ކ. މާލެ
|
5 ފެބްރުއަރީ 2025 | ބުދަ 18:48
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން
ރާއްޖެއެމްވީ
ޤާނޫނު އަސާސީގެ ދިފާއުގައި
ވީހާވެސް ގިނަ ރައްޔިތުން ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން ބުރާސްފަތި ދުވަހު އިހުތިޖާޖަށް ނުކުންނަން ނިމާފައިވަނީ ޤާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުންގެ ބާރު ރައްޔިތުން ހޯދުމަށް
ވީހާވެސް ގިނަ ރައްޔިތުން މި އެއްވުމުގައި ބައިވެރިވުމަށް އެމްޑީޕީން ވަނީ އެދިފަ

ރައްޔިތޔުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާ ބުރާސްފަތި ދުވަހު ހެނދުނު ބޭއްވުމަށް ހަމަ ޖެހިފައިވާއިރު، ވީހާވެސް ގިނަ ރައްޔިތުން މަޖިލިސް ކުރާ ގެ ކައިރިއަށް އެއްވުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީން ގޮވާލައިފިއެވެ.

އެމްޑީޕީ މިގޮތަށް ގޮވާލީ އެ ޕާޓީގެ މައި އޮފީހުގައި ބުދަ ދުވަހު ކުރިއަށް ދިއަ އެ ޕާޓީގެ ގައުމީ މަޖިލިހުގެ ނުރަސްމީ ބައްދަލުވުމުގައެވެ.

އެމްޑީޕީގެ މި ބައްދަލުވުމުގައި މި ސަރުކާރުން ކުރަމުން ގެންދާ ނޭއްގާނީ ކަންކަމަށް ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ގާނޫނު އަސާސީ އަށް ކުއްލި ގޮތަކަށް ސަރުކާރުން ބަދަލުތަކެއް ގެނެސް މެމްބަރުންގެ ބާރު ކަނޑުވާލާ، މަޖިލީހުގެ ހުރިހާ ބާރުތަކެއް ރައީސް މުހައްމަދު މުއިއްޒު ނަންގަވާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީން ވަނީ މަޖިލިސް މެމްބަރުންގެ ބާރު ކެނޑޭ ގޮތައް ސަރުކާރުން ހުށަހަޅައިގެން ގެނެސްފައިވާ ބަދަލު ބާތިލު ކޮށް ކުރިން އޮތް ގޮތައް ގާނޫނު އަސާސީ ރުޖޫއަ ކުރުމަށް ވެސް ގޮވާލާފައެވެ.

ގާނޫނު އަސާސީގެ ބާރު ކަނޑުވާލާފައިވާތީ އެމްޑީޕީ އިން ވަނީ އެއްވުންތަކާއި އިހްތިޖާޖުތައް އެކަމާ ދެކޮޅަށް ބާއްވާފައެވެ. އެ ޕާޓީން ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް މި ދައުރަށް ހުޅުވާ ދުވަހު މަޖިލިސް އިމާރާތުގެ ކައިރީގައި އިހްތިޖާޖު ކޮށް އަޑު އުފުލާނެ ކަމަށެވެ.

އެމްޑީޕީން ވަނީ މި އިހްތިޖާޖުގައި ބައިވެރިވުމަށް ބުރާސްފަތި ދުވަހު ހެނދުނު 8:00 ށް ވީހާވެސް ގިނަ ރައްޔިތުން މަޖިލިސް ދޮށަށް އެއްވެ، އަޑުއުފުލަން ޖެހޭ ސަބަބުތައް ވެސް ތަފްސީލުކޮށް ހާމަ ކޮށްފައެވެ.

މާދަމާ މަޖިލިސްދޮށަށް އެއްވަން ޖެހޭ ސަބަބަކީ، މިނިވަން މަޖިލީހެއް އޮތުމުގެ ބޭނުމުގަ. ރައްޔިތުންގެ މަޖިލީހެއްނޫން މިވަގުތު އޮތީކީ. އެހެން ވީމަ ރައްޔިތުންގެ މަޖިލީހެއް ހޯދުމަށް ހުރިހާ ރައްޔިތުންވެސް މާދަމާ މަޖިލިސްދޮށަށް އެއްވަންވީ
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދް

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ މާދަމާ ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވަން ޖެހޭ ވަރަށް ގިނަ ސަބުތައް އެބަހުރި ކަމަށާއި އެގޮތުން މިއަދު މިއޮތީ ޤާނޫނު އަސާސީން ރައްޔިތުންނަަށް ލިބިދޭ ހައްޤުތައް ސަރުކާރުން ނިގުޅައިގެންފައިކަމަށެވެ. އެހެން ކަމުން މި ހައްޤުތައް ކަށަވަރު ކުރުމަށް ހުރިހާ ރައްޔިތުންވެސް ބުރާސްފަތި ދުވަހު މަޖިލިސް ދޮށަށް ނުކުންނަށް ޖެހޭކަމަށް އިލްހާމް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލިސް ދޮށަށް އެއްވަން ޖެހޭ ވަރަށް ގިނަ ސަަބަބުތައް އެބަހުރި. ފުރަތަމަ ކަމަކީ ރައްޔިތުން އިންތިޚާބުކުރާ މެމްބަރުންތަކެއް މިއުޅެނީ ފާޑެއްގެ ކޮމިޓީގަނޑަކުން ވަކިކޮށްލައިގެން. އެހެންވީމަ ރައްޔިތުންގެ ހައްޤުގަ. މަޖިލިސް މެމްބަރުންގެ ހައްޤުގަ ނުކުންނަން އެބަޖެހޭ.
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދު

އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް (މޫކޭ) ވިދާޅުވީ މާދަމާ ރައްޔިތުން މަޖިލިސް ދޮށަށް އެއްވަން ޖެހޭ ސަބަބަކީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ބާރު ރައީސް މުއިއްޒުގެ އަތުތެރެއަށް ލައިގެން ހުންނަހުރުން ނިމުމަކަށް ގެނެސް އެ ބާރު އަލުން ހޯދުމަށް ކަމަށާއި ރައީސް މުއިއްޒުގެ ދޮގުހެދުމާއި އޮޅުވާލުން އިންތިހާއަށް މައްޗަށް ގޮސް ގައުމުގެ ހާލަތު ގޯހުންގޯހަށް ދިއުންކަމަށެވެ.

ގާނޫނު އަސާސީ އަށް ގެނައި ނޭދެވޭ ބަދަލުތައް އިސްލާހު ކުރަންދެން ސިލްސިލާ ހަރަކާތްތަކެއް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ އިގުރާރުވެފައެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހު އެމްޑީޕީން މަޖިލިސް ކައިރިއަށް އެއްވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން ކަށަވަރުކުރުމަށާ، ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް، ރައްޔިތުންގެ ބާރު ހޯދަން ކަމަށް އެ ޕާޓީން ބުނެއެވެ.

މަޖިލިސް ފަށާ ދުވަހުގެ ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް މިހާރު ފޮނުވާފައިވާއިރު އެޖެންޑާގައި ވާ ގޮތުން ޖަލްސާ ފެށޭނީ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައެވެ.

ބުރާސްފަތި ދުވަހުގެ އެޖެންޑާގައި މައިގަނޑު ކަމަކަށް ހިމެނިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމެވެ.

- ކޮމެންޓް