ސްޕެނިޝް ލީގުގައި ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން ލީގު ރޭހުގައި ވިއްދައިފި އެވެ.
އާދީއްތަ ދުވަހުގެ ރޭ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ބާސެލޯނާ އިން ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ބާސެލޯނާގެ ރަފީނިއާ ފޮނުވާލި ބޯޅަ ދިޔައީ، އަލަވޭސްގެ ގޯލު ދަނޑި ކައިރިން ބޭރަށެވެ. އޭގެ ފަހުން ބާސެލޯނާ އަށް ލިބުނު ހިލޭ ޖެހުމެއްގައި ރަފީނިއާ ހުރަސްކޮށްދިން ބޯޅަ އަށް ރޮބާޓް ލެވަންޑޯސްކީ މަސައްކަތް ކުރި ނަމަވެސް، އަލަވޭސްގެ ގޯލު ކީޕަރު ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.
އޭގެ ފަހުން އަލަވޭސްގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ލެވަންޑޯސްކީ ފޮނުވާލި ނަމަވެސް، އެ ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ. މެޗުގައި ބާސެލޯނާ އިން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 61 ވަނަ މިނެޓުގައި ބާސެލޯނާގެ ލަމީން ޔަމާލް ފޮނުވާލި ބޯޅަ، ލެވަންޑޯސްކީ ވަނީ އެއް ފަހަރުން ޖަހައި ގޯލަށް ވައްދާލައިފަ އެވެ.
މޮޅާއެކު ބާސެލޯނާ އޮތީ ތިން ވަނައިގަ އެވެ. ނަމަވެސް ލީގު ރޭހުގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. މިހާތަނަށް ކުޅެފައިވާ 22 މެޗުން ބާސެލޯނާ އަށް ލިބެނީ 45 ޕޮއިންޓެވެ. ހަމަ އެ އަދަަދަށް މެޗު ކުޅެގެން ދެ ވަނައިގައި އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 48 ޕޮއިންޓެވެ. އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 49 ޕޮއިންޓެވެ.