ސްޕްރީމް ކޯޓުގެ އަމުރަކާ ހިލާފަށް ރައީސް ޔާމީނުގެ ވެރިކަން ދިފާއު ކުރުމުގެ ބޭނުމުގައި ބަނޑޭރިކޮށީގައި ރައީސް ޔާމީން ބޭންދެވިޔަސް ސިފައިން ލައްވާ ރައީސް ޔާމީނާއި މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމު ފާރުމަތިން ބޭރު ކުރާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، މަހުލޫފު ވިދާޅުވީ، ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު އެއްކޮށް ގެއްލިވަޑައިގެންފައިވާ ކަމަށެވެ. އަދި އެމަނިކުފާނާއި އެކު ތިބީ ވަރަށް މަދު ބައެއް ކަމަށް ވިދާޅުވިއެވެ. މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންނަށް ބިރު ދެއްކުމަށް ކުރާ އެއްވެސް ކަމަކުން ރައްޔިތުން ފަހަތަށް ނުޖެއްސޭނެ ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ، ދައުލަތުގެ ނިޒާމު ހިންގުމަށް ހުރަސް އެޅުމަށް އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން ކޯޓުތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ގިނަ ކަންކަން ކުރައްވައި، ކޯޓުތަކުގެ ފަނޑިޔާރުންނާއި ބައްދަލުކޮށް ދައްކަވާ ވާހަކަތައް ވެސް އެނގިލައްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
އެކި ކަންކަމަށް ޝިޔާމުގެ ނުފޫޒު ފޯރައިފައިވާ ހިސާބު ކިޔައި ދެއްވަމުން މަހުލޫފު ވިދާޅުވީ، ސުޕްރީމް ކޯޓުން ވެސް ރައީސް ޔާމީންގެ އިތުބާރު ނެތް ކަމަށް ނިންމައިފި ނަމަ، ބަނޑޭރި ކޮށީގައި ރައީސް ޔާމީން ބަހައްޓަވައިގެން ވެސް ވެރިކަން ދިފާއު ކުރައްވާނެ ކަމަށް ސިޔާމް ވިދާޅުވެފައިވާ ކަމަށެވެ.
މަހުލޫފުގެ ވާހަކައިގައި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރައްޔިތުންނަށް ބިރުދައްކަވާ ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި އެކަން ހުއްޓާ ލެއްވުމަށް ގޮވާލެއްވިއެވެ. ސުޕްރީމް ކޯޓުން މިނިވަންކަމާ އެކު ހުކުމް ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލަ ބަލައި ނިމިފައިވުމުން މައްސަލައިގައި އިންސާފުވެރި ހުކުމެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.