Advertisement
ކ. މާލެ
|
27 ނޮވެންބަރ 2025 | ބުރާސްފަތި 19:15
ސެންޓާ އެންޓަ ޕްރައިޒަސްއިން ދައުލަތަށް ދައްކަން ކުރި ހުކުމް ހައި ކޯޓުން މަޑުޖައްސާލި އަމުރު ނެރުއްވި ބެންޗުގައި އިންނެވި ފަނޑިޔާރު ސަލީމް، ބުރާސްފަތި ދުވަހު އިސްތިއުނާފް މައްސަލައިގެ ބެންޗުގެ ރިޔާސަތުގައި
ސެންޓާ އެންޓަ ޕްރައިޒަސްއިން ދައުލަތަށް ދައްކަން ކުރި ހުކުމް ހައި ކޯޓުން މަޑުޖައްސާލި އަމުރު ނެރުއްވި ބެންޗުގައި އިންނެވި ފަނޑިޔާރު ސަލީމް، ބުރާސްފަތި ދުވަހު އިސްތިއުނާފް މައްސަލައިގެ ބެންޗުގެ ރިޔާސަތުގައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓް
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
ހައި ކޯޓުން އަމުރު ނެރުއްވި ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނެވުމުން ބުރާސްފަތި ދުވަހުގެ ޝަރީއަތް ވަނީ މެދުކަނޑާލާފަ

ސެންޓަ އެންޓަ ޕްރައިސަސްއަށް 32 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމަށް އަމަލުކުރުން ހައި ކޯޓުން ހުއްޓުވި މައްސަލާގެ އިސްތިއުނާފް ޝަރީއަތުގައި ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނެވީ ހައި ކޯޓުން އަމުރު ނެރުއްވި ފަނޑިޔާރެއްކަން އެނގުމުން ބުރާސްފަތި ދުވަހުގެ ޝަރީއަތް މެދުކަނޑާލައިފި އެވެ.

ސެންޓަ އެންޓަޕްރައިސަސްއަށް 32 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކުރުން މިދިޔަ މެއި މަހު ހައި ކޯޓުން ހުއްޓުވިއިރު، އެ އަމުރު އެ ކޯޓުން ނެރުއްވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު މުހައްމަދު ޝަނީޒުގެ ބެންޗަކުންނެވެ.

އެ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ މިދިޔަ ޖޫން މަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފަ އެވެ. މިއަދު ހައި ކޯޓުގެ އެ އަމުރުގެ އިސްތިއުނާފް ފެށިއިރު ބެންޗުގެ ރިޔާސަތުގައި ވެސް އިންނެވީ ފަނޑިޔާރު ސަލީމެވެ.

އިސްތިއުނާފްގެ މައްސަލަ ފެށީ، ބެންޗުގައި ފަނޑިޔާރު ސަލީމްގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު އަލީ ރަޝީދު ތިއްބަވައިގެންނެވެ. އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވާހަކަ ދައްކަމުން ދަނިކޮށް ފަނޑިޔާރު ޝުޖޫން، ފަނޑިޔާރު ސަލީމްގެ ކަންފަތް ކައިރީ އެއްޗެއް ވިދާޅުވާ ތަން ފެނުނެވެ. އޭގެ ފަހުން ދައުލަތުގެ ވާހަކަ ހުއްޓުވުމަށް ފަހު އަޑުއެހުން މެދުކަނޑާލި އެވެ.

އަޑުއެހުން އިރުކޮޅަކަށް މެދުކަނޑާލުމަށް ފަހު އަލުން ފެށި އިރު ހައި ކޯޓުން އަމުރު ނެރުއްވި ފަނޑިޔާރަކު، ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ކަން ވިދާޅުވަނީ ވެސް ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ސަލީމެވެ. މިއީ ޝަރުއީ އުސޫލުތަކާ ހިލާފު ކަމަށް ފެންނާތީ މައްސަލަ ބެލުން މެދުކަނޑާލުމަށް ނިންމެވި ކަމަށް ބެންޗުން ހާމަކުރި އެވެ.

ހައި ކޯޓުން އަމުރު ނެރުމުގައި ބައިވެރިވި ފަރާތެއް މިހާރު މި މައްސަލައިގެ ބެންޗުގައި މި އިންނެވީ. އެހެންވެ އެ ކަމާ މެދު ގޮތެއް ނިންމާފައި މައްސަލަ ކުރިއަށް ގެންދެވޭނީ. މިހާ ހިސާބުން ޝަރީއަތުގެ މަޖިލިސް މިއަދަށް މި ނިންމާލީ

ފަނޑިޔާރު މުހައްމަދު ސަލީމް

މި މައްސަލައިގެ ބެކްގްރައުންޑަކީ ސެންޓަ އެންޓަ ޕްރައިސަސްއަށް ފައިސާ ދައްކަން ދައުލަތުގެ މައްޗަށް ހުކުމް އައީ ޑިޕާޓްމެންޓް އޮފް މެޑިކަލް ސާވިސަސް އަށް 2006 އިން 2008 ގެ ނިޔަލަށް ފޯރުކޮށްދިން މުދަލުގެ އަގަށްވާ 32.7 މިލިއަން ރުފިޔާ ނުލިބިގެން ސިވިލް ކޯޓުގައި ދައުވާ ކުރުމުންނެވެ.

އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރުމުން އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކޮށް، ސިވިލް ކޯޓުގެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދުނެވެ. އެހެންވެ، ހައި ކޯޓުން އޭރު އެންގީ އިސްތިއުނާފް ނިމެންދެން އެ ފައިސާ ސިވިލް ކޯޓުގައި ދޫނުކޮށް ބެހެއްޓުމަށެވެ.

މި މައްސަލާގައި ބަންޑާރަ ނައިބުގެ އޮފީހުން އޮޑިޓަ ޖެނެރަލްގެ އޮފީހުގައި އޮޑިޓެއް ހެދުމަށް އެދުމުން، އެ މަސައްކަތުގެ ތެރެއިން ސައްހަ ނޫން އިންވޮއިސްތަކެއް ކޯޓަށް ސެންޓާ އެންޓަޕްރައިޒަސްއިން ހުށަހެޅިކަން އޮޑިޓް އޮފީހުން ފާހަގަކުރި އެވެ. މި ފާހަގަކުރުމަކީ މި މައްސަލާގައި ސުވާލު އުފެދޭ ކަމެއް ކަމަށް ދައުލަތުން ދެކެ އެވެ.

މި މައްސަލަ ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން މިހާރު ފުލުހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. މި މައްސަލާގައި ސައްހަ ނޫން އިންވޮއިސްތައް ހުށަހެޅުމުގެ ތުހުމަތުގައި ތަހުގީގު ކުރިއަށް ދާއިރު، ދައުލަތުން ދައްކަން ޖެހޭ 32 މިލިއަން ރުފިޔާގެ ހުކުމް ތަންފީޒުކުރުން މިހާރު ހުއްޓިފައިވަނީ ހައި ކޯޓުގެ އަމުރުންނެވެ.

- ކޮމެންޓް