ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމު ކޮށްގެން ބާއްވާ، "ކެރަމް ވެޓަރަންސް ޗެމްޕިއަންޝިޕް" ގެ ދެ ވަނަ މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ޙަސަން ލަޠީފް އަދި އިބްރާހީމް ލިފާއުގެ ޕެއާ އިން ކާމިޔާބު ކޮށްފި އެވެ.
މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވާ ވަނީ ދެ އިވެންޓަކަށެވެ. އެއީ އޯޕަން ސިންގަލްސް އަދި އޯޕަން ޑަބަލްސް އެވެ. މީގެ ތެރެއިން ޑަބަލްސް އިވެންޓުގެ ކުޅުން މިހާރު ވަނީ ނިމިފަ އެވެ.
ޑަބަލްސް އިވެންޓުގެ ފައިނަލްގައި ލަތީފް އަދި ލިފާއުގެ ޕެއާ ނިކުމެފައި ވަނީ އަފީފުންނިސާ އަދި އަޙުމަދު ހާމިދުގެ ޕެއާއާ ދެކޮޅަށެވެ. ފައިނަލް މެޗު ލަތީފް އަދި ލިފާއުގެ ޕެއާ އިން ކާމިޔާބު ކުރީ ދެ ސެޓު އެެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު އަފީފުންނިސާ އަދި ހާމިދުގެ ޕެއާ އިން ކާމިޔާބު ކުރީ 25-16 އިންނެވެ. ނަމަވެސް ލަތީފް އަދި ލިފާއު ވަނީ ދެން ކުޅުނު ދެ ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ. އެއީ ދެ ވަނަ ސެޓު 21-24 އަދި ތިން ވަނަ ސެޓު 05-24 އިންނެވެ.
ޑަބަލްސް އިވެންޓުގެ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި ބައްދަލުކޮށްފައި ވަނީ ޢަބްދުﷲ އިސްމާއީލް އަދި އިބްރާހީމް މޫސާގެ ޕެއާ އާއި، އިބްރާހީމް މުޙައްމަދު އަދި އާމިރުގެ ޕެއާ އެވެ. މި މެޗު ޢަބްދުﷲ އިސްމާއީލް އަދި އިބްރާހީމްގެ މޫސާގެ ޕެއާ އިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ދެ ސެޓު ވެސް 25-00 އިންނެވެ.
މުބާރާތުގެ ސިންގަލްސް އިވެންޓުގެ ފައިނަލް މެޗު އާދީއްތަ ދުވަހު ކުރިއަށް ދާނެ އެވެ.