ކ. މާލެ
|
29 ޖެނުއަރީ 2025 | ބުދަ 09:36
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ރެއާލް އޮތީ ޓީމުގެ އެންމެ މޮޅު ފެންވަރާ ވަރަށް ގާތުގައި: އަންޗެލޮޓީ
އޭނާ ބުނީ ރެއާލް އިން ވެސް ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރި ކަމަށާއި، ރެއާލުން ވެސް ބޭނުން ވަނީ ތާވަލްގެ ރަނގަޅު ހިސާބުގައި އޮންނަން ކަމަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބްރެސްޓާ ދެކޮޅަށް ނިކުންނައިރު، ރެއާލް މެޑްރިޑު އޮތީ އެ ޓީމުގެ އެންމެ މޮޅު ފެންވަރާ ވަރަށް ގާތުގައި ކަމަށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ އިޓަލީގެ ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ބްރެސްޓު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، ޓީމެއްގެ ގޮތުން އަދި ވަކި ވަކި ކުޅުންތެރިންގެ ގޮތުން ވެސް ރެއާލް ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. ޚާއްސަކޮށް ރެއާލްގައި ތިބި ކޮންމެ ކުޅުންތެރިޔަކީ ވެސް ފެންވަރު ރަނގަޅު، އަދި ހުނަރުވެރި ކުޅުންތެރިން ކަމަށާއި، އެ ހުރިހާ ކުޅުންތެރިންނާ އެކު ރެއާލް އޮތީ އެ ޓީމުގެ އެންމެ މޮޅު ފެންވަރާ ގާތުގައި ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

ބްރެސްޓާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، އެ ޓީމުން ވަނީ މިހާތަނަށް ވެސް ރަނގަޅު ކުޅުމެއް ދައްކާފައި ކަމަށާއި، ތާވަލްގައި އެ ޓީމު އޮތީ ވެސް ރެއާލަށް ވުރެ އެއް ޕޮއިންޓު ކުރީގައި ކަމަށެވެ. އޭނާ ބުނީ ރެއާލް އިން ވެސް ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރި ކަމަށާއި، ރެއާލުން ވެސް ބޭނުން ވަނީ ތާވަލްގެ ރަނގަޅު ހިސާބުގައި އޮންނަން ކަމަށެވެ. ޚާއްސަކޮށް ޗެމްޕިއަންސް ލީގާ މެދު ރެއާލް އިން ފުރިހަމަ އަށް ސަމާލުވާނެ ކަމަށްް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ މެޗަށް ނިކުންނާނީ މޮޅުވާން ކަމަށާއި، އެ ނޫން ނަތީޖާއަކަށް އުންމީދު ވެސް ނުކުރާ ކަމަށެވެ. ޚާއްސަކޮަށް މެޗަަށް ސަމާލުކަން ދީގެން ތިބެން ބޭނުންވާ ކަމަށާއި، މެޗު ފޯކަސް ގެއްލޭ ފަދަ ކަމެއް އަދި ވާހަކައެއް ވެސް ދައްކަން ބޭނުން ނުވާ ކަމުގައި އަންޗެލޮޓީ ވަނީ ބުނެފަ އެވެ. އަދި ކުޅުންތެރިން އެކުވެގެން ކުރާ މަސައްކަތުން ރެއާލް ބޭނުންވާ ނަތީޖާ ހޯދޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ޗެމްޕިއަންސް ލީގު ތާވަލްގައި ރެއާލް އޮތީ 16 ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ހަތް މެޗުން 12 ޕޮއިންޓާ އެކު އެވެ،. ހަތަރު މެޗުން ރެއާލް މޮޅުވެފައިވާއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. ބްރެސްޓުގެ ދަނޑުގައި ރެއާލް އިން އެ ޓީމާ ދެކޮޅަށް ނިކުންނާނީ ބުދަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.

- ކޮމެންޓް