އިޓާލިއަން ލީގުގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، އެއް ވަނައިގައި ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު ނަޕޯލީ އިން ނަގާލައިފި އެވެ.
ރޯމާގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ނަޕޯލީ އިންނެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތުގައި ލަނޑު ޖަަހައިގެން ރޯމާ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ނަޕޯލީ އަށް ލީޑު ނަގައިދިނީ ލިއޮނާޑޯ ސްޕިނަޒޯލާ އެވެ. އެއީ ހުއާން ޖީސުސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގައި ނަޕޯލީ އިން ވަނީ އިތުރު ލަނޑު ޖަހާނެ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ރޯމާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަންގެލީނޯ އެވެ.
މެޗު އެއްވަރުވެ ނަޕޯލީ އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 23 މެޗުން 54 ޕޮއިންޓާ އެކު އެވެ. ނަޕޯލީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އިންޓަރ މިލާނަށް ލިބެނީ 51 ޕޮއިންޓެވެ. އެހެންކަމުން ދެން ކުޅޭ މެޗުން މޮޅުވެ، ޕޮއިންޓުގެ ގޮތުން ނަޕޯލީއާ ހަމަކުރުމުގެ ފުރުސަތު އިންޓަރ އަށް އޮންނާނެ އެވެ.