ކ. މާލެ
|
6 ފެބްރުއަރީ 2025 | ބުރާސްފަތި 02:21
2025 ފެބްރުއަރީ 4 - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާ އޯވަލް އޮފީހުގައި ބައްދަލު ކުރައްވަނީ
2025 ފެބްރުއަރީ 4 - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާ އޯވަލް އޮފީހުގައި ބައްދަލު ކުރައްވަނީ
ގެޓީ އިމޭޖަސް
ޣައްޒާ
ޓްރަމްޕް ޣައްޒާ ހިފާ އެތަނުން އަރަބި ނަސްލު ފުހެލުމަށް ގެންގުޅުއްވާ ޕްލޭނަށް ދުނިޔެ އިން ދިން ރައްދު
ހަމާސްއިން ބުނެފައިވަނީ ޓްރަމްޕްގެ ޚިޔާލަކީ 'ހަމަނުޖެހުން އުފެއްދުމުގެ ރެސިޕީ އެއް' ކަމަށާއި ޣައްޒާގެ ރައްޔިތުން، އެމީހުން ވަޒަނުން ނެރުމަކަށް ފުރުސަތެއް ނުދޭނެ ކަމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޣައްޒާ ސްޓްރިޕް ހިފާ، އެތަނުގެ ފަލަސްތީނުގެ ރައްޔިތުން ބާރުގެ ބޭނުން ކޮށްގެން ނަމަވެސް ނެރެމަށްފަހު އެތަން ތަރައްގީ ކުރުމުގެ ޕްލޭނެއް ހާމަކޮށްފައެވެ. މިއާއެކު ޣައްޒާ އިން ނަސްލު ނައްތާލުމުގެ ޕްލޭނަށް އެމެރިކާގެ ރައީސް ތާއީދު ކުރައްވާ ކަމަށް ވަނީ ބެލެން ފަށާފައެވެ.

އަންގާރަ ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ ފަލަސްތީނުގެ ރައްޔިތުން "ޣައްޒާއިން ނުކުތުމަށް ވަރަށް ބޮޑަށް ބޭނުންވާނެ" ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވިދާޅުވީ ޣައްޒާ އަލުން ބިނާކުރެވެމުން ދާއިރު އެތަން ދިގު މުއްދަތަކަށް އެމެރިކާގެ މިލްކިއްޔާތެއްގެ ގޮތުގައި ބޭއްވުމަށް ބޭނުންފުޅުވާ ކަމަށެވެ. އަދި އެތަނުގައި އެތައް ބައިވަރު ވަޒީފާތައް އުފެދި އިގްތިސާދީ ކުރިއެރުން އައިސް، "މެޑިޓެރޭނިއަންގެ ރިވިއެރާ" އަށް ޣައްޒާ ބަދަލުކުރެވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ މި ވާހަކަފުޅަށް އެމެރިކާގެ އެތެރެއިންނާއި އަދި ބޭރުގެ ގައުމުތަކުން ވަނީ ހަރުކަށި ރައްދުތަކެއް ދީފައެވެ. ތިރީގައި މިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދީފައިވާ މުހިންމު ބައެއް ރައްދުތަކެވެ:

ހަމާސް

ހަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޒުހުރީ ވިދާޅުވީ: "ޣައްޒާ ކޮންޓްރޯލް ކުރަން ބޭނުންވާ ކަމަށް ޓްރަމްޕް ދެއްކެވި ވާހަކަ އަކީ ތާކުންތާކު ނުޖެހޭ އަދި ބުއްދި ގަބޫލު ނުކުރާ ވާހަކައެކެވެ. އަދި މިފަދަ ޚިޔާލު ތަކަކީ މުޅި ސަރަހައްދުގައި ހުޅު ރޯކުރުމުގެ ފުރުސަތު އުފެދިގެންދާ ޚިޔާލުތަކެކެވެ،"

އޭގެ އިތުރުން އަބޫ ޒުހުރީ ވިދާޅުވިއެވެ. "އަހަރެމެން މި ޕްލޭން ދެކެނީ ސަރަހައްދުގައި ހަމަނުޖެހުމާއި ނުތަނަވަސްކަން އުފެއްދުމުގެ ރެސިޕީ އެއްގެ ގޮތުގައެވެ. އެއީ ޣައްޒާގެ ރައްޔިތުން މިފަދަ ޕްލޭންތަކަށް ފުރުސަތެއް ނުދޭނެތީއެވެ."

ހަމާސްގެ އެހެން އިސް އޮފިޝަލެއް ކަމުގައިވާ އިއްޒަތް އަލް-ރަޝީގް ވިދާޅުވީ މި ހުށަހެޅުމަކީ "އަލިފާނަށް ތެޔޮ އެޅުން ފަދަ" ކަމެއް ކަމަށެވެ.

"މި ވާހަކައިން ހާމަވަނީ ފަލަސްތީނާއި މި ސަރަހައްދާ ބެހޭ ގޮތުން އޮޅުންއަރާފައިވާ މިންވަރާ އެނގޭ މިންވަރުގެ ކުޑަ ކަމެވެ. ޣައްޒާ އަކީ އާންމު ބިމެއް ނޫނެވެ. އަދި އެއީ ގަނެ ވިއްކޭ މުދަލެއްވެސް ނޫނެވެ. އަހަރެމެންގެ ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ ހައްގުތަކާ ދެކޮޅަށް އެމެރިކާ އިން ދަނީ އިސްރާއީލު ކޮޅަށް ބުރަވުން އިތުރު ކުރަމުންނެވެ." އޭނާ ވިދާޅުވިއެވެ.

ޕެލަސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)

ޕީއެލްއޯގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އަލް-ޝެއިޚް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޠަނުން ނެރެލުމަށް ގޮވާލެވޭ ކޮންމެ ގޮވާލުމަކަށް ޕީއެލްއޯއިން އިންކާރުކުރާ ކަމަށެވެ.

"ފަލަސްތީނުގެ ލީޑަރޝިޕުން ދަމަހައްޓާ ހަރުދަނާ ސިޔާސަތަކީ ބައިނަލްއަގްވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ދެ ދައުލަތުގެ ހައްލަކީ ރައްކާތެރިކަމާއި، ހަމަ ޖެހުމާއި އަދި ސުލްހައިގެ ގެރެންޓީއެއް ކަމަށެވެ،" އޭނާ އެކްސް (ކުރީގެ ޓްވިޓަރ) ގައި ވިދާޅުވިއެވެ.

ޕެލަސްޓައިން އޮތޯރިޓީ

ރައީސް މަހްމޫދު އައްބާސް ވަނީ ޣައްޒާ އިން ފަލަސްތީނުގެ ރައްޔިތުން ނެރެލުމުގެ އެއްވެސް ޕްލޭނަކަށް ތާއީދު ނުކުރައްވާނެ ކަމަށާއި އެކަމަށް ހަރުކަށި އިބާރާތުން އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވެފައިވަނީ "އަހަރެމެންގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަކަށް ފުރުސަތެއް ނުދޭނަމެވެ. އެއީ އަހަރެމެން އެތައް އަހަރެއް ވަންދެން އެކަމަށްޓަކައި ހަނގުރާމަކޮށް، ބޮޑެތި ގުރުބާނީތަކެއް ވެފައިވާތީއެވެ."

"މި ގޮވާލުންތަކަކީ ބައިނަލްއަގްވާމީ ގާނޫނު ތަކާ ސީރިއަސް ޚިލާފުވުމެކެވެ،" އޭނާ ވިދާޅުވިއެވެ. "1967 ގެ ބޯޑަރުތަކާ އެއް ގޮތައް، ގުދުސް [ފަލަސްތީނުގެ] ވެރިރަށް ކަމުގައި ބަލައިގެން، ދެ ދައުލަތުގެ ހައްލުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަކާ ނުލައި މި ސަރަހައްދުގައި ސުލްހަ އާއި ހަމަޖެހުން ހާސިލެއް ނުކުރެވޭނެއެވެ."                                                         

އިސްރާއީލު

އިސްރާއީލުގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓާމާ ބެން-ގްވީރު ބުނެފައިވަނީ ޣައްޒާގެ ރައްޔިތުން އެތަނުން ހިޖުރަ ކުރުމަށް "ހިތްވަރުދިނުމަކީ" ޣައްޒާ ގައި ހިނގަމުންދާ ހަނގުރާމަ ނިންމުމަށް އެންމެ ރަނގަޅު ސްޓްރެޓަޖީ ކަމަށެވެ. އަދި އޭނާ ބޮޑުވަޒީރު ނަތަންޔާހޫ އަށް ގޮވާލެއްވީ "ވަގުތުން" އެ ސިޔާސަތު ގަބޫލުކުރުމަށެވެ.

މިސްރު

މިސްރުގެ ފޮރިން މިނިސްޓަރު ބަދުރު އަބްދުއްލަތީފް ވަނީ ޓްރަމްޕްގެ ޕްލޭނާ ބެހޭގޮތުން ފަލަސްތީނުގެ ބޮޑުވަޒީރު މުޙައްމަދު މުސްތަފާއާ މަޝްވަރާކުރައްވާފައެވެ. އެ ދެ ބޭފުޅުން ވާހަކަދެއްކެވީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުގައި ދެމި ތިބެ ޣައްޒާ އަލުން ބިނާކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަމާ ބެހޭގޮތުންނެވެ.

ސައޫދީ އަރަބިއްޔާ

ސައޫދީ އަރަބިއްޔާއިން ބުނެފައިވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ނުކުރެވެނީސް އިސްރާއީލާ އެކު ގުޅުން އާންމު ހާލަތަކަށް ނުގެންނާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ނެރެލުމުގެ ކޮންމެ ކަމަކަށް އިންކާރުކުރާ ކަމަށާއި އެ ގައުމުގެ ސިޔާސަތަކީ "ސާފު އަދި ސަރީހަ" ސިޔާސަތެއް ކަމަށެވެ. އަދި އެއީ މަޝްވަރާކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ސައޫދީ އަރަބިއްޔާ އިން އަދިވެސް ތަކުރާރުކޮށް ބުނަނީ ފަލަސްތީނުގެ ރައްޔިތުންގެ ގާނޫނީ ހައްގުތަކަށް އަރައިގަތުމަކަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ. އެއީ އިސްރާއީލު މީހުން ވަޒަންވެރި ކުރުވުމުގެ ސިޔާސަތު ކަމުގައި ވިޔަސް، ފަލަސްތީނުގެ ބިންތައް އަތުލުން ކަމުގައި ވިޔަސް، ނުވަތަ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ނެރެލަން މަސައްކަތް ކުރުން ވިޔަސް މެއެވެ،" އެ މިނިސްޓްރީން ބުނެފައިވެއެވެ.

އުރުދުން

"ރަސްގެފާނު އަބްދުﷲ ދެވަނަ ވަނީ [އިސްރާއީލުގެ] ވަޒަންވެރި ކުރުވުން ފުޅާކުރުން ހުއްޓުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި [ފަލަސްތީނުގެ] ބިން ފޭރުމާއި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ނެރެލުމަށް ކުރެވޭ ކޮންމެ ކަމަކަށް އިންކާރު ކުރައްވާފައެވެ،" އުރުދުންގެ ރޯޔަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އީރާން

"އީރާނުން ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ނެރެލުމަކަށް އެއްބަހެއް ނުވާނެއެވެ. އަދި މިކަން ވަނީ އެކި ގޮތްގޮތުން އަންގާފައެވެ،" އީރާނުގެ އިސް އޮފިޝަލެއް ބުނެފައިވެއެވެ.

އެމެރިކާގެ ސެނެޓަރު ކްރިސް މަރފީ

"އޭނާގެ ބުއްދި އެއްކޮށް ގެއްލިއްޖެ،" ޑިމޮކްރެޓް ޕާޓީގެ މެންބަރު، މަރފީ، އެކްސްގައި ވިދާޅުވިއެވެ. "އެމެރިކާ އިން ޣައްޒާ އަށް އަރައިގަތުމުން ނަތީޖާ އަކަށް ވާނީ އެތައް ހާސް އެމެރިކާ ސިފައިން މަރުވެ، މެދުއިރުމަތީގައި އެތައް އަހަރެއްގެ ހަނގުރާމައެއް ފެށުމެވެ. މިއީ ނުބައެއް، މިއީ ސިކް ޖޯކެއް."

އެމެރިކާގެ ސެނެޓަރު ކްރިސް ވޭން ހޮލެން

"ދެ މިލިއަން ފަލަސްތީނުގެ ރައްޔިތުން ޣައްޒާ އިން ނެރެ، ބާރުގެ ބޭނުން ކޮށްގެން ނަމަވެސް 'މިލްކުވެރިކަން' ހޯދުމަށް ޓްރަމްޕް ހުށަހަޅާފައިވާ ހުށަހެޅުމަކީ އެހެން ގޮތަކަށް ބުނާ ނަމަ އަރަބި ނަސްލު ފޮހެލުމެވެ،" ޑެމޮކްރެޓް ޕާޓީގެ މެންބަރު ވޭން ހޮލެން، ވިދާޅުވިއެވެ. "މި އިޢުލާނުން އީރާނާއި އެހެނިހެން ދުޝްމަނުންނަށް ހަތިޔާރު ލިބި، މި ސަރަހައްދުގައި ތިބި އަހަރެމެންގެ އަރަބި ބައިވެރިންގެ ބާރު ކަނޑުވާލެވޭނެއެވެ." 

ވޭން ހޮލެން ވިދާޅުވީ ޓްރަމްޕްގެ މި ހުށަހެޅުމަކީ "ދެ ދައުލަތުގެ ހައްލަކަށް ދެ ޕާޓީގެ ތާއީދާ އެކު އެތައް އަހަރެއް ވަންދެން އެމެރިކާއިން ދެމުން އައި ސަޕޯޓާ ޚިލާފު" ކަމެއް ކަމަށެވެ. އަދި "މި ނުރައްކާތެރި އަދި ބުއްދި ކުޑަ ރޭވުމާ ދެކޮޅަށް ކޮންގްރެސް އިން ތެދުވާންޖެހޭނެ" ކަމަށެވެ.

ރަޝިޔާ

"އިސްރާއީލުގެ ޕްލޭންތަކެއް އެބަހުރި މުޅި ހުޅަނގު އައްސޭރި ހިފާ، ޣައްޒާ ސްޓްރިޕް އިން ފަލަސްތީނުގެ ރައްޔިތުން ނެރެލުމަށް،" ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރގޭ ލަވްރޮވް ވިދާޅުވިއެވެ.

އަދި އިތުރަށް ވިދާޅުވީ "ޖަމާޢީ އަދަބު ދިނުމުގެ ސިޔާސަތެއް ގެންގުޅުމަކީ ރަޝިޔާ އިން އިންކާރުކުރާ ކަމެކެވެ."

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޮވް އިތުރަށް ވިދާޅުވީ މެދުއިރުމައްޗަށް ހައްލެއް ހޯދޭނީ ހަމައެކަނި ދެ ދައުލަތުގެ ހައްލެއްގެ މައްޗަށް ބިނާކޮށްގެން ކަމަށް ރަޝިޔާ އިން ގަބޫލުކުރާ ކަމަށެވެ.

"މިއީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުގައި ހިމެނިފައިވާ ނުކުތާއެކެވެ. އަދި މި މައްސަލައާ ގުޅުންހުރި ގައުމުތަކުގެ ތެރެއިން ގިނަ އަދަދެއްގެ ގައުމުތަކުން ބަލައިގަންނަ ނުކުތާއެކެވެ. އަހަރެމެން މި ނުކުތާއިން ފަށައިގެން ކުރިއަށްދަނީ، އަދި މިއީ ހަމައެކަނި ވާން އޮތް ގޮތް ކަމަށް ގަބޫލުކުރަމެވެ."

ޗައިނާ

ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޣައްޒާގެ ރައްޔިތުން ބާރުގެ ބޭނުން ކޮށްގެން ނެރެލުމަށް އިންކާރުކުރާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ހަނގުރާމަ ހުއްޓައި، ދެ ދައުލަތުގެ ހައްލެއްގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ މައްސަލައަށް ސިޔާސީ ހައްލެއް ގެނައުމަށް އުންމީދުކުރާ ކަމަށެވެ.

ތުރުކީވިލާތް

ތުރުކީވިލާތުގެ ފޮރިން މިނިސްޓަރު ހަކާން ފިދާން ވިދާޅުވީ ޓްރަމްޕްގެ ބަސްތަކަކީ "ގަބޫލުކުރެވޭނެ" އެއްޗެއް ނޫން ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން "އީކުއޭޝަނުން ބޭރުކޮށްލުމުން" އިތުރު ހަމަނުޖެހުމަކަށް މަގުފަހިވާނެ ކަމަށް ވިދާޅުވެ އޭނާ އިންޒާރު ދެއްވިއެވެ.

ފިދާން ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން މެރުން ހުއްޓައި، ހާލަތު ބަދަލުވެއްޖެނަމަ އިސްރާއީލާ ދެކޮޅަށް ތުރުކީވިލާތުން އަޅާފައިވާ ފިޔަވަޅުތައް - ވިޔަފާރި ހުއްޓާލުމާއި އެމްބަސެޑަރު އަނބުރާ ގެނައުން - އަލުން މުރާޖަޢާކުރާނެ ކަމަށެވެ.

ޖަރުމަނުވިލާތް

ޖަރުމަނުވިލާތުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ޣައްޒާ ސްޓްރިޕް އަކީ ފަލަސްތީނުގެ ރައްޔިތުންނަށް ނިސްބަތްވާ ތަނެއް ކަމަށާއި އެމީހުން އެތަނުން ނެރެލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ކަމެއް ކަމަށެވެ.

ފްރާންސް

"ޣައްޒާގެ ފަލަސްތީނުގެ ރައްޔިތުން ބާރުގެ ބޭނުންކޮށްގެން ނެރެލުމަކަށް ފްރާންސް އިން އިންކާރުކުރާ ކަމަށް ތަކުރާރުކޮށް ބަޔާންކުރަމެވެ. އެއީ ބައިނަލްއަގްވާމީ ގާނޫނާ ސީރިއަސް ޚިލާފުވުމަކަށްވެ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގު އުންމީދުތަކަށް އަރައިގަތުމަކަށްވެ، އަދި ދެ ދައުލަތުގެ ހައްލަކަށް އޮތް ބޮޑު ހުރަހަކަށްވާނެތީއެވެ. އަދި އަހަރެމެންގެ ގާތް ބައިވެރިން ކަމުގައިވާ މިސްރާއި އުރުދުން އަދި މުޅި ސަރަހައްދަށް ބޮޑު ހަމަނުޖެހުމެއް ގެނުވާނެ ކަމަކަށްވާނެތީއެވެ،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ކްރިސްޓޯފް ލެމޮއިން ބަޔާނެއްގައި ވިދާޅުވިއެވެ.

ލެމޮއިން އިތުރަށް ވިދާޅުވީ ޣާއްޒާގެ މުސްތަގުބަލު އޮންނަން ޖެހޭނީ މުސްތަގުބަލުގެ ފަލަސްތީނު ދައުލަތުގެ ތެރޭގައި ކަމަށާއި އެހެން އެއްވެސް ގައުމެއްގެ ބާރުގެ ދަށަކު ނޫން ކަމަށެވެ.

ސްޕެއިން

"މިކަމުގައި ވަރަށް ސާފުކޮށް ބުނަން ބޭނުންވަނީ، ޣައްޒާ އަކީ ޣައްޒާގެ ފަލަސްތީނު ރައްޔިތުންގެ ބިމެވެ. އަދި އެމީހުން ޣައްޒާ ގައި ދިރިއުޅެން ޖެހޭނެއެވެ،" ސްޕެއިންގެ ފޮރިން މިނިސްޓަރު ޚޯސޭ މެނުއެލް އަލްބާރެސް ވިދާޅުވިއެވެ. "ޣައްޒާ އަކީ ސްޕެއިންއިން ތާއީދުކުރާ މުސްތަގުބަލުގެ ފަލަސްތީނު ދައުލަތުގެ ބައެކެވެ. އަދި އިސްރާއީލު ދައުލަތުގެ ކުރިއެރުމާއި ރައްކާތެރިކަން ކަށަވަރުކޮށްދެމުން، އެކުގައި ދިރިއުޅެވޭނެއެވެ."

އަޔަލޭންޑް

"މިކަމުގައި ދާންޖެހޭ މިސްރާބު ވަރަށް ސާފެވެ: އަހަރެމެން ބޭނުންވަނީ ދެ ދައުލަތުގެ ހައްލެކެވެ. އަދި ފަލަސްތީނާއި އިސްރާއީލުގެ ރައްޔިތުންނަށް ރައްކާތެރިކަމާއެކު އެއްފަރާތް އަނެއް ފަރާތާ އިންވެގެން ދިރިއުޅުމުގެ ހައްގު ލިބިގެންވާ ދައުލަތްތަކެއްގައި ދިރިއުޅެވޭނެއެވެ. އެއީ އަހަރެމެން އަބަދުވެސް ދެކެމުން އައި ގޮތެވެ،" އަޔަލޭންޑްގެ ފޮރިން މިނިސްޓަރު ސައިމަން ހެރިސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތް

"އެމީހުން [ފަލަސްތީނުގެ ރައްޔިތުން] އެނބުރި އެމީހުންގެ ގެއަށް ދެވެން ޖެހޭނެއެވެ. އެމީހުންނަށް އަލުން ބިނާކުރުމުގެ ފުރުސަތު ދޭންޖެހޭނެއެވެ. އަދި ދެ ދައުލަތުގެ ހައްލަކާ ހަމައަށް ދިއުމުގައި އަހަރެމެން އެމީހުންނާއެކު ވާންޖެހޭނެއެވެ." އިނގިރޭސި ފޮރިން މިނިސްޓަރު ޑޭވިޑް ލެމީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ވަޠަނުގައި މުސްތަގުބަލެއް އޮތް ކަމަށެވެ. "އަހަރެމެން އަބަދުވެސް ގަބޫލުކުރާ ގޮތުގައި ދެ ދައުލަތް ފެންނަން ޖެހޭނެއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ޣައްޒާ އާއި ވެސްޓް ބޭންކްގައި އެމީހުންގެ ވަޠަނުގައި ދިރިއުޅެ، ކުރިއަރައި ދިއުމުގެ ފުރުސަތު އޮންނަންޖެހޭނެއެވެ."

ބްރެޒިލް

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވީ ޓްރަމްޕްގެ ހުށަހެޅުމަކީ "އެއްވެސް މާނައެއް ނެތް" އެއްޗެއް ކަމަށެވެ. "ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭނީ ކޮންތާކު؟ މިއީ އެއްވެސް އިންސާނެއްގެ ބުއްދި ގަބޫލު ކުރާ ކަހަލަ ވާހަކައެއް ނޫނެވެ،" ލޫލާ ވިދާޅުވިއެވެ. "ޣައްޒާ ބަލަހައްޓަންޖެހޭނީ ފަލަސްތީނުގެ ރައްޔިތުންނެވެ."

އޮސްޓްރޭލިއާ

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ވިދާޅުވީ އޮސްޓްރޭލިއާ ސަރުކާރުން "އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހައާއި ރައްކާތެރިކަމާއެކު ދިރިއުޅެވޭނެ ދެ ދައުލަތުގެ ހައްލަކަށް" ތާއީދުކުރަމުން ގެންދާ ކަމަށެވެ.

"އަހަރެމެން ހަނގުރާމަ ހުއްޓާލުމަށް ތާއީދުކޮށްފައިވާނެއެވެ. ހަނގުރާމައިގެ އަސީރުން ދޫކޮށްލުމަށް ތާއީދުކޮށްފައިވާނެއެވެ. އަދި ޣައްޒާ އަށް އެހީ ފޯރުކޮށް ދިނުމަށް ތާއީދު ކޮށްފައިވާނެއެވެ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އަލްބަނީޒް ޓްރަމްޕްގެ ވާހަކަފުޅާ ބެހޭގޮތުން ސީދާ ކޮމެންޓެއް ކުރައްވަން އިންކާރުކުރެއްވިއެވެ. އޭނާ ވިދާޅުވީ: "އެމެރިކާގެ ރައީސްގެ ބަޔާންތަކާ ބެހޭގޮތުން ދުވަހުން ދުވަހަށް ކޮމެންޓް ކުރާކަށް ނެތިން."

- ކޮމެންޓް