ކ. މާލެ
|
27 ޖެނުއަރީ 2025 | ހޯމަ 16:18
ރައީސް މުއިއްޒު ދިއްދޫ އަށް ވަޑައިގަންނަވާއިރު ޝުއޫރު ފާޅު ކުރުމަށް ތައްޔާރުވަމުން ދާއިރު ފުލުހުން އެތަން ބަލައި ފާސް ކުރަނީ
ރައީސް މުއިއްޒު ދިއްދޫ އަށް ވަޑައިގަންނަވާއިރު ޝުއޫރު ފާޅު ކުރުމަށް ތައްޔާރުވަމުން ދާއިރު ފުލުހުން އެތަން ބަލައި ފާސް ކުރަނީ
ހއ.ދިއްދޫ
ހއ. ދިއްދޫ
މުއިއްޒު ހއ. ދިއްދޫ އަށް ވަޑައިގަންނަވާއިރު އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގާ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް ބިރު ދައްކަނީ
ބެނަރ ހަމަދުންދާ ތަނަށް ފުލުހުން ވަދެ ވަނީ ސުވާލު ކޮށްފައި
އެމްޑީޕީގެ އިސް އޮފިޝަލުން ދިއްދޫ ޕޮލިސް ސްޓޭޝަނަށް ވަނީ ހާޒިރުކޮށް ސުވާލު ކޮށްފައި
މުއިއްޒު ވަޑައިގަންނަވާއިރު އެ ދަތުރުފުޅުގެ ޕްރޮގްރާމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށް ކައުންސިލުން ވަނީ އެމްޑީޕީ އަށް އަންގާފައި

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ދިއްދޫ އަށް ވަޑައިގަންނަވާ ދަނޑިވަޅާ ދިމާކޮށް އެރަށުގައި މުއިއްޒުގެ ސަރުަކާރާ އާ ދެކޮޅަށް ޝުއޫރު ފާޅުކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހުރަސް އަޅާ ބިރު ދައްކަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފުލުހުން ބޭނުން ކޮށްގެން ބިރު ދެއްކުމުގައި އިސްކޮށް ހުންނެވީ މިހާރުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުު ކަމަށް ރަށުން ވާހަކަ ދެއްކި މީހަކު މި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

"އަޅުގަނޑުމެން މިތިބީ ގާނޫނު އަސާސީން ލިބޭ ޚިޔާލުފާޅު ކުރުމުގެ ހައްގުގެ ބޭނުން ހިފަން، އެއީ މުއިއްޒު ނޫނީ މިހާރު ހުރި މެމްބަރުން ދެއްވި އެއްޗެއް ނޫން،" ދިއްދޫން ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިހާރު މިހިނގާ މިންވަރަށް ދުވަހަކުވެސް ދިއްދޫގައި ސުލްހަވެރި ސިޔާސީ ހަރަކާތައް ހުރަސް އަޅާފައި ނުވާ ކަމަށެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ޝުއޫރު ފާޅު ކުރުމަށް ބެނަރ ހަދަމުންދާ ތަނަށް ވެސް ވަދެ އެތަނުގައި ތިބި މީހުންނާ ސުވާލު ކޮށްފައެވެ.

އަނެއްކޮޅުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ދިއްދޫ ދާއިރާގެ އިސް ދެ އޮފިޝަލަކު އާދިއްތަ ދުވަހުގެ ރޭ ފުލުހަށް ވަނީ ހާޒިރުކޮށްފިއެވެ.

ފުލުހަށް ހާޒިރު ކުރީ އެމްޑީޕީ ދިއްދޫ ދާއިރާގެ ނައިބު ރައީސް އައްފާން އަލީ އާއި ހިންގާ ކޮމެޓީގެ މެންބަރ މަހްމޫދު ޝަފީޤް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް މުއިއްޒު ދިއްދޫ އަށް ވަޑައިގަންނަވާއިރު ޝުއޫރު ފާޅު ކުރުމަށް ތައްޔާރުވަމުން ދާއިރު ފުލުހުން އެތަން ބަލައި ފާސް ކުރަނީ - ހއ.ދިއްދޫ

ދިއްދޫ ދާއިރާގެ އިސް ދެ އޮފިޝަލަކު ފުލުހަށް ހާޒިރު ކޮށް މައުލޫމާތު ސާފު ކޮށްފައިވާއިރު، ރައީސް މުއިއްޒު ދިއްދޫ އަށް ކުރައްވާ ދަތުރުފުޅަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށް ދިއްދޫ ކައުންސިލުން އެމްޑީޕީ އަށް ވަނީ އަންގައިފައެވެ.

ދިއްދޫ ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ސޮއި ކުރައްވާ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދަށް ފޮނުއްވި ސިޓީ އެއް ގައި ރައީސް މުއިއްޒު ދިއްދޫއަށް 2025 ޖަނަވަރީ 28 ވަނަ ދުވަހު ޒިޔާރަތްކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެ ދަތުރުފުޅަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް އެމްޑީޕީ ކޮށްގެން ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

"މިދަތުރުފުޅާ ގުޅިގެން އިންތިޒާމް ކުރާ ޙަރަކާތްތަކަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ތިޔަ ޕޓީއިން ނުކުރެއްވުމަށާއި ރައީސުލްޖުމްގޫރިއްޔާ ދިއްދޫ ރައްޔތުންނާއެކު ބާއްވާ ރސްމީ ބައްދަލުވުމަށް ދަތިވާފަދަ ގޮތަށް ލައުޑް ސްޕީކަރ މެދުވެރިކޮށް ނުވަތަ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް އެއްވެސް ކަމެއް ނުކުރުމަށް މި ކައުންސިލުން އވތލާސކރމެވެ." ޖެނުއަރީ 25 ގެ ތާރީޚުގައި ކައުންސިލްގެ އިދާރާ އިން ފޮނުވާފައިވާ ސިޓީގައިވެއެވެ.               

ރައީސް މުއިއްޒު ދިއްދޫ އަށް ވަޑައިގަންނަވާއިރު ސުލްހަވެރި ކަމާއެކު އިހްތިޖާޖު ކުރަން ތައްޔާރުވަނީ - ރާއްޖެއެމްވީ

ސިޓީ އާ ބެހޭ ގޮތުން ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި އަބްދުﷲ ވަހީދު ވިދާޅުވީ، ކުރީގެ ރައީސް ސާލިހް ދިއްދޫ އަށް ކުރެއްވި ދަތުރުފުޅުތަކަށް ހުރަސް އެޅުމަށް މިހާރުގެ ކައުންސިލުގެ ރައީސް އިސްވެ ހުންނަވާ ހިންގެވި ހަރަކާތްތަކުގެ މަތިން ހަނދާން ވުމުން ފޮނުވި ސިޓީ އެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު ކުރީ ސަރުކާރުން ދިއްދޫގެ ތަރައްގީއަށް ފަށާފައި ހުރި ގިނަ މަސައްކަތްތައް ވަނީ ހުއްޓިފައެވެ. އެކަމާ ރަށުގެ ގިނަ ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށް ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. 

- ކޮމެންޓް