ކ. މާލެ
|
6 ފެބްރުއަރީ 2025 | ބުރާސްފަތި 08:04
ނިއުކާސަލް އާއި އާސެނަލް ކުޅުނު މެޗުގެ ތެރެއިން
ނިއުކާސަލް އާއި އާސެނަލް ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ކަރަބޯ ކަޕް
ދެ ވަނަ ލެގުގައި ވެސް އާސެނަލް ބަލިކޮށް، ނިއުކާސަލް ފައިނަލަށް
ނިއުކާސަލް އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދީ އެގްރިގޭޓް ނަތީޖާ 4-0 އިންނެވެ.

ކަރަބޯ ކަޕްގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި އާސެނަލްގެ މައްޗަށް ކުރި ހޯދައި، ނިއުކާސަލް ޔުނައިޓެޑުން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ނިއުކާސަލްގެ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލް އިން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ލަނޑު ޖެހީ ފަހު ހާފުގަ އެވެ. ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ވެސް ނިއުކާސަލް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. އެހެންކަމުން އާސެނަލް އަށް މުބާރާތުގެ ފައިނަލްގެ ފުރުސަތު ލިބެން އޮތީ ދެ ވަނަ ލެގުގައި ތިން ލަނޑުގެ ތަފާތުން ނިއުކާސަލް ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލް އިން ޖެހި ފުރަތަމަ ލަނޑު، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ ބަލައި ނުގަންނަން ނިންމައިފަ އެވެ. އޭގެ ފަހުން މެޗުގެ 19 ވަނަ މިނެޓުގައި ނިއުކާސަލަށް ލީޑު ނަގައިދިނީ ޖަކޫބް މުރްފީ އެވެ. އޭގެ ފަހުން އާސެނަލް އިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ނިއުކާސަލް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ނިއުކާސަލަށް ޖަހައިދިނީ އެންތަނީ ގޯޑަން އެވެ.

ނިއުކާސަލް އިން މުބާރާތުގެ ފައިނަލްގެ ޖާގަ ހޯދީ އެގްރިގޭޓް ނަތީޖާ 4-0 އިންނެވެ. މުބާރާތުގެ ފައިނަލްގައި އެ ޓީމު ނިކުންނާނީ ޓޮޓެންހަމް އަދި ލިވަޕޫލް ކުޅޭ ސެމީ ފައިނަލް އިން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

- ކޮމެންޓް