ކ. މާލެ
|
11 ފެބްރުއަރީ 2025 | އަންގާރަ 09:48
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް
ރޮއިޓާސް
ބާސެލޯނާ
މުހިންމު ތިން ޕޮއިންޓު ހޯދަން ބާސެލޯނާ އިން ދެއްކި ކުޅުމަށް ފްލިކްގެ ތައުރީފު!
މެޗުގައި ބާސެލޯނާ އިން ކުޅުނު ފޯމޭޝަނަަށް އިޝާރާތް ކުރަމުން ފްލިކް ބުނީ، އެއީ ބާސެލޯނާ އަށް ރަނގަޅު ފިލާވަޅެއް ކަމަށެވެ. ބާސެލޯނާ އިން ބޭނުން ވަނީ އެ ފޯމޭޝަންގައި ކުޅެން ނޫން ކަމަށާއި، އެކަމަކު ވެސް ޓީމުގެ ކުޅުންތެރިން އެ ފޯމޭޝަންގައި ވަރަށް ރަނގަޅަށް ކުޅެފައިވާކަން ފާހަގަ ކުރަން ބޭނުންވާ ކަމަށް ފްލިކް ބުންޏެވެ.

ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މުހިންމު ތިން ޕޮއިންޓު ހޯދުމަށް ބާސެލޯނާގެ ކުޅުންތެރިން ދެއްކި ކުޅުމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ތައުރީފު ކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ސެވިއްޔާގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން ވަނީ ލީގު ރޭހުގައި ފަރަގު ކުޑަ ކޮށްފަ އެވެ. އެ މެޗުން ބާސެލޯނާ މޮޅުވެފައިވާއިރު، ދެ ވަަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު އޮތީ ޕޮއިންޓެެއްގެ ފަރަގެކެވެ. އަދި އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެމެދު މިހާރު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްލިކް ބުނީ، ސެވިއްޔާއާ ދެކޮޅަށް ބާސެލޯނާގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި ކަމަށެވެ. ޚާއްސަކޮށް އެ މެޗުގެ ފުރަތަމަ ޙާފައި، ދެ ވަނަ ހާފުގައި ބާސެލޯނާ އިން ވަނީ މެޗު ކޮންޓްރޯލްކޮށް، އެ މެޗުން ތިން ޕޮއިންޓު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި މަންޒަރު ފެނުނު ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.

ޚާއްސަކޮށް މެޗުގައި ބާސެލޯނާ އިން ކުޅުނު ފޯމޭޝަނަަށް އިޝާރާތް ކުރަމުން ފްލިކް ބުނީ، އެއީ ބާސެލޯނާ އަށް ރަނގަޅު ފިލާވަޅެއް ކަމަށެވެ. ބާސެލޯނާ އިން ބޭނުން ވަނީ އެ ފޯމޭޝަންގައި ކުޅެން ނޫން ކަމަށާއި، އެކަމަކު ވެސް ޓީމުގެ ކުޅުންތެރިން އެ ފޯމޭޝަންގައި ވަރަށް ރަނގަޅަށް ކުޅެފައިވާކަން ފާހަގަ ކުރަން ބޭނުންވާ ކަމަށް ފްލިކް ބުންޏެވެ. ޚާއްސަކޮށް ބާސެލޯނާ އިން މެޗުގައި ހަތަރު ލަނޑު ޖަހާފައިވާއިރު، މެޗުގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މެޗުގެ ވަކި ހިސާބަކުން ބާސެލޯނާގެ ފާމިން ލޮޕޭޒް އަށް ސީދާ ރަތް ކާޑު ދެއްކުމުން، މެޗުގެ ފަހު 30 މިނެޓު އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއާއެކު ބާސެލޯނާ އިން ކުޅެން ޖެހުނީ އާންމުކޮށް ކުޅެމުން އަންނަ ގޮތަށް ނޫން ކަމަށާއި، އެކަމަކު ކުޅުންތެރިންގެ ފަރާތުން އެކަމުގައި އުނދަގޫ ކަމެއް ފާހަގަވެފައިވާ ނުވާ ކަމަށް ވެސް ފްލިކް ބުނެފައިވެ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ފްލިކް ބުނީ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ހަތަރެއް ނުވަތަ ފަސް ޓީމު އޮތްއިރު، ބާސެލޯނާ އަކީ އޭގެ ތެެރެއިން އެއް ޓީމު ކަމަށެވެ. ބާސެލޯނާ އިން ކުޅެމުން އަންނަނީ އެ ޓީމުގެ އަމިއްލަ ވައްޓަފާޅިއެއްގައި ކަމަށާއި، ފޯކަސް ކުރަން ބޭނުން ވަނީ ވެސް އެކަމަށް ކަމަށް ފްލިކް ބުންޏެވެ.

ބާސެލޯނާ ތިން ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 23 މެޗުން 48 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 50 ޕޮއިންޓެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 49 ޕޮއިންޓެވެ. ކޮންމެ ޓީމެއްގެ މެދުގައި ވެސް މިހާރު އޮތީ ޕޮއިންޓެއްގެ ފަރަގެކެވެ.

- ކޮމެންޓް