ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 13:37
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ
ޓްވިޓަރ
ފިޔަވަޅު އެޅުން
ދަރިން ނުބަލައި ދައުލަތުގެ ވަޒީފާގައި އުޅޭނަމަ ފިޔަވަޅު އަޅަނީ
މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ފައިސާ ރައްކާކުރެވޭނެ
18 އަހަރު ނުވާ ކުދިންނަށް ފައިސާ ލިބޭނީ 18 އަހަރު ވުމަށް ފަހު
މިގޮތަށް ފައިސާ ދޭން ބޭނުންވާ ނުވާ ނަމަ، ވަޒީފާއިން ވަކި ކުރެވޭނެ

ދައުލަތުން ބަލަހައްޓާ ކުދިންނާއި މީހުން މަރުކަޒުތަކުން ދޫކޮށްލުމަށް ފަހު އާއިލާތަކުން ހަވާލުނުވެއްޖެ ނަމަ ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނިންމައިފި އެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ތިބޭ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނާއި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން އާއިލާތަކުން ހަވާލުވެފައިނުވާ މީހުންގެ ދަރިންނާއި ބެލެނިވެރިންނާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. މި އުސޫލުގެ ދަށުން ފިޔަވަޅު އަޅާނީ ދައުލަތުގެ މަރުކަޒުތަކުން ދޫކޮށްލާ ކުއްޖާ ނުވަތަ މީހާއާ ގާނޫނީ ގޮތުން ހަވާލުވަންޖެހޭ ފަރާތަކީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ  ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި އުޅޭ ނަމަ އެވެ.

މި އުސޫލުގެ ދަށުން އަޅާ ފިޔަަވަޅުތަކުގެ ތެރޭގައި ކަނޑައެޅޭ ވަކި އަދަދެއް މުވައްޒަފުގެ މުސާރައިން ބައެއް އުނިކުރުމާއި މުސާރައިން އުނިކުރުމަށް އުޒުރުވެރި ވެއްޖެ ނަމަ، ގާނޫނީ އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު އެމީހަކު ވަޒީފާއިން ވަކި ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން ހިމެނެ އެވެ.

މުސާރައިން އުނިކުރެވޭ އަދަދު ހިޔާގައި، ފިޔަވަތީގައި ނުވަތަ ގުރައިދޫ މަރުކަޒުގައި ހުރި އެމީހަކަށް ނިސްބަތްވާ ކުއްޖެއް ނުވަތަ މީހެއްގެ ނަމުގައި ރައްކާކުރެވެންވާނޭ ކަމަށާއި ކުޑަ ކުއްޖެއްނަމަ، އެކުއްޖެއްގެ އުމުރުން 18 އަހަރުވުމުގެ ކުރިން އެ ފައިސާ ބޭނުންނުކުރެވޭނޭ ކަމަށާއި ބޮޑު މީހެއް ނަމަ އެމީހަކަށް ނޫން ގޮތަަކަށް އެ ފައިސާ ބޭނުން ނުކުރެވޭނެ ކަމުގައި ކަނޑައަޅާފައިވެ އެވެ.

ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގައި ތިބޭ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ފިޔަވަޅު އެޅުމާބެހޭ އުސޫލު އެކުލަވާލެވިފައި ވަނީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު ބުނާ ގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގާނޫނުގެ ދަށުންނެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުންގެ ދަރިންނާއި ބެލެނިވެރިންނަށް ފިޔަވަޅު އެޅުމާބެހޭ އުސޫލު އެކުލަވާލެވިފައިވަނީ ރާއްޖޭގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ށ) އާއި ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުންނެވެ.

މި އުސޫލް ތަންފީޒުކުރެއްވުމަށް ޖެންޑަރ މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
22 އޯގަސްޓް 2017 | އަންގާރަ 14:57
ޔާމީން2018
ތަރައްޤީއާއި ތަހުޒީބަކީ ތިއީއެވެ. މިޤައުމަށް ބޭނުންވަނީ މިރައީސްފަދަ މިޤައުމުގެ ކުރިމަގަށް އޭގެ މަންފާކުރާ، ސާބިތު އަދި ހިތްވަރު ގަދަ ނިންމުންތައް ނިންމާ ކެރޭ ވެރިއެކެވެ. ޤައުމުގެ ކުރިމަގަށް އުފާފާގަތިކަން އޮތީ އޭރުންނެވެ.