ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅެމުން އައި ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ނިކޯ ގޮންޒާލޭޒް، މެންޗެސްޓަރ ސިޓީ އަށް ބަދަލުވެއްޖެ އެވެ.
އުމުރުން 23 އަހަރުގެ ނިކޯ ސިޓީ އަށް ބަދަލުވެފައިވާއިރު، އެ ކުލަބުން ވަނީ އެކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. ސިޓީ އާއެކު ނިކޯ ސޮއި ކޮށްފައި ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނިކޯ ހޯދުމަށް ސިޓީން ވަނީ 60 މިލިއަން ޔޫރޯ ޚަރަދު ކޮށްފައި ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.
ސިޓީ އަށް ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން ނިކޯ ބުނެފައި ވަނީ، ސިޓީ އަށް ބަދަލުވުމަކީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް ކަމަށެވެ. އަދި ސިޓީގައި އެ ޓީމުގެ ކުޅުންތެރިންނާ އެކު މަސައްކަތް ފަށައި، އެ ޓީމާ އެކު ކާމިޔާބީތައް ހޯދަން ބޭނުންވެފައި ހުރި ކަމަށް ވެސް ނިކޯ ވަނީ ބުނެފަ އެވެ. އަދި ސިޓީ އަކީ އޭނާގެ ކެރިއަރުގައި ކުރިއަށް ދާން އެންމެ އެކަށީގެންވާ ކުލަބުގެ ގޮތުގައި ވެސް ނިކޯ ވަނީ ސިފަ ކޮށްފަ އެވެ.
ބާސެލޯނާ އިން ސީނިއާ ކެރިއަރު ފެށި ނިކޯ، ޕޯޓޯ އަށް ބަދަލުވެފައި ވަނީ 2023 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި އޮތީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު 2028 ވަނަ އަހަރު ހަމަވާން އޮތް ނަމަވެސް، އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮއްވާ އޭނާ ވަނީ އެ ކުލަބު ދޫކޮށްލައިފަ އެވެ.
ޕޯޓޯގައި ހޭދަ ކުރި ދެ ސީޒަންގެ ތެރޭގައި ނިކޯ ވަނީ އެ ޓީމަށް ކުޅެދިން 68 މެޗުގައި ނުވަ ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން ޕޯޓޯ އާއެކު އޭނާ ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. ޕޯޓޯ އާއި ބާސެލޯނާގެ އިތުރުން، ނިކޯ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ވެލެންސިއާ އަށް ވެސް ކުޅެފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ސްޕެއިންގެ 17 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ.