ކ. މާލެ
|
9 ފެބްރުއަރީ 2025 | އާދީއްތަ 14:17
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ
ރައީސް އޮފީސް
މަގޭ ރިޕޯޓު
އުންމީދުން ވަރުބަލި ވެއްޖެ!
ރައީސްގެ ރިޔާސީ ބަޔާނަކީ އުންމީދުން ފުރިގެންވާ ބަޔާނެއް ކަމަށް ކިތަންމެ ވަރަކަށް ވިދާޅުވިޔަސް، ތިޔަ ވިދާޅުވާ އުންމީދެއް ނުފެނެ އެވެ. އުންމީދުކޮށްކޮށް، ރައްޔިތުން ވަރުބަލި ވެސް ވެއްޖެ އެވެ. އުންމީދުން ފުދިއްޖެ އެވެ!

މިދިޔަ ތިން ދުވަހުގެ ތެރޭގައި އަޑު އިވެނީ އުންމީދުގެ ވާހަކަ އެވެ. ފެންނަނީ އުންމީދުން ފުރިގެންވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި އެކި މަންސަތަކުގައި ލިޔެފައިވާ މަންޒަރެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ މެމްބަރުންގެ ފަރާތުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުންނާއި، ނައިބު ވަޒީރުންނާއި ދެންވެސް ތިބި ސިޔާސީ މީހުންގެ ލިޔެފައިވާ ލިޔުންތަކެވެ. ނުވިތާކަށް، ދައުލަތުގެ މީޑިއާ އާއި ސަރުކާރުން ވެސް މި ބުނާ އުންމީދެއްގެ ވާހަކަ ދައްކައިފި އެވެ. އަދިވެސް ދައްކަނީ އެވެ.

ވެގެން މިއުޅޭ ގޮތަކީ، 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ރައީސް މުޢިއްޒު ރިޔާސީ ބަޔާން އިއްވެވީ އެވެ. ގާތް ގަނޑަކަށް ދެ ގަޑިއިރަށް ދެމިގެން ދިޔަ އެ ބަޔާނަކީ، ރައީސް މުޢިއްޒުގެ ހެޔޮފުޅުކަމުން ދެއްވި ބަޔާނެއް ނޫނެވެ. އެއީ ކޮންމެ އަހަރެއްގެ ވެސް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅަކު އިއްވަން ޖެހޭ ބަޔާނެކެވެ.

މިއަހަރު ރައީސް މުޢިއްޒު އެ އިއްވެވީ އެމަނިކުފާނު ވެރިކަަމަށް ވަޑައިގެން ފަހުން އިއްވެވި ދެ ވަނަ ރިޔާސީ ބަޔާނެވެ. އެންމެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވީ 2024 ވަނަ އަހަރު އެވެ. އެ އަހަރުގެ ބަޔާނުގައި ވެސް ދެއްކެވީ އުންމީދީ ވާހަކަ އެވެ. ބޮޑެތި ކަންތައްތަކެއް ކުރައްވާނެ ވާހަކަ އެވެ. ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް ހޯއްދަވައި ދެއްވާނެ ވާހަކަ އެވެ. އެ ބަޔާނުން ލިބުނު އުންމީދާއެކު، ރައްޔިތުން އެއް އަހަރު ހޭދަކޮށްފި އެވެ. އާޚިރުގައި ވީކަމެއް ހަމަ ޙަރާމެވެ. އެއްވެސްކަމެއް ޙާސިލު ނުވެ، އަނެއްކާ އަނެއް އަހަރަށް ރިޔާސީ ބަޔާން އިއްވެވީ އެވެ. ދެން މިކިޔަނީ އެއީ އުންމީދުން ފުރިގެންވާ ބަޔާނެއް ކަމަށެވެ.

ބަޖެޓުގައި ޖަހާފައި ނެތަސް ކަންކަން ކުރައްވަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ފެއްޓެވި ރަސްމާލޭ މަޝްރޫއުގެ އުންމީދެއް ނެތެވެ. 2024 ވަަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ދެއްކެވީ ރަސްމާލެ މަޝްރޫއުގެ ވާހަކަ އެވެ. ވިދާޅުވީ ރަސްމާލެ މަޝްރޫއާ އެކު، މާލެ ސަރަހައްދު ގައި ހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް އެކަން ހަމަޖައްސައި ދެވޭނެ ކަމަށާއި، އަދި ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ހައްލެއްގެ މަގު ފަހިކޮށް ދެވޭނެ ކަމަށެވެ. އެ ވާހަކަފުޅުތަކަށް އެއް އަހަރުވެގެން ދިޔަ ފަހުން، މިއަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ރަސްމާލޭގެ ވާހަކަ ދައްކަވައިފި އެވެ. އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރަސްމާލެ ހިއްކައި ނިންމައި، 2026 ވަނަ އަހަރު އެތަނުގައި އަސާސީ ޚިދުމަތްތައް ޤާއިމު ކުރުން ކަމަށް ވިދާޅުވި އެވެ.

ރައީސަށް އެނގިވަޑައި ނުގަންވަނީ ހެއްޔެވެ؟ ނުވަތަ އެނގިވަޑައިގަންނަވާ ކަމަށް ހައްދަވަން ބޭނުންފުޅު ނުވަނީ ހެއްޔެވެ؟ މިއީ ރަސްމާލެ މަޝްރޫއު ހިއްކައި ނިންމަން އެމަނިކުފާނަށް ދެއްވުނު ތިން ވަނަ ތާރީޚެވެ. އަށް މަސް ދުވަހުން ހިއްކައި ނިންމާނެ ކަމަށް ވިދާޅުވި މަޝްރޫއުގެ ފުރަތަމަ އަށް މަސް ދުވަހު ހިކުނީ އެންމެ ސައިޓެކެވެ. އަނެއްކާ އަނެއް އަށް މަސް ދުވަހަށް ބޭނުންވާ ކަމަށް ވިދާޅުވެ، މިހާރު މިއަހަރު ނިމުމުގެ ކުރިޔަށް ތާރީޚު ދެއްވީ އެވެ! ރައީސެވެ. އުންމީދުން ފުދިއްޖެ އެވެ!

ދެން ދެއްކެވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ވާހަކަ އެވެ. 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ވެލާާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އެ އަހަރު ނިމޭނެ ކަމަށެވެ. އެއާއެކު، އައު އެއާލައިން ތަކަށް ރާއްޖެ އަށް ދަތުރުތައް ފަށަން ފުރުޞަތު ދެވުމުން، މެދު ރާސްތާ ގައި އަހަރަކު އެވުރޭޖުކޮށް 10.3 އިންސައްތަ އިން ކުރި އަރަމުން ދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ އުންމީދު ދެއްވައި، އަހަރެއް ފަހުން މިއަހަރު ދެއްވި ބަޔާނުގައި އަނެއްކާ އެކަމަށް ވެސް އައު ތާރީޚެއް ދެއްވައިފި އެވެ. މިއީ ވެސް ރައީސަށް ދެވުނު ތިން ވަނަ ތާރީޚެވެ.

އެންމެ ފުރަތަމަ ދެއްވި ތާރީޚަކީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ. ނަމަވެސް އެ ތާރީޚަށް ނުހުޅުވި، ދެން ދެއްވީ އައު ތާރީޚެވެ. އެއީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށެވެ. މި ތާރީޚަކީ އެއާޕޯޓު ހުޅުވުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ވެސް ކަނޑައަޅާފައި އޮތް ތާރީޚެވެ. މިހާރު އަނެއްކާ އެ ތާރީޚަށް ވެސް އެއާޕޯޓުގެ މަސައްކަތް ނުނިމި، އައު ތާރީޚަަކަށް ދެއްވީ މިއަހަރުގެ އޮކްޓޫބަރު މަހަށެވެ. އުންމީދުން ފުރިގެން ތިއްބާ، އެ މަޝްރޫއެއްގައި ތިން ތާރީޚު ޖައްސަވަން ރައީސް ފެއްޓެވީމާ، ދެން އުންމީދުން ފުދިއްޖެ އެވެ!

ހައްތަހާ ވެސް ހުރީ މިކަލަ ވާހަކަ އެވެ، ފެންވަރު ރަނގަޅު ބޭސް ގެނެވޭ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުޢިއްޒު ވިދާޅުވީތީ އަޑު އެހީމެވެ. އެކަމުގެ ރަށު ތެރެއިން ފެންނަނީ އެހެން މަންޒަރެކެވެ. މީގެ ކުރިން އާސަންދައިން ލިބެމުން އައި ބޭސްކޮޅު ވެސް، މިހާރު އާސަންދައިން ނުލިބެ އެވެ. އަޑު ބޮޑުކޮަށް ބޭސް ގަންނަން ޖެހޭ ކަމުގެ ޝަކުވާ އަކީ ކޮންމެ ދުވަހަކު އާންމު ރައްޔިތުން ކުރަމުން އަންނަ އެއް ޝަކުވާ އެވެ. މީގެ ކުރިން ރަށް ރަށުގެ ފާމަސީތަކުން ލިބެމުން އަންނަ ހަކުރު ބޭސްކޮޅު، ނުވަތަ ލޭ މައްޗަށް ދާ ބޭސް ކޮޅު ނުލިބެ އެވެ. އާސަންދައިގެން ނުލިބުން އެއްކިބާކޮށް ބާއްވާށެވެ. ފާމަސީގައި އެ ބޭސް ނުވެސް ހުންނަނީ އެވެ. ވެރި ރަށް މާލެ އިން ވެސް ނުލިބިގެން، ރާއްޖެ އިން ބޭރުން އެ ބޭސް ގެންނަން ޖެހޭ ޝަކުވާ ރައީސަށް ނީވުނަސް، އަޅުގަނޑުމެންނަށް އެބަ އިވެ އެވެ.

ގެއްލުނު ކަނޑު ހޯދުމުގެ ވާހަކަ އާއި، ރައްޔިތުންގެ ވިޔަފާރިތައް ފުޅާ ކުރުމުގެ ވާހަކަ އާއި، ފަތުރުވެރިކާމައި، ދަނޑުވެރިކަން ފުޅާ ކުރުމުގެ ވާހަކަ އެވެ. މިއިން އެއް ކަމެއް ވެސް ޙާސިލުވި ތަނެއް ނުފެނެ އެވެ. ހޯއްދަވާނެ ކަމަށް ވިދާޅުވި ކަނޑުގެ މައްސަލައިގައި ފޮނުވާލި ސިޓީ ހާމަކުރާކަށް ވެސް ނުކެރުނެވެ. އެކަމަކު ކުރީ ސަރުކާރުން ފޮނުވި ސިޓީއެއް ނުފެނިގެން، ނިދި ނައިސްގެން އުޅުނު ބޭފުޅުންގެ ތެރޭގައި ރައީސް މުޢިއްޒު ވެސް ހިމެނޭނެ އެވެ.

މިވާހަކަ މިހެން ދައްކަންޏާ ލައްކަ ވާހަކަ ދެއްކިދާނެ އެވެ. އެކަމަކު މިވަގުތަށް ފުދޭނެ ކަމަށް ޤަބޫލު ކުރަމެވެ. ރައީސްގެ ރިޔާސީ ބަޔާނަކީ އުންމީދުން ފުރިގެންވާ ބަޔާނެއް ކަމަށް ކިތަންމެ ވަރަކަށް ވިދާޅުވިޔަސް، ތިޔަ ވިދާޅުވާ އުންމީދެއް ނުފެނެ އެވެ. އުންމީދުކޮށްކޮށް، ރައްޔިތުން ވަރުބަލި ވެސް ވެއްޖެ އެވެ. އުންމީދުން ފުދިއްޖެ އެވެ!

- ކޮމެންޓް