ސްޕެނިޝް ލީގުގައި ބާސެލޯނާގެ މޮޅުވުން ދަމަހައްޓައި، އެކަން ކުރިއަށް ގެންދާން ޖެހޭ ކަމަށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޖަރުމަނުގެ ހަންސީލ ފްލިކް ބުނެފި އެވެ.
ލީގުގައި ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން ވަނީ ލީގު ރޭހުގެ ވާދަވެރިކަން ބޮޑުވެފަ އެވެ. ބާސެލޯނާ އާއި އެއް ވަަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ. އަދި ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.
އެ މެޗަށްފަހު ވާހަކަ ދައްކަމުން ފްލިކް ބުނީ، އަލަވޭސް މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށާއި، އެ ޓީމާ ދެކޮޅަށް ކުޅުމުގައި އުނދަގޫ ގޮތްތަކެއް ފާހަގަވި ކަަމަށެވެ. ނަމަވެސް މެޗުން މޮޅުވެ ބާސެލޯނާ އިން ދީފައި ވަނީ ވަރަށް ރަނގަޅު ޖަވާބެއް ކަަމަށާއި، މިވަގުތު ބާސެލޯނާ އަށް މިއީ ރަނގަޅު ޙާލަތެއް ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.
ފްލިކް ބުނީ މިހާތަނަށް އައިއިރު ބާސެލޯނާ އަށް ދެން އޮތީ އެ ޓީމުގެ މޮޅުވުން ދަމަހައްޓައިގެން ކުރިއަށް ދިޔުން ކަމަށް ވެސް ފްލިކް ބުންޏެވެ. ބާސެލޯނާގެ ކުޅުންތެރިންނަށް އެތައް ޕްރެޝަރެއް އޮތް ކަމަށާއި، އެކަން މެނޭޖުކޮށްގެން ބާސެލޯނާގެ ކުޅުންތެރިން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށް ވެސް ފްލިކް ވަނީ ފާހަގަ ކޮށްފަ އެވެ.
މީގެ އިތުރުން ފްލިކް ބުނީ ރެއާލް އަދި އެތުލެޓިކޯ އަކީ ވަރަށް މޮޅެތި ޓީމުތަކެއް ކަމަށެވެ. އެހެން ނަމަވެސް ބާސެލޯނާ އިން އެ ޓީމުގެ ޒިންމާ އަދާ ކުރަން ޖެހޭނެ ކަމަށާއި، އެ ދެ ޓީމަށް ވުރެ ފަހަތުގައި ބާސެލޯނާ އޮތީ ޕޮއިންޓު ކޮޅެއްގެ ތަފާތުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުންް މިވަގުތު ބާސެލޯނާ އަށް އޮތީ ހަމައެކަނި މޮޅުވުން ކަމަށާއި، ދެން ބާސެލޯނާ އަށް ޖެހޭނީ އެ ދެ ޓީމަށް ޕްރެޝަރު ދޭން ކަމަށް ވެސް ފްލިކް ބުންޏެވެ.
ކޮންމެ ޓީމެއް ވެސް މިހާތަނަށް 22 މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި ރެއާލަށް ލިބެނީ 49 ޕޮއިންޓެވެ. ދެ ވަނައިގައި އެތުލެޓިކޯ އަށް 48 ޕޮއިންޓު ލިބޭއިރު، ތިން ވަނައިގައި ބާސެލޯނާ އަށް ލިބެނީ 45 ޕޮއިންޓެވެ. ލީގުގައި ދެން ބާސެލޯނާ އަށް އޮންނާނީ ރަށުން ބޭރުގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗެވެ.