައެވެ.

ޑަޔަލަސިސް ޕޭޝަންޓަކަސް ފަރުވާދިނުން ލަސްވެ، މަރުވިކަމަށް ބުނާ ވާހައާއި މެދު ހޮސްޕިޓަލުގެ ފަރާތުން އެއްޗެއް ދަންނަވަން ނޭންގެ. އެއީ ތަންކޮޅެއް ކުރިން ހިނގާފައި އޮތް ކަމަކަށް ވުމުން، އެކަން ސާފުކޮށްލަން ޖެހޭނީ އެކަމަށް އެދި ރަސްމީ ލިޔުމަކުން އެދެން. އެއީ އެ މައުލޫމާތު ލިބޭނެ ހަމަ އެކަނި ގޮތަކީ. އެއީ މކިހާރު އެކަން ކުރަން އޮންނަ އުސޫލު.
އައިޖީއެމްއެޗް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބުރާހީމް މުޙައްމަދު ޓެކްސީ ޑްރައިވަރުންގެ ބޮލުގައި މަރުގެ ތުހުމަތުއެޅޭ ގޮތަށް ވާހަކަދައްކަވަމުން ވިދާޅުވީ މާލެއާއި ހުޅުމާލެއާއި ގުޅޭ ސަރައްދުގެ ދޭތެރޭގައި މި އޮންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކަމަށާއި އަދި ހަމަ އެހެންމެ ބޮޑެތި ހޮސްޕިޓަލްލްތައް މި ހުންނަނީ މާލޭ ސަރަހައްދުގައި ކަމުން، މީޙުންގެ ހައްޤުތަކާއި ފަތުރުވެރިންގެ ހައްޤުތައް ހިމެނޭކަމަށެވެ. އަދި އެރޭގައި މަގު ބަންދުވެގެން ދިއައިރު، ހޮސްޕިޓަލަށް ނުދެވިގެން ޑަޔަލަސިސް ނުހެދިގެން ނިޔާވި މީހުންނާއި އެކަމާއި ގުޅުންހުރި އެހެނިހެން އަނިޔާތައް ލިބުނު މީޙުންގެ ހައްޤުތަކަކީ ކޮބައިތޯ އޭނާ ވަނީ ސުވާލުއުފައްދާފައެވެ.

މާލެއާއި ހުޅުމާލެއާއި ގުޅޭ ސަރައްދުގެ ދޭތެރޭގައި މި އޮންނަނީ އެއާޕޯޓު. ހަމަ އެހެންމެ ބޮޑެތި ހޮސްޕިޓަލްލްތައް މި ހުންނަނީ މާލޭ ސަރަހައްދުގައި ކަމުން، މީޙުންގެ ހައްޤުތަކާއި ފަތުރުވެރިންގެ ހައްޤުތައް ހިމެނޭ. އެރޭގައި މަގު ބަންދުވެގެން ދިއައިރު، ހޮސްޕިޓަލަށް ނުދެވިގެން ޑަޔަލަސިސް ނުހެދިގެން ނިޔާވި މީހުންނާއި އެކަމާއި ގުޅުންހުރި އެހެނިހެން އަނިޔާތައް ލިބުނު މީޙުންގެ ހައްޤުތަކަކީ ކޮބައިތޯ..؟
މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބުރާހީމް މުޙައްމަދު

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު ޓެކްސީ ޑްރައިވަރުންގެ ބޮލުގައި މަރުގެ ތުހުމަތުއެޅޭ ގޮތަށް ދެއްކި ވާހަކަތައް ދޮގުކޮށް ޑްރައިވާސް އެސޯސިއޭޝަނުން ވެސް ބަޔާނެއް ނެރެފައިވާއިރު، އެ ބަޔާނުގައި ބުނެފައިވަނީ ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖު ކުރިއަށް ދިއަވަގުތު އެއްވެސް މިންވަރަކަށް އެންބިއުލާސްއަކަށް ހުރަސް އަޅާފައި ނުވާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން މީހަކު މަރުވިކަމަށްބުނެ ރައްޔިތުންގެ ހިތުގައި ޓެކްސީ ޑްރައިވަރުންނާ ދޭތެރޭ ބިރުވެރިކަމާއި ނަފުރަތު އުފެދޭ ގޮތަކަށް ރައްޔިތުންގެ މަޖުލިސްއިން ލިބިދޭ ޤާނޫނީ އިމްތިޔާޒުގެ ދިފާއު ނާޖާއިޒު ގޮތުގައި ބޭނުން ކުރުމަކީ ވަރަށް ދެރަ ދަށުދަރަޖައިގެ ޢަމަލެއްކަމަށް ދެކޭކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނީ ދުނިޔޭގެ ކޮންމެތަނެއްގައި ވެސް އަދުލުވެރިކަން ހިންގާ ޤާއިމް ކުރުމުގައި ބަލަންޖެހޭނީ އިންސާފުންކަމަށާއި އެއްވެސް ހާލެއްގައި މެޖޯރިޓީ ނުވަތަ އަޤުލަބިއްޔަތަކުން ނޫންކަމަށެވެ. އަދި މައްސަލާގައި ބަލަންޖެހޭނީ އިހުމާލު ވީފަރާތެެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޓެކްސީ ޑުރައިވަރުން އަބަދުވެސް މަސައްކަތް ކޮއްފައިވާނީ އަދި ކުރަމުން ގެންދާނީ ވެސް އެކަމަށް ހެދިފައި އޮތް ޤާނޫނީ އިމުގެ ތެރެއިންކަމަށާއި އެގޮތުން ޓެކްސީ ޑްރައިވަރުން އެ ދުވަހު އިހުތިޖާޖު ކުރީވެސް އެކި ފަހަރު މަތިން ސަރުކާރާއި ކުރެވުނު މަޝްވަރާގެ ތެރޭން ހައްލެއް ލިބިފައި ނުވާތީއާއި ޓްރާންސްޕޯޓް މިނިސްޓަރު އަމީން އެކިފަހަރު އެކި ގޮތަށް ޖަވާބު ދެއްވުމުގެ އިތުރުން ސަރުކާރުން މިވީ ހާތަނަށް އެއްވެސް ކަމެއް ހައްލު ކޮށްދީފައި ނުވާތީ ޤާނޫން ލިބިޖޭ ހައްގުތަކުގެ ތެރޭންކަމަށެވެ.

އަދި އެރޭގެ އިހުތިޖާޖް ނިންމާލުމަށްފަހު ހިނގައިދިޔަ އެއްވެސް ކަމެއްގައި ފުލުހުންގެ އަމުރަށް ނުކިޔަމެންތެރި ކަމެއް ވެސް ދައްކާފައި ނުވާނޭ ކަމަށް އެ ފަރާތުގެ ބާޔާނުގައި ބުނެފައިވެއެވެ. އަދި އެކަމުގެ އެންމެ އަލިގަދަ ހެއްކަކީ ފުލުހުންނާއި ޑްރައިވަރުންނާއި ދެމެދު އެއްވެސް ކުރިމަތިލުމެއް ހިނގާފައި ނުވުންކަމަށެވެ. އަދި އެރޭގައި ޓޯކުރިކާރުތައްވެސް ޓޯކޮށްފައިވަނީ ފުލުހުންގެ އަމުރަށް ދުއްވާފައިގޮސް ފުލުހުން ބުނިތަނަކަށް ގެންގޮސް ކަމަށް ވެސް ބަޔާނުބައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޓެކްސީ ޑްރައިވަރުންނާއި އެ ޑްރައިވަރުންގެ އާއިލާތަކަށް އަދުގެ ދަޢުލަތުން ދީފައިވަނީ ވަރަށް ބޮޑު އަނިޔާއަކާއި ހިތާމައެއް ކަމަށް ވެސް އެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

- ކޮމެންޓް