ކ. މާލެ
|
31 ޖެނުއަރީ 2025 | ހުކުރު 13:08
ހުކުރު ޚުތުބާ އަޑު އަހަނީ
ހުކުރު ޚުތުބާ އަޑު އަހަނީ
ރާއްޖެއެމްވީ
ހުކުރު ޚުތުބާ - ޤަޟާ ޤަދަރަށް އީމާންވުން
ޤަޟާޤަދަރަށް އީމާންވާ މީހަކު ފިތުނައިގެ ސަބަބުން ގުޑުގުޑުއަޅައިގެން ނުދާނެ: ޚުތުބާ
ޤަޟާޤަދަރަށް އީމާންވާ މީހަކަށް ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެ
އޭނާއަށް ދިމާވެފައިވާ ކަންކަމާ، ހިތާމަކޮށް ފުރާނައަށް ގެއްލުމެއް ނުދޭނެ
މާތް الله އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ތަކުލީފެއް ނުޖައްސަވާނެ

ޤަޟާޤަދަރަށް އީމާންވާ މީހަކު ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހުމާއެކު ކަމަށާއި، ފިތުނައިގެ ސަބަބުން ގުޑުގުޑުއަޅައިގެން ނުދާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ޤަޟާ ޤަދަރަށް އީމާންވުން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ޤަޟާޤަދަރަށް އީމާންވާ މީހަކަށް ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެ ކަމަށެވެ. ހުރިހާ ކަމެއް މެދުވެރިވެގެންދަނީ މާތް اللهގެ އިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިޢުތިގާދުކުރާ ބަޔަކު ބިރުގަނެ، ހިތްނުތަނަވަސްވެ، މާޔޫސްވާކަށް ނުޖެހޭނެ ކަމަށާއި، އޭނާއަށް ދިމާވެފައިވާ ކަންކަމާ، ހިތާމަކޮށް ފުރާނައަށް ގެއްލުމެއް ނުދޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން މާތް الله އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ތަކުލީފެއް ނުޖައްސަވާނެ ކަމަށާއި، އެކަލާނގެއީ އެންމެ އަދުލުވެރި ރަސްކަލާނގެކަމާއި، ދިމާވާ މުސީބާތްތަކުގައި، އެންމެ ވަރުގަދަ ހަތިޔާރަކަށް ޤަޟާޤަދަރަށް އީމާންވުމާއި، ކެތްތެރިކަން އިސްކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ. އަދި އީމާންކަމާއި، ކެތްތެރިކަމުން ހިމާޔަތް ލިބިގެންފިނަމަ، ދުނިޔެއާއި އާޚިރަތުގައި ދަރުމައާއި، ސަވާބު ހިސާބެއްނެތި ދެއްވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.           

މާތްﷲ ވަޙީކުރައްވާފައި ވެއެވެ. މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ﷲ އަޅަމެންނަށް ލިޔުއްވައިފައިވާކަމެއް މެނުވީ، އަޅަމެންނަކަށް ނުޖެހޭނެތެވެ. އެކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، مؤمن ން ހަމައެކަނި، ﷲ އަށް وكيل ކުރާހުށިކަމެވެ!" މާތް ﷲ މި ކައުނުގައި ލައްވައިފައިވާ ހުރިހައި ކަމެއް  ލައްވައިފައިވަނީ އަޅުތަކުންގެ މަޞްލަޙަތަށް ޓަކައެވެ. އަހަރެމެންނަށް އެ ކަން އެނގުނުކަމުގައި ވިޔަސް، އަދި ނޭނގުނު ކަމުގައި ވިޔަސް ހިނގާ ހުރިހައި ކަމަކީ އެ ކަމުގައި އެންމެ މަޞްލަޙަތު ހުރި ގޮތެވެ. އެކަލާނގެ ހައްދަވައިފައިވާ ތަކެއްޗާއި އެ ތަކެއްޗަށް މިންވަރުކުރައްވައިފައިވާ ގޮތް ދެނެވޮޑިގެންވަނީ ހަމަ އެކަލާނގެއެވެ. އެކަލާނގެއީ ހުރިހައި އުނިސިފަތަކަކުން ހުސްދުރުވެވޮޑިގެންވާ ރަސްކަލާނގެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "ތިމަންރަސްކަލާނގެ އުޑާއި، ބިމާއި، އެ ދެމެދުގައި ވާހައި ތަކެތި، ކުޅިވަރެއްގެ ގޮތުގައެއް ނަހައްދަވަމެވެ.
ހުކުރު ޚުތުބާ

ޚުތުބާގައި ބުނީ ޤަޟާ ޤަދަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ހަވަނަ ރުކުން ކަމަށްވާއިރު، ޤަޟާ ޤަދަރަށް ފުރިހަމައަށް އީމާންނުވާ ނަމަ، އޭނާގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށެވެ.

ޤަޟާ ޤަދަރަށް ނުވަތަ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމުގައި ހަތަރު ކަމަކަށް އީމާންވާން ޖެހޭކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އޭގެ ތެރެއިން ފުރަތަމަ ކަމަކީ، الله سُبْحَانَهُ وَتَعَالَى ހުރިހައި ކަމެއް ދެނެވޮޑިގެންވާކަމަށް އީމާންވުމެވެ. ދެވަނަ ކަމަކީ اَللَّوْحُ الْمَحْفُوْظُ ގައި، الله سُبْحَانَهُ وَتَعَالَى ހުރިހައި ކަމެއް ލިޔުއްވައިފައިވާކަމަށް އީމާންވުމެވެ. ޤަޟާ ޤަދަރަށް އީމާންވުމުގައި އީމާންވާން ޖެހޭ ތިންވަނަ ކަމަކީ ކޮންމެ ކަމެއްވެސް ހިނގަމުންދަނީ ﷲގެ އިރާދަފުޅުންކަމާއި، އިރާދަފުޅާ ނުލައި އެއްވެސްކަމެއް ނުހިނގާނެކަމަށް އީމާންވުމެވެ. އަދި ޤަޟާ ޤަދަރަށް އީމާންވުމުގައި އީމާންވާން ޖެހޭ ހަތަރުވަނަ ކަމަކީ ކައުނާއި ކައުނުގައި ވާހައި ތަކެއްޗެއް ހެއްދެވީ الله سُبْحَانَهُ وَتَعَالَىކަމަށް އީމާންވުމެވެ. އޭގެ ތެރޭގައި ހުރިހާ މަޚުލޫގޫން ކުރާކަންތަކާއި އެ މަޚުލޫގުންތަކަށް ލިބިފައިވާ ކުޅަދާނަކަމަކާއި ހުރިހައި ބާރެއް ވެސް ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.            

- ކޮމެންޓް