ޖަރުމަނު ލީގުގައި ހޮފެންހައިމާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަން އިން ލީގު ތާވަލްގެ ދެ ވަނައިގައި އޮވެއްޖެ އެވެ.
ލެވަކޫސަންގެ އަމިއްލަ ދަނޑުގައި ހޮފެންހައިމާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލެވަކޫސަން އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ފަހު ހާފުގަ އެވެ. މި ހާފުގައި ހޮފެންހަައިމުން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.
މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ލެވަކޫސަނަށް ލީޑު ނަގައިދިނީ ވިކްޓޯ ބޮނިފޭސް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެލެކްސް ގްރިމާލްޑޯ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ލެވަކޫސަންގެ ދެ ވަނަ ލަނޑު ޖެހީ ޖެރެމީ ފްރިމްޕޮން އެވެ. އެއީ އެލެއިކްސް ގާސިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ޕެޓްރިކް ޝިކް ވަނީ ލެވަކޫސަންގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ފަހުން ލެވަކޫސަންގެ ގްރިމާލްޑޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އެއް ކުޅުންތެރިޔަކު މަދުންް ކުޅެމުން ދިޔަ ލެވަކޫސަން ކޮޅަށް ހޮފެންހައިމްގެ ހަމައެކަނި ލަނޑު، 62 ވަނަ މިނެޓުގައި ޖެހީ ގިފްޓް އޯބަން އެވެ.
މޮޅާއެކު ލެވަކޫސަން ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 20 މެޗުން 45 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަަނައިގައި ވާދަވެރި ބަޔާން މިއުނިކަށް ލިބެނީ 51 ޕޮއިންޓެވެ،