ރަދުން ވިދާޅުވާ ގޮތަށް ކަންކުރުމަކީ 16 ވަނަ ޤަރުނުގެ އަމަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެރޭ ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރަދުން ވިދާޅުވާ ގޮތަށް ހުރަގޭގައި މީހުން ބަންދުކޮށް، ރައްޔިތުންގެ މައްޗަށް އަނިޔާވެރިވެ، ރައްޔިތުން އަޅުވެތި ކުރުމަކީ 16 ވަނަ ޤަރުނުގެ އަމަލެއް ކަމަށެވެ.
ސައުދު މިފަދައިން ވިދާޅުވެފައިވާއިރު، ދާދިފަހުން ސައުދު ހައްޔަރުކޮށް، ގިނަ ދުވަސްތަކެއް ވަންދެން އޭނާ ވަނީ ފުލުހުންގެ ބަންދުގައި ބަހައްޓާފައެވެ. އެކި ފަހަރުމަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު، އޯގަސްޓް 20 ވަނަ ދުވަހު ސައުދުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާއިއެކު ސައުދު ވަނީ ދޫކޮށްލާފައެވެ.
ސައުދުގެ މައްޗަށް ކޮށްފައިވާ ޝަރުތުތަކަކީ، ރޭގަނޑު 21:00 އިން ހެނދުނު 07:00 އަށް ދިރިއުޅޭ ގެއިން ބޭރަށް ނުގޮސް، ގޭގައި ހުރުމާއި، މައްސަލައިގައި ހެކިބަސްދޭން ހުރި މީހަކާއި ބައްދަލުކޮށް، ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ވަގުތެއްގައި ކޯޓަށް ހާޒިރުވުމެވެ.
މަޢުލޫމާތު ލިބިފައިވަ ގޮތުގައި މީގެ ތެރެއިން ފުރަތަމަ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރޭގަނޑު 21:00 އިން ހެނދުނު 07:00 އަށް ދިރިއުޅޭ ގެއިން ބޭރަށް ނުގޮސް، ގޭގައި ހުރުމުގެ ޝަރުތު މިހާތަނަށް އާންމުކޮށް ކޮށްފައިވަނީ ޚާއްސަކޮށް މާރާމާރީ އާއި ފޭރުމާއި ވައްކަން ފަދަ ކުށުގެ ރިކޯޑް އޮންނަ ބޮޑެތި ކުށްވެރިންނަށެވެ.
ސައުދުގެ ޓްވީޓްގައި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުމާއި، ރައްޔިތުން އަޅުވެތި ކުރުމުގެ ވާހަކަ ގެންނަވާފައިވާއިރު، މިހާރުގެ ސަރުކާރަށް ރައްޔިތުން ދަނީ މި ދެ ކުށުގެ ތުޙުމަތު ވަރަށް ބޮޑަށް ކުރަމުންނެވެ.