ކ. މާލެ
|
7 ފެބްރުއަރީ 2025 | ހުކުރު 12:45
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ
އެމްޑީޕީ
ރައީސްއަށް ގައުމުގެ ހާލަތު އަންގައިދިނުން
މަޖިލިސް ހަލަބޮލި ކުރުމަށް މަސައްކަތެއް ނުކުރަން، މަސައްކަތް ކުރީ އަޑު ނީވޭ ރައީސްއަށް ގައުމުގެ ހާލަތު އަންގައިދިނުމަށް: މެންބަރު ނާޒިލް
މި މަސައްކަތް ކުރުމަށް ވެސް ދިވެހި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް ލިބުނު
މިއަދު ރައްޔިތުން ތިބީ އުފަލުން، ހަމަޖެހިގެން ނޫންކަން ރައީސް މުއިއްޒަށް ވެސް އެނގިވަޑައިގަންނަވާނެ
ރައްޔިތުންނަށް މިސަރުކާރުގައި ލިބުނު ކުރިއެރުމެއް ލިބުނު މަންފާއެއްނެތް

ރައްޔިތުންގެ މަޖިލިސް ހަލަބޮލި ކުރުމަށް މަސައްކަތް ނުކުރާ ކަމަށާއި، މަސައްކަތް ކުރީ އަޑުނީވޭ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ގައުމުގެ ހާލަތު އަންގައިދިނުމަށް ކަމަށް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި މެންބަރު ނާޒިލް ވިދާޅުވީ މިމަހުގެ 6 ވީ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި މަސައްކަތް ކުރީ ހަލަބޮލި ކުރުމަށް ނޫން ކަމަށާއި، މަސައްކަތް ކުރީ ރައީސް މުއިއްޒަށް އަޑު ނީވޭތީވެ، ލޮލަށް މަންޒަރު ދެއްކުމަށް ކަމަށެވެ. އަދި ވިދާޅުވީ އެކަން ހާސިލްވި ކަމަށާއި، މިމަސައްކަތް ކުރުމަށް ވެސް ދިވެހި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ.

ގައުމުގެ ހާލަތަށް އިޝާރާތް ކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ މިއަދު ރައްޔިތުން ތިބީ އުފަލުން، ހަމަޖެހިގެން ނޫންކަން ރައީސް މުއިއްޒަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަޅުގަނޑުމެން މިއަދު ކުރި މަސައްކަތުގެ އަޅުގަނޑުމެންނަށް އެންމެ ހިތްވަރު ދިން ބަޔަކީ ދިވެހި ރައްޔިތުން. ޚާއްސަކޮށް އެމްޑީޕީގެ ރައްޔިތުން. ފަށްފަށުން ޝުކުރު ދަންނަވަން ބޭނުން. އަޅުގަނޑުމެން އެއްގޮތަކަށް ވެސް މަޖިލިސް ތެރެ ހަލަ ބޮލިކޮށް ކަންތައްތައް ކުރާކަށެއް ނޫން. އަޅުގަނޑުމެން ބޭނުންވީ އަޅުގަނޑުމެން ދައްކާ ވާހަކަ އަޑު ނީވޭ ރައީސްއަށް މިމަންޒަރު ލޮލުން ދައްކަން. ރައްޔިތުންގެ ޝުއޫރު އަޅުގަނޑުމެން ކަރުދާސްގަނޑެއްގައި ލިޔެގެން ގޮސްފައި ރައީސް އަށް މިދައްކާލަނީ. ކިޔާލާށޭ. އަޑު ނީވެންޏާ ފެންނާނެއްނުން ހޭ ލޮލަށް. ކިޔުއްވާށޭ. ބައްޕާފުޅުގެ ވާހަކަ ވެސް ހުންނާނެ އޭގައި ލިޔެފައި.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ރިޔާސީ ބަޔާނަށް އިޝާރާތް ކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނާ ތަފާތެއް ނެތް ކަމަށެވެ. މިދެ ބަޔާނުގައި ވެސް ވަރަށް ގިނަ ކަންކަން ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް ސަރުކާރަށް އަހަރެއް ވެގެންދިޔައިރު އެއްވެސް ކަމެއްނުވާ ކަމަށާއި، ރައްޔިތުންނަށް މިސަރުކާރުގައި ލިބުނު ކުރިއެރުމެއް ލިބުނު މަންފާއެއްނެތް ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު ނާޒިލް ވިދާޅުވީ ވަރަށް ގިނަ އެއާޕޯޓުތައް ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެއާޕޯޓުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދަންޖެހޭ ކަމަށާއި، ނަމަވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ވަކި ތަރުތީބެއް އޮންނަން ޖެހޭ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަދު ރައްޔިތުންނަށް އެންމެ ބޭނުންވާ އަސާސީ ޚިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށާއި، ބޭސްފަރުވާގެ ނިޒާމު ހަރުދަނާކޮށް ރަނގަޅުކުރަންޖެހޭ ކަމަށެވެ.

- ކޮމެންޓް