ކ. މާލެ
|
11 ފެބްރުއަރީ 2025 | އަންގާރަ 09:51
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
އެންރީކޭ ބުނީ ޕީއެސްޖީ އަށް ރިސްކެއް ނެގެން ނެތް ކަމަށް!
އެންރީކޭ ބުނީ ޗެމްޕިއަންސް ލީގަކީ ޕީއެސްޖީ އަށް ވަރަށް މުހިންމު މުބާރާތެއް ކަމަށާއި، ޕީއެސްޖީ އަށް އޮތް ހަަމައެކަނި ގޮތަކީ ބްރެސްޓު މެޗުން މޮޅުވުން ކަމަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި ބްރެސްޓާ ދެކޮޅަށް ނިކުންނައިރު، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ރިސްކެއް ނެގެން ނެތް ކަމަށް، އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ އަންގާރަ ދުވަހުގެ ރޭ ބްރެސްޓުގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ ޕްލޭ އޮފް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެންރީކޭ ބުނީ މިދިޔަ ސީޒަންގެ ފްރާންސް ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ޓީމަކީ ބްރެސްޓު ކަމަށެވެ. ބްރެސްޓުން ވެސް ބޭނުން ވާނީ ޗެމްޕިއަންސްް ލީގުގައި ކުޅެން ކަމަށާއި، ޗެމްޕިއަންސް ލީގަށް އެ ޓީމު ކޮލިފައިވީ ވަރަށް އާދަޔާ ޚިލާފު ކުޅުމެއް ވެސް ދައްކައިގެން ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.

އެންރީކޭ ބުނީ ފުޓުބޯޅައިގެ ނަޒަރުން ވާހަކަ ދައްކާއިރު، ބްރެސްޓު މެޗުގައި ކަންތައްވާނެ ގޮތް ބުނަން އޭނާ އަށް ނޭނގޭ ކަަމަށެވެ. އެހެން ނަމަވެސް ބްރެސްޓާ ދެކޮޅަށް ކުޅޭ ޕްލޭ އޮފް މެޗު، ޕީއެސްޖީގެ ކުޅުންތެރިންނާއި އަދި މުޅި ކުަލަބަށް ވެސް މުހިންމުވާ މިންވަރާ މެދު ސަމާލުވެގެން ތިބި ކަމަށް އޭނާ ބުންޏެވެ. އިތުރަށް އެންމެ މޮޅަށް ކުޅޭ ޓީމު އަބަދު މޮޅު ނުވެދާނެ ކަމަށެވެ. ޕީއެސްޖީއާ ދެކޮޅަށް ލަނޑު ޖަހާނެ ފެންވަރު ބްރެސްޓުގައި ހުންނާނެ ކަމަށާއި، އެ ޓީމާ ދެކޮޅަށް ޕީއެސްޖީން ދައްކަން ބޭނުން ވަނީ އެ ޓީމުގެ އެންމެ މޮޅު ކުޅުން ކަމަށް ވެސް އެންރީކޭ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެންރީކޭ ބުނީ ޗެމްޕިއަންސް ލީގަކީ ޕީއެސްޖީ އަށް ވަރަށް މުހިންމު މުބާރާތެއް ކަމަށާއި، ޕީއެސްޖީ އަށް އޮތް ހަަމައެކަނި ގޮތަކީ ބްރެސްޓު މެޗުން މޮޅުވުން ކަމަށެވެ. އެކަމުގައި ޕީއެސްޖީ އަށް ރިސްކެއް ވެސް ނެގެން ކަމަށާއި، ޕީއެސްޖީގެ ފޯކަސް އޮތީ މެޗުން މޮޅުވުމަށް ކަމަށް ވެސް އެންރީކޭ ވަނީ ބުނެފަ އެވެ. އެކަމުގައި ޕީއެސްޖީގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ މެޗަށް ފުރިހަމަ އަށް ތައްޔާރަށް ކަމަށާއި، މެޗުން ނަތީޖާ ނެރުމަށް ކުރަން ޖެހޭ ކަންކަން ކުރާނެ ކަމަށް އެންރީކޭ ބުންޏެވެ.

ބްރެސްޓުގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 22:45 ގައެވެ.

- ކޮމެންޓް