ގއ. ވިލިނގިލި ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ދަށްވެ މަންމައަކާއި ކުޑަ ދަރިފުޅުގެ ފުރާނަ ގެއްލުމާއި ގުޅިގެން އެ ރަށުގައި ބޮޑު އިހުތިޖާޖެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެއެވެ.
ވިލިނގިލީ ހޮސްޕިޓަލުން ރަނގަޅު ފަރުވާއެއް ނުދެވި، ދުވަސް ނުފުރައި ވިހެއި ހާލު ބޮޑު މާބަނޑު އަންހެނަކާއި ދަރިފުޅު އެކިއެކުގައި ނިޔާވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެންނައުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކުއްޑޫ އެއާޕޯޓުގައެވެ.
އެ ދެމައިން ނިޔާވި ހިތާމަވެރި ހާދިސާގައި ބައެއް އިހުމާލު އޮތް ކަމަށް ނިޔާވި ޝިއުނާގެ އާއިލާއިން އަންނަނީ ތުހުމަތުކުރަމުންނެވެ. އެގޮތުން، ވިލިނގިލީ ހޮސްޕިޓަލާއި އެއަރ އެމްބިއުލޭންސުގެ އިހުމާލު އެކަމުގައި އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އަދި މި މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފާފައިވާ ކަމަށް އެ މިނިސްޓްރީންވަނީ މައުލޫމާތު ދީފައެވެ.
ވިލިނގިލީ ހޮސްޕިޓަލުގެ ސިއްޚީ ޚިދުމަތުގެ ފެންވަރު ދައްކަމުގެ ވާހަކަ އެހިސާބުގެ ރައްޔިތުން އަބަދުވެސް ދައްކަމުން އަންނައިރު، އެ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް ރަނގަޅު ސިއްޚީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުތަކުން މަސައްކަތް ނުކުރާކަމަށް ވެސް ރައްޔިތުން އަންނަނީ ބުނަމުންނެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްތަކުން ބުނީ އެ ރަށުގެ ހޮސްޕިޓަލް ގެ ފެންވަރަކީ އާންމު ބަލިތަކަށް ޕެންޑޯލް ގުޅައެއް ލިބޭ އާދައިގެ ސިއްޚީ މަރުކަޒެއްގެ ފެންވަރެވެ. ސަރުކާރުތަކުން އެއްވެސް ވަރަކަށް އެ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން ނުދާކަމަށް ވެސް އެފާރާތްތަކުން ބުނެއެވެ.
ވިލިނގިލީގެ ހޮސްޕިޓަލުން ރަނގަޅު ސިއްޚީ ޚިދުމަތްތަކެއް ދެވެން ނެތުމުން އެކަމާއި ގުޅިގެން ރައްޔިތުންގެ އޮތް ކަންބޮޑުވުންތަކުގެ އަޑު ކަމާއިބެހޭ ފަަރާތްތަކަށް އިއްވުމަށް ސުލްހަވެރި އިހްތިޖާޖެއް ކުރުމަށްދަނީ ތައްޔާރުވަމުންނެވެ.
ނަމަވެސް މި އިހްތިޖާޖުގައި ބައިވެރި ނުވުމަށް ބުނެ، ފެނަކަ މުވައްޒަފުންނަށް އިންޒާރު ދީފައިވާ ކަމުގެ މައުލޫމާތު "ރާއްޖެ އެމްވީ" އަށް ވަނީ ލިބިފައެވެ. އެގޮތުން މި އިހްތިޖާޖުގައި ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް ފިޔަވަޅު އަޅާނެކަމަށް އެޗްއާރުންވަނީ އަންގާފައެވެ. މި އިހުތިޖާޖުގައި ބައިވެރި ނުވުމަށް އިންޒާރުދީ ވިލިނގިލި ފެނަކަ ވަޓްސްއެޕް ގުރޫޕަށް އެޑްމިން އެންޑް އެޗްއާރުން ފޮނުވާފައިވާ މެސެޖެއްގެ ސްކްރީންޝޮޓެއްވެސް ރާއްޖެ އެމްވީއަށް ވަނީ ލިބިފައެވެ.
މި ބުރާބްޗްގެ އެއްވެސް މުވައްޒަފަކު ސިޔާސީ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަކީ މަނާކަމެއް. އަދި މިފަދަ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުންނާއި މެދު އެޗްއާރު ޕޮލިސީގައި ވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެވާހަކަ ދެންނެވިން.ވިލިނގިލި ފެނަކަ އެޑްމިން އެންޑް އެޗްއާރު ގެ އަޓްސްއެޕް މެސެޖް![]()
މި އިހްތިޖާޖު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ގައި ގއ ވިލިނގިލި ހޮސްޕިޓަލް ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ. އަދި އިހުތިޖާޖުގެ ބައިވެރިން ކަޅު ކުލައިގެ ހެދުންލުމަށްވެސް ނިންމާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.