ކ. މާލެ
|
31 ޖެނުއަރީ 2025 | ހުކުރު 16:07
މާލޭގައި އިމާރާތްތް ކުރަމުން ދިޔަ އިމާރާތެއްގެ މަސައްކަތް ހުއްޓިފައި
މާލޭގައި އިމާރާތްތް ކުރަމުން ދިޔަ އިމާރާތެއްގެ މަސައްކަތް ހުއްޓިފައި
ރާއްޖެއެމްވީ
އިމާރާތް ކުރުމުގެ ވިޔަފާރި
ކޮންސްޓްރަކްޝަން އިންޑަސްޓްރީ ބޮޑުތަނުން ފުނޑިއްޖެ
އިމާރާތް ކުރުމުގެ ވިޔަފާރީގެ ދާއިރާ 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އިތުރަށް 26 ޕޮއިންޓް ދަށަށް ގޮސް މައިނަސް 35 އަށް ވެއްޓިފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތައް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަ ކޮށްފިއެވެ.

އެމްއެމްއޭ އިން ނެރުނު ކުއަރޓާލީ ބިޒްނަސް ސާވޭގެ ހަތަރުވަނަ ކުއަރޓާ ރިޕޯޓުގައި އިމާރާތްކުރުމުގެ ހަރަކާތްތައް ކުރިއަށް ދިޔަ މިންވަރު ދައްކުވައިދޭ އިންޑެކްސް ނެގެޓިވްކޮށް ހުރިއިރު، 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އިތުރަށް 26 ޕޮއިންޓް ދަށަށް ގޮސް މައިނަސް 35 އަށް ވެއްޓިފައިވާ ކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ، ކުންފުނިތަކަށް މަސައްކަތް ލިބޭ މިންވަރު ދައްކުވައިދޭ އިންޑެކްސް އިތުރަށް 15 ޕޮއިންޓް ދަށަށް ގޮސް މައިނަސް 38 އަށް ވެއްޓިފައިވާއިރު، 53 އިންސައްތަ ކުންފުނިތަކުން ބުނެފައިވަނީ ލިބޭ އޯޑަރުތަކުގެ މިންވަރު ދަށްވެފައިވާ ކަމުގައެވެ.

މުވައްޒަފުންގެ އަދަދު ދައްކުވައިދޭ އިންޑެކްސް 25 ޕޮއިންޓް ދަށަށް ގޮސް 2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި މައިނަސް 24 އަށް ވެއްޓިފައިވުމާއެކު، އިމާރާތް ކުރުމުގެ ދާއިރާ އިން ވަޒީފާތައް މަދުވެފައިވާކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ. މުސާރައާއި މުވައްޒަފަކަށް ޖެހޭ އެހެނިހެން މަސައްކަތުގެ ޚަރަދުތައް ދައްކުވައިދޭ އިންޑެކްސް ޕޮޒިޓިވްކޮށް ހުރި ނަމަވެސް، މި އިންޑެކްސް މުރާޖަޢާކުރެވުނު ކުއާޓަރުގައި 25 ޕޮއިންޓް ދަށަށް ގޮސް މައިނަސް 6 އަށް ވެއްޓިފައިވެއެވެ.

2024 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި މި ދާއިރާގައި އަގުތައް މައްޗަށް ގޮސްފައިވާކަންވެސް އެމްއެމްއޭ ގެ ސާވޭ އިން ވަނީ ހާމަވެފައެވެ. އިންޕުޓް އަގުތަކުގެ އިންޑެކްސް 21 ޕޮއިންޓް އިތުރުވެ 69 އަށް މައްޗަށް ވަނީ ގޮސްފައެވެ.

ކުންފުނީގެ މާލީ ހާލަތު ދައްކުވައިދޭ އިންޑެކްސް މައިނަސް 24 ގައި ހުރިކަން ފާހަގަވެއެވެ. އޭގެ އިތުރުން ކުންފުނީގެ ޖުމްލަ ވިޔަފާރީގެ ހާލަތު ދައްކުވައިދޭ އިންޑެކްސް ނެގެޓިވް އަށް ބަދަލުވެ، މުރާޖަޢާކުރެވުނު ކުއާޓަރުގައި 37 ޕޮއިންޓް ދަށަށް ގޮސް މައިނަސް 15 އަށް ވެއްޓިފައިވެއެވެ.

- ކޮމެންޓް