ސަލްޓަން ޕާކު ތަރައްޤީކޮށް، ރަސްރަނި ބަގީޗާގެ ނަމުގައި އެ ޕާކު ހުޅުމުވަށް ހޯމަ ދުވަހުގެރޭ ރަސްމިއްޔާތެއް ބާއްވަމުން ދަނިކޮށް ވާރޭވެހި އެ ޕާކަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
ހޯމަ ދުވަހުގެރޭ ސަލްޓަން ޕާކުގައި ބޭއްވި ރަސްމިއްޔާތު ކުރިއަށް ދަނިކޮށް، ވާރޭވެހެން ފެށުމުން، ޕާކުގައި ތައްޔާރު ކޮށްފައިވާ ސްޓޭޖް ހިޔާ ކުރުމަށް ދަމާފައިވާ ސަތަރިގަނޑުގައި ފެންހަރުލައި، ސަތަރިގަނޑު ހަރު ކުރުމަށް ބޭނުން ކޮށްފައިވާ ބޯލްޓެއް ކަނޑައިގެން ދިއުމުގެ ސަބަބުން އެ ރަސްމިއްޔާތު ވަނީ މެދުކަނޑާލާފައެވެ.
ރަސްމިއްޔާތު މެދުކަނޑާލުމަށް ފަހު ސަތަރިގަނޑު ކަފާލައިގެން، ސަތަރިގަނޑުގައި ހަރުލާފައިވާ ފެން ހުސްކޮށްފައި ވީނަމަވެސް، ފަހުން ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ ސްޓޭޖަކު ނޫނެވެ.
ރަސްރަނި ބަގީޗާގެ ނަމުގައި ސަލްޓަން ޕާކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ސްޓޭޖްގެ 'ފުރާޅު' ހަލާކުވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
ސިފައިންގެ ކުންފުނި، ސިފްކޯ އާއި ހަވާލު ކޮށްގެން، ސިފައިން ލައްވައި މަސައްކަތްކޮށް، ގިނަ ދުވަސްތަކަކުން ތައްޔާރު ކުރި މި ޕާކް ރާއްޖޭގެ ފުރަތަމަ އައިސް ސްކޭޓިންގ ރިންގްވެސް ހިމަނަން ނިންމާފައިވާއިރު، ޕާކުގެ އައިސްރިންގް ހިމެނޭ ބައި އަދި ހުޅުވާފައެއް ނުވެއެވެ.