މިސަރުކާރުގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށްވާ ރަސްމާލެއިން ހިއްކުނީ އެންމެ ފަސް ޕަސެންޓް ކަމަށާއި، މިހާރު އެ ފަސް ޕަސެންޓް ވެސް ގިރަމުންދާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި މެންބަރު މީކާއިލް ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން ވަރަށް އުންމީދާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒު ހުށަހެޅުއްވި ނަމަވެސް މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކުގެ މަތިން އެމަނިކުފާނު ހަދުމަފުޅު ނެތް ކަމަށެވެ. 2024 ވަނަ އަހަރަކީ ވެސް މާލޭގެ އަހަރު ކަމަށް އެމަނިކުފާނު ސިފަކުރެއްވި ނަމަވެސް މާލޭގެ ރައްޔިތުންނަށް ލިބުނު އެއްވެސް ކުރިއެރުމެއް ތަރައްގީއެއް ނެތް ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.
މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އިޝާރާތް ކުރައްވައި މެންބަރު މީކާއިލް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ހިއްކަން ފަށާފައިވާ ގުޅީފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް-3 ހިއްކާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެމަސައްކަތް ކުރިއަށް ގޮސްފައިނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއު ފެށި ނަމަވެސް އެމަސައްކަތް ވެސް ކުރިއަށް ނުދާ ކަމަށް މެންބަަރު މީކާއިލް ވިދާޅުވިއެވެ.
މެންބަރު މީކާއިލް ވިދާޅުވީ މިސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސްގެން ދިޔައިރު މަޝްރޫއުތައް އޮތީ ހުއްޓިފައި ކަމަށާއި، ރަސްމާލެއިން ހިއްކިފައިވަނީ އެންމެ ފަސް ޕަސެންޓް ކަމަށެވެ. އަދި މިހާރު އެ ފަސް ޕަސެންޓް ވެސް ގިރަމުންދާ ކަމަށާއި، އަދިވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.
މާލޭގެ މެންބަރުން އަޅުގަނޑުމެން ވަރަށް އުފާކުރިން މާލެއަށް ޕީއެންސީގެ ސަރުކާރުގައި އިތުރު ތަރައްގީއެއް އިތުރު ތަހުޒީބު ކަމެއް އަންނާނެ ކަމަށް އަޅުގަނޑުމެން ވަރަށް އުންމީދުކުރިން. އެހެންނަމަވެސް އަހަރު ނިމި 2025 ވަނަ އަހަރު އަނެއްކާ ވެސް ރިޔާސީ ބަޔާން އިއްވަވަން ވަޑައިގެންނެވިއިރު ވިދާޅުވީ މިދިޔަ އަހަރު މާބޮޑު ކަމެއް ނުކުރެވުނޭ. 2025 ވަނަ އަހަރަކީ މާލޭގެ ފަހަރޭ. އެހެންވިދާޅުވިއިރު، ގުޅީފަޅާއި، ގިރާވަރުފަޅާއި، ހުޅުމާލެ ފޭސް-3، ކުރީ ސަރުކާރުން ހިއްކަން ފަށާފައި ހުރި އެއްވެސް ތަނެއް ކުރިއަށް ނުގެންދެވުނުތާ އެމަނިކުފާނުގެ އަމިއްލަފުޅު އިޖީދީ ވިސްނުންފުޅާއެކު އެ ހުށަހެޅުއްވި ރަސްމާލޭގެ މަޝްރޫއު އޮތް ހިސާބު ވެސް އަޅުގަނޑުމެން ބަލާލަންޖެހޭ. ރަސްމާލޭގައި ފާއިތުވި އަހަރު ހިއްކުނީ އެންމެ 5 ޕަސެންޓް. މިހާރު ބަލާލިފިނަމަ އެ 5 ޕަސެންޓް ބޮޑު ބައި އެވަނީ ގިރަން ފަށާފައި.ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް![]()
މެންބަރު މީކާއިލް ވިދާޅުވީ މިސަރުކާރުން އިއުލާން ކުރާ މަޝްރޫއަކާ ގުޅިގެން އުފާ ކުރެވެން ނެތް ކަމަށެވެ. އަދި ނިމިގެންދިޔަ 2024 ވަނަ އަހަރަށް ބަލާއިރު، އިގްތިސާދީ ހާލަތު ދަށްވެ، ގައުމު ބަގުރޫޓު ވެދާނެކަމުގެ ބިރު ދައްކަމުން ދިޔަ ކަމަށާއި، ނަމަވެސް ސަރުކާރުން ހާހުން ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަމުންދާ ކަމަށް މެންބަރު މީކާއިލް ވިދާޅުވިއެވެ.