ޖަރުމަނު ލީގުގައި ވާޑާ ބްރެމަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާން މިއުނިކުން އެއް ވަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.
ބަޔާންގެ އަމިއްލަ ދަނޑު، އަލިއާންޒް އެރީނާގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގައި ބަޔާނުން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ބަޔާނުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން އެގާރަ ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. އެއީ ވާޑާ ބްރެމަންގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔެއްގެ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ ކާމިޔާބުކޮށްގެން ކޭން ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 82 ވަނަ މިނެޓުގައި ލެރޯއީ ސާނޭ ވަނީ ބަޔާންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އޭނާ އެ ލަނޑު ޖެހީ ކޮނާޑް ލައިމާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެ ޓީމަށް ލިބުނު ދެ ވަނަ ޕެނަލްޓީ ކާމިޔާބުކޮށް، ތިން ވަނަ ލަނޑު ވެސް ޖެހީ ކޭން އެވެ. އެއީ ވާޑާ ބްރެމަންގެ އޭރިޔާ ތެެރެއިން ބަޔާންގެ ޖަމާލް މުސިއާލާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މޮޅާއެކު ބަޔާނުން ވަނީ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ 21 މެޗުން 54 ޕޮއިންޓު ހޯދައިގެންނެވެ. ބަޔާނަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަނަށް ލިބެނީ 45 ޕޮއިންޓެވެ.