"ފުދިއްޖެ، ފުނޑިއްޖެ" ޚާއްސަ ކަވަރޭޖަށް ރާއްޖެ ޓީވީން ތައްޔާރުކުރި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފިއެވެ.
ރާއްޖެޓީވީއަށްް ބްރޯޑްކޮމްއިން ފޮނުވި ލިޔުމުގައި ބުނެފައިވަނީ ރާއްޖެޓީވީން މިދިއަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ބްރޯޑްކާސްޓުކުރި "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަވައިގެ ކޮންޓެންޓް ބެލުމަށް ފަހު މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.
ރާއްޖެ ޓީވީން 26 ޖަނަވަރީ 2025، ގައި ބްރޯޑްކާސްޓް ކުރި ( "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ލަވައިގެ) ކޮންޓެންޓް ބަލައި، މި މައްސަލަ ކޮމިޝަނުން ބެލުމަށް ނިންމާފައިވާތީ، އެ މައްސަލަ މިގެންދަނީ ބަލަމުންނެވެ. މި މައްސަލައަށް ދީފައިވާ ނަމްބަރަކީ IMCAC-01/2025 އެވެ. ވީމާ ހަވާލާދީފައިވާ ކޮޟީޝަންގެ ނަމްބަރު IMCAC-01/2025 މައްސަލަ ބަލައި ވަކިގޮތެއް ކަނޑައަޅަންދެން ހަވާލާދީފައިވާ ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް ދަންނަވަމެވެ.ބްރޯޑްކޮމް އިން ރާއްޖެ ޓީވީއަށް ފޮނުވި ލިޔުން
އަދި އެމައްސަލަ ބަލާ ވަކި ގޮތެއް ކަނޑައަޅަންދެން ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް ވެސް ބްރޮޑްކޮމްއިން ވަނީ އެދިފައެވެ.
ބްރޯޑްކޮމް އިން ރާއްޖެ ޓީވީއަށް ފޮނުވި މި ލިޔުމުގައިވާ ގޮތުން މި ލަވައިގެ މައްސަލަ އެ ކޮމިޝަނަށް ހުށައަޅާފައިވަނީ މި މަހުގެ ދެވަނަ ދުވަހުގައެވެ.
މި މައްސަލަ އެކޮމިޝަނަށް ދެވަނަ ދުވަހު ހުށަހެޅި ނަމަވެސް މި މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމެއް ބްރޯޑްކޮމްއިން ފޮނުވި ލިޔުމުގައި އެނގޭކަށް ނެތެވެ.
ބްރޯޑްކާސްޓިންގެ ހަމަތަކާއި ގައިޑްލައިންތަކަށް ސަމާލުވުމަށް އިލްތިމާސްކޮށް ބްރޯޑްކޮމް އިން ވަނީ 26 ޖެނުއަރީގައި ވެސް ރާއްޖެޓީވީ އަށް ސިޓީ އެއް ފޮނުވާފައެވެ.