"ފުދިއްޖެ، ފުނޑިއްޖެ" ޚާއްސަ ކަވަރޭޖަށް ރާއްޖެ ޓީވީން ތައްޔާރުކުރި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުން ދާތީ އެ މައްސަލަ އަށް ޖަވާބުދާރީވުމަށް އަންގާ 15 ދުވަހުގެ މުއްދަތެއް ބްރޯޑްކޮމް އިން ދީފިއެވެ.
9 ފެބްރުއަރީގައި، ބްރޯޑްކޮމް އިން ރާއްޖެޓީވީގެ ޑެޕިއުޓީ ސީއޯއޯ ނާޒްމީ ސައީދަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރާއްޖެ ޓީވީ އިން 26 ޖެނުއަރީ 2025 ގައި ބްރޯޑްކާސްޓްކުރި ދިވެހިން ހަމަ ފުނޑިއްޖެއޭ މިވަރުން ދެން ފުދިޖެއޭ ލަވަ ބެލުމަށް ފަހު ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި ޚިލާފުކަމަށް ފާހަގަވާ ކަމަށެވެ.
އެ ސިޓީގައި ބުނެފައި ވަނީ އެ ލަވައިގެ ބައެއް ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކުގެ ތެރެއިން 1 ވަނަ ބަޔާއި 4 ވަނަ ބަޔާއި ޚިލާފު ކޮންޓެންޓް ކަމަށެވެ. އެއީ "ޚަބަރާއި ކަރަންޓް އެފެއާޒް ގެނެސްދިނުމުގަ ވަކި ފަރާތަކަށް ބުރަ ނުވުމާއި، ހަމަހަމަކަމާއި އެކު ޚަބަރު ގެނެސްދިނުމުގައި ތެދު މައުލޫމަތު ގެނެސްދިނުމުގެ" ހަމަޔަށް ނުފެތޭ ކޮންޓެންޓެއް ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.
މީގެ އިތުރުން "ކަމެއް ހިނގި ގޮތް ސާބިތު ނުވާ ހާލަތެއްގައި އެކަމެއް ހިނގިކަމަށް ލިބޭ މައުލޫމާތު ހާމަކުރާއިރު މުއުތަބަރުކަމަށް ޔަގީންކުރެވޭ މަސްދަރެއްގެ މައްޗަށް ބިނާކޮށް އެކަމެއް ގެނެސްދިނުމުގެ" ހަމައާއި ވެސް އެ ކޮންޓެންޓް ޚިލާފުކަމަށް ބްރޯޑްކޮމް އިން ވަނީ ނިންމާފައެވެ. އެ ސިޓީގައި ވަނީ ބްރޯޑްކޮމް އިން ގަބޫލުކުރާ ގޮތުގައި އުސޫލަށް ނުފެތޭ ކޮންޓެންޓަކީ ކޮބައިކަން ފާހަގަކޮށްފައެވެ.
ބްރޯޑްކޮމް އިން ވަނީ އެ ޝަކުވާ އާއި ގުޅޭގޮތުން "ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމް"ގެ ދަށުން ޖަވާބުދާރީވުމަށް ރާއްޖެޓީވީ އަށް ފުރުސަތުދޭކަން ހާމަކޮށްފައެވެ. އެހެންކަމުން ރާއްޖެޓީވީ އަށް މި މައްސަލައިގައި ޖަވާބުދާރީވުމަށް 24 ފެބްރުއަރީގެ 14:00ގެ ނިޔަލަށް ވަނީ ފުރުސަތުދީފައެވެ. އަދި އެ މުއްދަތުގައި ޖަވާބުދިނުމަށް އުޒުރުވެރިވާ ނަމަ ސަބަބު ބަޔާންކުރުމަށް ފަހު އިތުރު ފުރުސަތަށް އެދުމަށް ވެސް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.
![](https://dyncz33htw1ec.cloudfront.net/posts/58f6cc3c-813d-45b1-8a39-b7e31005e983.png)
ހަމައެހެންމެ ބްރޯޑްކޮމް އިން ދިން މުއްދަތުގައި ލިޔުމުން ޖަވާބު ނުދޭނަމަ ނުވަތަ ސަބަބބު ބަޔާންކޮށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް ނޭދޭކަމަށް ވާނަމަ ތަހުގީގަށް ލިބިފަވާ ލިޔެކިޔުންތަކުގެ އަލީގައި މައްސަލަ ބަލާ ނިންމާނެ ކަމަށް އެ ކޮމިޝަނުން ވަނީ ރާއްޖެއެމްވީ އަށް އަންގާފައެވެ.
މި މައްސަލަ ބަލަން ފެށީ 30 ޖެނުއަރީ 2025ގައި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ބްރޯޑްކާސްޓިންގެ ހަމަތަކާއި ގައިޑްލައިންތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް ބްރޯޑްކޮމް އިން ވަނީ 26 ޖެނުއަރީގައި ވެސް ރާއްޖެޓީވީ އަށް ސިޓީ އެއް ފޮނުވާފައެވެ.