ތީމުގެއިން ފެން ލީކުގެ މައްސަލައެއް ދިމާވެފައިވާތީ ހައިކޯޓުންނާއި، ސުޕްރީމްކޯޓުން ފެންކަނޑާލާ މައްސަލަ ބޮޑުވެއްޖެއެވެ.
ރާއްޖެއެމްވީއަށް ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފެންކަނޑާލާ މައްސަލަ ބޮޑުވެފައިވާ ކަމަށާއި، މެންދުރުފަހު 3:00ގެ ފަހުން ފެން ނުލިބޭ ކަމަށެވެ. އަދި ނިމިދިޔަ ޖެނުއަރީ މަހުގެ ގިނަ ދުވަސްދުވަހު ފެން ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއެމްވީއަށް އިތުބާރުހުރި ފަރާތަކުން ވިދާޅުވީ ހައިކޯޓުން އަދި ސުޕްރީމްކޯޓުން މެންދުރުފަހު 3:00ގެ ފަހުން ފެން ނުލިބޭތީ މުވައްޒަފުން ފެން ބޭނުންކުރުމަށް ދަނީ ކައިރީގައި ހުންނަ މިސްކިތަށް ކަމަށެވެ. ފެން ނުލިބޭތީ މަސައްކަތްތަކަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި، މުވައްޒަފުންނަށް ވަރަށް ބޮޑަށް އުދަނގޫވެފައިވާ ކަމަށެވެ. ބައެއް މަސައްކަތްތައް ހުންނަ ގޮތުން މެންދުރުފަހު ތިނެއްގެ ފަހުން ވެސް މަސައްކަތުގައި އުޅެންޖެހޭ ކަމަށާއި، ފާހަނާ ކުރަންވެއްޖެ ނަމަ ދާންޖެހެނީ ގެއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތީމު ގޭގެ ފެންހޮޅިއަކަށް މައްސަލައެއް ދިމާވެ ފެން ލީކުވަމުންދާ ކަމަށާއި، އެމައްސަލައަށް ހައްލެއް ނުގެނެވި ގިނަ ދުވަސްތަކެއް ވެފައިވާ ކަަމަށެވެ. އަދި ފެން ލީކުވެ، ފެން ބިލަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ އަރާތީ މިހާރު ފެން ކަނޑާލަނީ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
ތީމުގޭގައި ހައިކޯޓާއި، ސުޕްރީމްކޯޓު ހިންގަމުންދާއިރު، އެތަން ބަލަހައްޓަމުންދަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.
މިމައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ޑީޖޭއޭގެ ޑިރެކްޓަރ އަބްދުއްވާހިދު އިބްރާހިމް ވިދާޅުވީ ތީމުގެއިން ފެން ލީކުވާ މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށާއި، ސީދާ ފެން ލީކުވަނީ ކޮންތަނަކުންކަން ހޯދިފައިނުވާ ކަމަށެވެ. އެލީކުވާ ތަން ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރާތީ ރަސްމީ ވަގުތު ނިމުމުން ފެން ކަނޑާލާ ކަމަށާއި، ފެން ކަނޑާލަމުންދާތާ މަސް ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް ރަސްމީ ވަގުތު ނިމުމުން ވެސް ކޯޓަކުން ރިކުއެސްޓް ކޮށްފިނަމަ ފެނުގެ ޚިދުމަތްދޭ ކަމަށް ވާހިދު ވިދާޅުވިއެވެ.
ތީމުގެ އަޑީގައި ފެނުގެ ލީކެއް އުޅެނީ. ދެން ބައެއް ހުއްދަތައް ނަގައިގެން އަޅުގަނޑުމެން މަސައްކަތްތައް ކުރަމުން މިދަނީ. ރިޔާސީ ގަނޑުވަރެއް ވީމަ ތަންތަން ތަޅާ ހަދަން އުދަނގޫތައް ކުރިމަތިވޭ. ސީދާ ފެން ލީކުވަނީ ކޮންތާކުން ކަމެއް ނޭނގޭ. ފެން ލީކުވާ ތަން ހޯދުމުގެ މަސައްކަތް މިކުރަނީ.ޑީޖޭއޭގެ ޑިރެކްޓަރ އަބްދުއްވާހިދު އިބްރާހިމް
ތީމުގެއަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި، ދައުލަތުގެ އެންމެ އިސްވެރިޔާ ހުންނެވުމަށް އިމާރާތްކުރި ތަނެކެވެ. ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަންދީގެ އިމާރާތްކުރި އެ ތަން، މައުމޫންގެ ވެރިކަން ނޮވެމްބަރު 11، 2008 ގައި ބަދަލުވުމަށް ފަހު ބޭނުންކުރަނީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ބޭނުންތަަކަށެވެ.