އެމެރިކާގެ ރައީސްގެ ސިޔާސަތުތަކާ ދެކޮޅަށް އަޑު އުފުލާ ވައިޓް ހައުސް ކުރިމަތީގައި އެތައް ބަޔަކު މުޒާހަރާ ކޮށްފިއެވެ.
މުޒާހަރާ ކުރި މީހުން ވަނީ ޓްރަމްޕް ބޭރުގެ އެހީ ކަނޑާލުމާއި، އަދި އޭނާ ގެންގުޅުއްވާ އިމިގްރޭޝަން ސިޔާސަތުތަކާ ދެކޮޅަށް އަޑު އުފުލާފައެވެ.
އަންގާރަ ދުވަހު ވައިޓް ހައުސްގެ ބޭރުގައި މުޒާހަރާ ކުރި މީހުން "މިއީ ތޯ ޑިމޮކްރަސީގެ ސިފައަކީ" ފަދަ އިބާރާތްތައް ގޮވަމުން، "ފަންޑުތައް ދޫކޮށްލާ" ފަދަ އިބާރާތްތައް ލިޔެފައިވާ ބެނާތައް ވަނީ އުފުލާފައެވެ.
ޓްރަމްޕް ވަނީ އެމެރިކާ އިން ބޭރުގެ ގައުމުތަކަށް ދެމުން އައި ޓްރިލިއަން ޑޮލަރުގެ އެހީ ކުއްލި ގޮތަކަށް ހުއްޓާލައްވާފައެވެ.
މި ނިންމެވުމާ ގުޅިގެން މުޅި ޤައުމުގައި ފުޅާ ދާއިރާއެއްގައި ދެކޮޅުވެރިކަން ދަނީ ފާޅު ކުރަމުންނެވެ. ޑިމޮކްރެޓުން ވަނީ ޓްރަމްޕްގެ މި ނިންމެވުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވައުދުވެފައެވެ.
ޓްރަމްޕްގެ ސަރުކާރުން ފެޑެރަލް ގްރާންޓްތަކާއި ލޯނުތައް ހުއްޓުވާލުމަށް އިޢުލާނުކުރުމާ ގުޅިގެން، ސަރުކާރުގެ ތެރޭގައާއި، ކޮންގްރެސްގައާއި، ސްޓޭޓް ޕްރޮގްރާމްތަކުގެ އިތުރުން ފަންޑިންގގެ މައްޗަށް ބަރޯސާވާ އެތައް ޖަމްޢިއްޔާތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި އޮޅުންބޮޅުމުގެ ހާލަތާ ވަނީ ކުރިމަތިވެފައެވެ.
މި އަމުރުގެ ސަބަބުން ތަޢުލީމާއި، ޞިއްޙަތާއި، ފަގީރުކަން ނައްތާލުމާއި، ކާރިސާތަކުގައި އެހީތެރިވުމުގެ ސްކީމްތަކަށް ހުރަސް އެޅިދާނެކަމަށް ބުނެ ފާޑުކިޔާ ފަރާތްތަކުން ވަނީ އިންޒާރު ދީފައެވެ.
ޓްރަމްޕްގެ އިދާރާގެ އިސްވެރިން ބުނެފައިވަނީ ފަންޑިން މެދުކަނޑާލީ ހުރިހާ ދާއިރާއެއްގައި ވެސް ހިނގަމުންދާ މަޝްރޫއުތަކަކީ ޓްރަމްޕްގެ ސިޔާސަތުތަކާއި އެމެރިކާގެ މަސްލަހަތުތަކާ އެއްގޮތައް ހިނގަމުންދާ މަޝްރޫއުތައް ކަން ކަށަވަރު ކުރުމުގެ ބޭނުމުގައި ކަމަށެވެ.
ފެޑެރަލް ބަޖެޓް ބަލަހައްޓާ އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓް އިން ނެރުނު މެމޯއެއްގައި ބުނެފައިވާ ގޮތުގައި އެހީ ދިނުން ހުއްޓާލި ފަރާތްތަކުގެ ތެރޭގައި "ބޭރުގެ އެހީ" އަށް އަދި ބަރޯސާވާ ޖަމާއަތްތަކާއި "ސަރުކާރުގެ ނޫން ޖަމްޢިއްޔާތަކަށް" ދޭން ހަމަޖެހިފައިވާ ފައިސާވެސް ހިމެނެއެވެ.
އަންގާރަ ދުވަހުގެ ފަހު ވަގުތެއްގައި، ފެޑެރަލް ފަނޑިޔާރަކު ވަނީ ޓްރަމްޕްގެ އެހީ ދިނުން ހުއްޓުވުމުގެ އަމުރު ވަގުތީގޮތުން ހުއްޓުވާފައެވެ. މިކަން ކުރީ އެ އަމުރު ތަންފީޒުކުރަން ފެށުމުގެ މިނެޓުތަކެއް ކުރިންނެވެ.