ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް، އެމައްސަލަ އެޖެންޑާ ކޮށްދެއްވުމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އާދޭސް ދެންނެވުމުން މަޖިލީހުގެ ނާއިބު ރައީސް މޫސާމަނިކުގެ ހުތުރު ހަރަކާތަކާއެކު ވޯޓު މިއޮތިއްޔޭ ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިންނަވައިގެން ކުޑަ ވަގުތުކޮޅަކަށް ކުރިއަށް ގެންގޮސްފައިވާއިރު، ޖަލްސާއަށް ފަހު މާލަން ދޫކުރައްވާ މަސީހު ވަޑައިގެންނެވުމުން މަހްލޫފް ވަނީ ފަހަތުން ވަޑައިގެންފަ އެވެ. ފަހަތުން ހިންގަވާފައި ވަޑައިގަންނަވަމުން ގެންދެވިއިރު މަހްލޫފު ގޮވަމުން ގެންދެވީ މަސީހުގެ އިތުބާރު ނެތްކަކަމަށާއި 45 މެމްބަރަކު ސޮއިކުރައްވާ އެ މައްސަލަ މަޖިލީހަށް ވެއްދުމުން، ރިޔާސަތުގައި އިންނަވަން ލަދު ގަންނަންޖެހޭނެ ކަމަށެވެ.
"މަސީހަށްޓަކައި ނުޖެހޭ އަނިޔާވެރިވާކަށް. 45 މެމްބަރުން ސޮއިކޮށް މަސީހުގެ އިތުބާރު ނެތްކަމަށް އޮންނާނީ ލާފަ," އޭނާ ވިދާޅުވި އެވެ.
މަހްލޫފް ވަނީ މަސީހުގެ އިތުބާރު ނެތްކަމަށް މައްސަލަ މަޖިލީހުގައި އެޖެންޑާކޮށް އެމައްސަލައަށް ވޯޓަށް އެހުމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އަރިހުން އެދިވަޑައިގަންވާފަ އެވެ.
ޖަވާބުގައި މޫސަ ވަނީ މަހްލޫފްއަށް ރައްދުވެސް ދެއްވާފަ އެެވެ.
"ވޯޓް މިއޮތީ އާދޭ" ހުތުރު އިޝާރާތަކާއެކު މޫސަ ވިދާޅުވެއެވެ.
މޫސައާއި މަހްލޫފާ ދެމެދު ބަހުގެ ހަމަލާތަކެއް ވަނީ މަޖިލީހުގެ ސައި ކޮޓަރީގައި ކުރިއަށް ގޮސްފަ އެވެ.
ފޭސްބުކް ލައިވް މެދުކަނޑާލެއްވުމެއް ނެތި މަހްލޫފު، މޫސަގެ ފަހަތުން ވަޑައިގަންނަވަމުން ދިޔައުމާއެކު މޫސަ ސައިކޮޓަރިން ބޭރަށް ނުކުމެވަޑައިގަތެވެ.