ހދ. ހިރިމަރަދޫ މީހުން ހދ. ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
އާބާދީގައި 270 އެއްހާ މީހުން ދިރިއުޅޭ ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދޭން ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް މިނިސްޓްރީގައި އެ ރަށު ކައުންސިލުން އެދިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެެމްބަރު މަހުގައެވެ.
ހިރިމަރަދޫ ކައުންސިލުން އޭރު އެދުނީ ކ. ތުލުސްދޫ އަށް ބަދަލުކޮށްދޭށެވެ. ތުލުސްދޫ އަށް ބަދަލުވާން ބޭނުންވީ އެއީ މާލެ ކައިރީގައި އޮންނަ ރަށަކަށްވާތީ ކަމަށް އެ ރަށުގެ ކައުންސިލުން ބުނެއެވެ.
އެކަމަކު ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "އެކްސް" ގައި ހޮނިހިރު ދުވަހު ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެރަށު ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފިކަމަށެވެ.
ހިރިމަރަދޫ ކައުންސިލުން އެދުނު ގޮތަށް ތުލުސްދޫއަށް ބަދަލުކޮށް ނުދީ، އޭގެ ބަދަލުގައި ހަނިމާދޫ އަށް ބަދަލުކުރަން ނިންމި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
މިކަމާއި ގުޅިގެން ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ހިރިމަރަދޫ އަކީ މީސްކޮޅު މަދު އަދި ގާމަތި ރަށެއް ކަމަށާއި އެ ރަށުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ވެސް ލިބެން ނެތްކަމަށެވެ. އަދި ކާބޯތަކެތި ވެސް، ހަނޑޫ، ފުށް، ހަކުރު ފަދަ ތަކެތިވެސް މުޅިންހެން ގަންނަށް ދާން ޖެހެނީ ކުޅުދުއްފުޢްޓަށް ކަމަށާއި ރަށުން އެތަކެތި ލިބެން ނުހުންނަކަމަށެވެ.
އަދި ހަމައެއާއި އެކު ބޭސްފަރުވާ އާއި ރަނގަޅު ތަޢުލީމެއް ވެސް ހިރިމަރަދޫ އިން ލިބެން ނެތްކަމަށާއި ރަށުގެ ރައްޔިތުން އެހެން ރަށަކަށް ދިރިއުޅުން ބަދަލުވުމަށް ބޭނުންވި އެންމެ ބޮޑު ސަބަބަކީ ވެސް އެއީ ކަމަށެވެ.
މީގެ އިތުރުން ވަހީދު ވިދާޅުވީ ހިރިމަރަދޫގެ ރައްޔިތުން އެއްފަސްކުރުމުގެ ސިޔާތަުގެ ދަށުން އެހެން ރަށަކަށް ބަދަލުވާން މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ ކަމަށެވެ. އެހެން ނަމަވެސް ހިރިމަރަދޫ ރައްޔިތުންގެ މި ކަންބޮޑުވުމަށް ހައްލެއް މިއަދު ހޯދިފައިވާ ކަމަށާއި މި ހައްލު ހޯދައިދިނީ ރައީސް މުއިއްޒުގެ މި ސަރުކާރުން ކަމަށެވެ.
އޭނާ އިތުރަށް ބުނީ އެ އަތޮޅު ހަނިމާދޫ އަކީ މުސްތަގުބަލުގައި އެންމެ ބޮޑަށް ތަރައްޤީވެ، ކުރި އަރައިދާނެ ކަމަށް ބެލެވޭ ރަށް ކަމަށާއި ހަނިމާދޫއަށް ބަދަލުވާން ނިންމީ ރަށުގެ ހުރިހާ ރައްޔިތުންވެސް ބޭނުން ވެގެން ކަމަށެވެ. އަދި ކުރިން ތުލުސްދޫއަށް ބަދަލުވުމަށް އެދިފައިވީ ނަމަވެސް އެކަމަށް އޭރު މާ ބޮޑުސަމާލުކަމެއް ލިބިފައި ނުވާކަން އޭނާ ފާހަގަކުރިއެވެ. ނަމަވެސް ހަނިމާދޫއަށް ބަދަލުވާން ފުރުސަތު ލިބުމުން އެއީ ރައްޔިތުން މާ އުފާކުރާ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރަން ނިންމާފައިވާއިރު، ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ހިޖުރަ ކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބަަލަން ސާވޭއެއް ކުރުމަށް ނިންމާފައިވާކަން ލޯކަލް މިނިސްޓަރު އާދަމް ޝަރީފް ވަނީ ހުކުރު ދުވަހުގެ ރޭ ވިދާޅުވެފަ އެވެ.
އެ މިނިސްޓްރީގެ 5 އަހަރުގެ އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ހުކުރު ދުވަހުގެ ރޭ ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި އާދަމް ޝަރީފް ވިދާޅުވީ އެ ސާވޭ ކުރިއަށް ގެންދަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށެވެ.