ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 13:02
ޔޫއެސްއެސް ޖޯން އެސް މެކެއިން ސިންގަޕޫރު ބަނދަރުގައި
ޔޫއެސްއެސް ޖޯން އެސް މެކެއިން ސިންގަޕޫރު ބަނދަރުގައި
ސީ.އެން.އެން
މަނަވަރު އެކްސިޑެންޓް
އެމެރިކާގެ މަނަވަރު އެކްސިޑެންޓް: ގެއްލުނު ފަޅުވެރިން އަދިވެސް ދަނީ ހޯދަމުން
ރިޗަޑްސަންގެ ނިންމެވުމަށް ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސްވެސް ވަނީ ތާއީދު ކުރައްވާފަ

އެމެރިކާގެ މަނަވަރެއް ސިންގަޕޫރު ބޭރުން ޓޭންކަރެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި ދިހަ މީހުން ގެއްލި، އެތައް ބަޔަކު ޒަޚަމްވި ހާދިސާއަށްފަހު ގެއްލުނު ފަޅުވެރިން ހޯދުމުގެ މަސައްކަތް އަންގާރަ ދުވަހުވެސް ކުރިޔަށް ގެންގޮސްފިއެވެ.

މިއީ މި އަހަރުގެ މިހާތަނަށް އެމެރިކާގެ މަނަވަރުތަކަށް ކުރިމަތިވި ހަތަރުވަނަ އެކްސިޑެންޓެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ކަނޑުގެ ސިފައިންގެ އޮޕަރޭޝަންގެ ވެރިޔާ އެޑްމިރަލް ޖޯން ރިޗަޑްސަންވަނީ އެ ހާދިސާތަކުގެ ތަހުގީގެއް ކުރިޔަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ.

ރިޗަޑްސަންގެ އެ ނިންމެވުމަށް ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސްވެސް ވަނީ ތާއީދު ކުރައްވާފައެވެ.

މެޓިސް ވިދާޅުވީ އެކަން ތަހުގީގު ކުރުމުގެ ބޭނުމަކީ ހިނގަމުންދަނީ ކޮންކަމެއްކަމެއްތޯއާއި އެކްސިޑެންޓް އެކްޑެންޓްތަކާ އެއްވެސް ކަމަކާ ގުޅުމެއް ހުރިތޯ ބެލުންކަމަށެވެ.

މިސައިލް ހަލާކު ކޮށްލުމަށް ޚާއްސަ ކޮށްފައިވާ ޔޫ.އެސް.އެސް ޖޯން އެސް. މެކެއިން އެކްސިޑެންޓްވީ، އެލްނިކް އެމް.ސީ ނަމަކަށް ކިޔާ،  ތެލާއި ކެމިކަލް އުފުލާ ލައިބީރިއާގައި ރަޖިސްޓްރީ ކޮށްފައިވާ ޓޭންކަރުގައި ޖެހިއެވެ.

މި ހާދިސާގައި 10 މީހުން ގެއްލުމުގެ އިތުރުން 5 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެމެރިކާގެ ނޭވީން ހާމަ ކޮށްފައިވެއެވެ.

މީހުން ސަލާމަތް ކުރުމާއި ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރާއި، ޓަގްބޯޓާއި، ކޯސްޓް ގާޑް އުޅަނދުފަހަރު ދަނީ ހަރަކާތްތެރި ވަމުންނެވެ.

ހާދިސާ ހިނގީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މަނަވަރު ސިންގަޕޫރުގެ ބަނދަރަށް ވަންނަން ދަނިކޮށްނެވެ.

އެކްސިޑެންޓް ހިނގި ސަރަހައްދަކީ ފާއިތުވި ދިހަ އަހަރަށް ބަލާއިރު ގިނަ އެކްސިޑެންޓް ތަކެއް ހިނގާފައިވާ ސަރަހައްދެއްކަން ފާހަގަ ކުރެވެއެވެ.

ޔޫ.އެސް.އެސް ޖޯން އެސް. މެކެއިން އަކީ އެމެރިކާގެ ސެވަންތް ފްލީޓްގައި ހިމެނޭ މަނަވަރަކެވެ. މަނަވަރު ހަރަކާތްތެރިވާ މަރުކަޒަކީ ޖަޕާންގެ ޔޮކުސުކާއެވެ.

އެކްސިޓެންޑްގައި ޓޭންކަރަށްވެސް ގެއްލުނު ލިބުނެވެ. ނަމަވެސް ޓޭންކަރުން ތެޔޮ ބޭރުވެފައެއް ނުވެއެވެ.

މަނަވަރު މިހާރު އޮތީ ސިންގަޕޫރު ބަނދަރުގައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް