ކ. މާލެ
|
29 ޖެނުއަރީ 2025 | ބުދަ 14:24
ހއ. ދިއްދޫގައި އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ހައުސިންގ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން - ނޮވެމްބަރު 2022
ހއ. ދިއްދޫގައި އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ހައުސިންގ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން - ނޮވެމްބަރު 2022
ރާއްޖެއެމްވީ
ރަށްރަށުގައި ހައުސިންގ ޔުނިޓް އެޅުން
57 ރަށެއްގައި 12،000 ށް ވުރެ ގިނަ ހައުސިންގ ޔުނިޓް އަޅަން ބުނި މަޝްރޫ އަށް އަދި ހުޅުވާލީ ޝައުގުވެރިވާ ކުންފުނިތަކުން ނަން ނޯޓު ކޮށްލަން އެކަނި
ބުދަ ދުވަހުގެ އިއުލާނުގައި ފިނޭންސުން ބުނީ އަދި ކޮންޓްރެކްޓަރުން ހޯދަން ވަކިވަކި އިއުލާނުތައް ކުރާނީ ތަފްސީލުތައް ލިބުމުން އަންނަ ފެބްރުއަރީ މަހުގައި ކަމަށް

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގއިން އިން 57 ރަށެއްގައި ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ މަޝްރޫއުގެ ބީލަމުގެ ޕްރީ ކޮލިފިކޭޝަން ގައި ނަންނޯޓު ކުރުމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ފިނޭންސް މިނިސްޓްރީން ކުރި މި އިއުލާނުގައި ބުނަނީ މި މަޝްރޫޢުގައި ހިމެނެނީ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ޑިޒައިންކޮށް އިމާރާތްކުރުން ކަމަށެވެ. މިކަން ކުރިއަށް ގެންދާނީ އޯޕަން ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އަދި އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ ޕްރޮސެސްއެއްގެ ތެރެއިން ކަމަށްވެސް ބުނެފައި ވެއެވެ.

މި މަޝްރޫއުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އިއުލާނުގެ އެނެކްސް 2 ގައި ކަނޑައަޅާފައިވާ ކެޓަގަރީތަކަށް އެކި ބާވަތުގެ ފައިނޭންޝަލް މޮޑެލް އޮޕްޝަންތައް ހުށަހެޅިދާނެ ކަމަށް ބުނެފައިވެއެވެ.

މަޝްރޫއަށް ފައިސާ ހަމަ ޖެހިފައިވާ ގޮތް އިއުލާނުގައި ހާމަ ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ބުނެފައިވަނީ ފައިނޭންޝަލް މޮޑެލްތަކާއި އެ މޮޑެލްތައް ބޭނުންކުރާނެ ގޮތުގެ ތަފްސީލު މަޢުލޫމާތު މި މަޝްރޫޢުގެ ދަށުން ކުރެވޭ ޓެންޑަރުތަކުގެ ސްޕެސިފިކް ޕްރޮކިއުމަންޓް ނޯޓިސްތަކާއެކު ދެވޭނެ ކަމަށެވެ.

އޭގެ އިތުރުން ބުނެފައިވަނީ ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއްގެ ތެރެއިން ބިޑިންގއަށް ހުޅުވާލެވޭ ވަކިވަކި ޕްރޮކިއުމަންޓް ނޯޓިސްތައް، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި، ވަކިވަކި މަޝްރޫއުތަކުގެ މައުލޫމާތު ލިބުމުން އިއުލާނު ކުރާނެ ކަމަށެވެ.

އިއުލާނުގައި ބުނެފައިވަނީ ޕްރީ-ކޮލިފިކޭޝަނަށް ދަޢުވަތުދޭ ލިސްޓުގައި ހިމެނުމަށް ޝައުގުވެރިވާ ފަރާތްތަކުން ނުވަތަ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށެވެ.

އިއުލާނާ އެކު ހާމަ ކުރި އެނެކްސް ގައި އެކި އަދަދަށް ހައުސިންގ ޔުނިޓް އަޅާނެ ކަމަށް ބުނެފައިވާ ރަށްތަކުގެ ލިސްޓެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

50 ހައުސިން ޔުނިޓު ނުވަތަ އެއަށް ވުރެ މަދުން ހައުސިން އިމާރާތް އަޅާ ރަށްތައް

51 އިން ފެށިގެން 150 ހައުސިން ޔުނިޓާ ދެމެދުގެ އިމާރާތްތައް އަޅާ ރަށްތައް

200 އިން ފެށިގެން 250 ހައުސިން ޔުނިޓާ ދެމެދުގެ އިމާރާތްތައް އަޅާ ރަށްތައް

300 ނުވަތަ އެއަށް ވުރެ ގިނަ ހައުސިން ޔުނިޓު އަޅާ ރަށްތައް

ރައީސް މުހައްމަދު މުއިއްޒު ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ކ. ގުޅިއަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެމަނިކުފާ ވިދާޅުވީ ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ވައުދުވެފައިވާ ހުރިހާ ރަށެއްގައި މަސައްކަތް ކުރާނެ ކޮންޓްރެކްޓަރުން ހޯދުމަށް ކުރަން ޖެހޭ އިއުލާންތައް ޖެނުއަރީ މަހުގެ ތެރޭގައި ކުރެވިގެންދާނެ ކަމަށެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް ފިނޭންސް މިނިސްޓްރީން ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު މި ކުރި އިއުލާނަކީ ވަކި ވަކި މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ހޮވަން ކުރި އިއުލާނެއް ނޫންކަން ފާހަގަ ކުރެވެއެވެ.

ބުދަ ދުވަހުގެ އިއުލާނުގައި ފިނޭންސުން ބުނީ އަދި ކޮންޓްރެކްޓަރުން ހޯދަން ވަކިވަކި އިއުލާނުތައް ކުރާނީ އަންނަ ފެބްރުއަރީ މަހުގައި ކަމަށާއި، މިހާރު މިކުރި އިއުލާނުގެ ދަށުން މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ނަންނޯޓު ކުރުމުގެ ފުރުސަތު އޮތް ކަމުގައެވެ.

- ކޮމެންޓް