ކ. މާލެ
|
2 ފެބްރުއަރީ 2025 | އާދީއްތަ 09:10
މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޖަރުމަނު ލީގު
ހޯލްސްޓަން ކިއެލް އަތުން ބަޔާނަށް އުނދަގޫ މޮޅެއް
ހޯލްސްޓަން ކިއެލް އަތުން ލިބުނު އުނދަގޫ މޮޅާއެކު ބަޔާން އެއް ވަަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 20 މެޗުން 51 ޕޮއިންޓާ އެކު އެވެ.

ޖަރުމަނު ލީގުގައި ހޯލްސްޓަން ކިއެލްއާ ދެކޮޅަށް ކުޅުނު މެޗުން، ބަޔާން މިއުނިކަށް އުނދަގޫ މޮޅެއް ހޯދިއްޖެ އެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-3 އިންނެވެ. މެޗުގައި ބަޔާން އިން ހަތަރު ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، ހޯލްސްޓަން ކިއެލް އިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ބަޔާނަށް ކުރި ހޯދައިދިނީ ޖަމާލް މުސިއާލާ އެވެ. އޭނާ އެ ލަނޑު ޖެހީ މައިކް އޮލައިސޭ ތަނަަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބަޔާންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. އެއީ ކިންގްސްލީ ކޯމަން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޭން ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ކޭން ވަނީ ބަޔާންގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ފަހުން މެޗުގައި ބަޔާންގެ ހަތަރު ވަނަ ލަނޑު ޖެހީ ސާޖް ގްނަބްރީ އެވެ. މެޗުގައި ހޯލްސްޓަން ކިއެލްގެ ފުރަތަމަ ލަނޑު ޖެހީ ޕިން ޕޯރާތު އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެ ޓީމުން ވަނީ އިތުރު ލަނޑު ޖަހައިފަ އެވެ. އެ ދެ ލަނޑު ވެސް ހޯލްސްޓަން ކިއެލް އަށް ޖަހައިދިނީ ސްޓީވެން ސްކީބާސްޒީ އެވެ.

ހޯލްސްޓަން ކިއެލް އަތުން ލިބުނު އުނދަގޫ މޮޅާއެކު ބަޔާން އެއް ވަަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކުންނެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 20 މެޗުން 51 ޕޮއިންޓާ އެކު އެވެ. ބަޔާނަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަނަށް ލިބެނީ 41 ޕޮއިންޓެވެ.

- ކޮމެންޓް