ކ. މާލެ
|
3 ފެބްރުއަރީ 2025 | ހޯމަ 17:08
މުއިއްޒު، ފަޒުލް އަދި ފަޒީލް
މުއިއްޒު، ފަޒުލް އަދި ފަޒީލް
ރާއްޖެއެމްވީ ގްރެފިކްސް
ވަގު ގޯތި މައްސަލަ
ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި
މަައްސަލައިގައި ސަސްޕެންޑް ކުރީ 15 މުވައްޒަފުން ކަމަށް ކުރިން ހާމަ ކޮށްފައިވޭ

ބިންވެރިޔާ ސްކީމް ގެ ދަށުން ވަގަށް ބަޔަކަށް ގޯތި ދިންކަން ފަޅާ އެރުމުން ފެށި ތަޙުޤީޤާ ގުޅިގެން ކުރިން ސަސްޕެންޑް ކުރެވިފައިވާ ބައެއް މުވައްޒަފުންގެ ސަސްޕެންޝަން އުވާލައިފިއެވެ.

ޑިސެމްބަރު މަހު، ފަޅާ އިރު ވަގު ގޯތީގެ މައްސަލަ އާ ގުޅިގެން ސީނިއަރ މެނޭޖްމަންޓްގެ މެންބަރުން ހިމެނޭ ގޮތަށް އެޗްޑީސީ ގެ 15 މުވައްޒަފުން ވަނީ ސަސްޕެންޑް ކުރެވިފައެވެ. އޭގެ ފަހުން އެ މުވައްޒަފުން ވަޒީފާއިން ވަކިކުރެވުނެވެ. ނަމަވެސް 3 ދުވަހުގެ ތެރޭގައި އެ މުވައްޒަފުން އަލުން ވަޒީފާއަށް ނެރެ، އަނެއްކާވެސް ސަސްޕެންޑް ކުރެވުނެވެ.

އެޗްޑީސީގެ މީޑިއާ އޮފިޝަލާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި ބައެއް މުވައްޒަފުންގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފައެވެ. އެހެން ނަމަވެސް އިތުރު ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.

ސަސްޕެންޑް ކުރެވުނު 15 މުވައްޒަފުންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެންނަކީ ޑިސެމްބަރު މަހު އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުން އިސްތިޢުފާ ދެއްވި އިބްރާހީމް ފަޒުލް ރަޝީދުގެ ގާތް އެކުވެރިން ކަމަށް ރިޕޯޓު ކުރެވިފައިވެއެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަދި ފަޒުލްގެ ބޭބެ މުޙައްމަދު ފަޒީލް ރަޝީދަށް ޝަރުޠު ހަމަނުވާ ހާލަތެއްގައި ބިންވެރިޔާ ސްކީމްގެ ދަށުން ބިމެއް ލިބިފައިވާކަން ހާމަވުމާ ގުޅިގެން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ވަނީ މި މައްސަލައިގައި ބޮޑު ތަޙުޤީޤެއް ފަށާފައެވެ. މީގެ އިތުރުން ފަޒުލްގެ މައްޗަށް ވަނީ އެޗްޑީސީގެ ލިޔެކިޔުންތައް ނައްތާލުމުގެ ތުހުމަތުވެސް ކޮށްފައެޗެ.

- ކޮމެންޓް