ކ. މާލެ
|
7 ފެބްރުއަރީ 2025 | ހުކުރު 13:10
ހުކުރު ޚުތުބާ އަޑުއަހަނީ
ހުކުރު ޚުތުބާ އަޑުއަހަނީ
ހުކުރު ޚުތުބާ - މުސްލިމް އަޚާއަށް ހެޔޮކޮށްހިތުން
އެކަކު އަނެކަކަށް އަނިޔާވެރިވާނަމަ ކާމިޔާބީއާ ހަމައަށް ވާސިލުވުމަކީ އެ މުޖުތަމައަށް އެކަށީގެންވާ ކަމެއްނޫން: ޚުތުބާ
އިސްލާމީ މުޖުތަމައެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު
އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި، ގެއްލުންދިނުމަކީ އެ ދީން ހުއްދަކުރާ ކަމެއްނޫން
ފުރައްސާރަކުރުމާއި، މުސްލިމުންނާ މެދު ދޮގު ވާހަކަ ދެއްކުން މާތް الله މަނާކުރައްވައިފައިވޭ

މުޖުތަމައުގައި އެކަކު އަނެކަކަށް އަނިޔާވެރިވާނަމަ ކާމިޔާބީއާ ހަމައަށް ވާސިލުވުމަކީ އެމުޖުތަމައަށް އެކަށީގެންވާ ކަމެއްނޫން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މުސްލިމް އަޚާއަށް ހެޔޮކޮށްހިތުން މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ އިސްލާމްދީނަކީ އުޚުއްވަތްތެރިކަމުގެ ދީން ކަމަށާއި، އޯގާތެރިކަމާއި، ރަޙުމާއި، ހަމްދަރުދީގެ ދީން ކަމަށެވެ. އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި، ގެއްލުންދިނުމަކީ އެ ދީން ހުއްދަކުރާ ކަމެއްނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މި އުސޫލުތަކަށް އިސްލާމްދީން ސަމާލުކަން ދީފައިވަނީ އޭގެ ފަހަތުގައި ސިއްރުތަކެއް ނެތިއެއްނޫންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އިސްލާމީ މުޖުތަމައެއް ބިނާކުރުމުގައި އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ދައުރު ވަރަށް ބޮޑު ކަމަށާއި، މުޖުތަމައުގެ އަފުރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ، އަރާރުންވާ ބަޔަކުކަމުގައި ވަނީނަމަ، ނަޞްރާއި، ކާމިޔާބީއާ ހަމައަށް ވާސިލުވުމީ އެ މުޖުތަމައަށް އެކަށީގެންވާ ކަމެއްނޫން ކަމަށެވެ.

މީގެ އިތުރުން އިސްލާމީ އުންމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަޞްރަކަށް ފަހު ނަޞްރެއް ލިބެމުންދިޔައީ އެބައިމީހުންގެ ހިތުގައި އޮތް އީމާންކަމާއި، އެބައިމީހުންގެ މެދުގައި އޮތް އަޚުވަންތަކަމާއި، އެއްބައިވަންތަކަމުގެ ސަބަބުންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އިސްލާމީ އުންމަތް ރޫޅި ބައިބައިވެގެން ދިޔައީ މި ދެންނެވި ކަންތައްތައް މުސްލިމުންގެ މެދުން ފިލައިދިއުމުންނެވެ. އެހެންކަމުން ފެންމަތީ ދެމިގެންދާ ކުނިތަކެއް ފަދައިން ޣައިރު މުސްލިމުންގެ ކުރިމަތީގައި ބާރެއް ނެތް ބަޔެއްގެ ގޮތުގައި އެބައިމީހުން ވެގެން ދިޔައީ ހަމަ މި ދެންނެވި ސަބަބުތަކާ ހުރެއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އަދި الله އަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ދެބަސްވެ އަރައިރުން ނުވާށެވެ! (ދެބަސްވެ އަރައިރުންވާ ނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަ ކަށަވަރުން الله ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ އެއްބައިވަންތަކަމާއި، އަޚުވަންތަކަން ދެމެހެއްޓުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ ކަމަށާއި، އެ ކަމަށް ހުރަސްއަޅާ ކޮންމެ ކަމެއް މަނާކުރައްވައިފައިވާ ކަމަށެވެ. އެގޮތުން އެކަކު އަނެކަކަށް މަލާމާތްކުރުމާއި، ފުރައްސާރަކުރުމާއި އަދި މުސްލިމުންނާ މެދު ދޮގު ވާހަކަ ދެއްކުމާއި އެ ފަދަ ވާހަކަ ފެތުރުމަކީ ވެސް މާތް الله މަނާކުރައްވައިފައިވާ ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ އިސްލާމްދީނުގައި އެ ކަމެއް ކުރުމަށް އަންގަވައިފައިވާ ކޮންމެ ކަމެއް ކުރުމުން އެ ކަމުގެ ލާބައާއި މަންފާ އޮތީ އަމިއްލަ ނަފުސަށާއި މުޖުތަމުއަށް ކަމަށެވެ. އަދި މަނާކުރެއްވުނު ކަމަކަށް އަރައިގަތުމުން އެ ކަމުގެ ގެއްލުމާއި ހަލާކުވެސް ހުރީހަމަ އަމިއްލަ ނަފުސަށާއި، މުޖުތަމައަށް ކަމަށެވެ. އެހެންކަމުން، الله އާއި އެކަލާނގެ ރަސޫލާمُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަމުރުފުޅުތަކަށް ކިޔަމަންވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ. އަދި އަޚްވަންތަކަމާއި އެއްބައިވަންތަކަން ކެނޑިދާނެ ކޮންމެކަމަކުން ދުރުހެލި ވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

- ކޮމެންޓް