މިވަގުތު އެންމެ މުހިންމީ މެޗުތަކުން މޮޅުވުން ކަމަށާއި، އެ ނޫން ކަމަކާ މެދު ވިސްނަން ބޭނުން ނުވާ ކަމަށް މެންޗެސްޓަރ ޔުނައިޓެޑަށް އިރުޝާދު ދެމުން އަންނަ ޕޯޗުގަލްގެ ރުބެން އަމޯރިމް ބުނެފި އެވެ.
އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއަރ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅެ ޔުނައިޓެޑު މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ފުލަމްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ޔުނައިޓެޑު މޮޅުވެފައިވާއިރު، މި ސީޒަންގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އަމޯރިމް އަށް ފާޑު ކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.
އަމޯރިމް ބުނީ ރަށުން ބޭރުގައި ކުޅުނު މެޗަކުން މޮޅުވުމަކީ މިވަގުތަށް ވެސް އޮތް ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ޔުނައިޓެޑަށް މޮޅެއް ލިބުމަކީ މިވަގުތު ޓީމަށާއި، ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ވެސް ލިބޭނެ ހިތްހަމަޖެހުމެއްކަން ފާހަގަކޮށް އަމޯރިމް ބުނީ، ސަޕޯޓަރުންގެ ފަރާތުން އަބަދު ވެސް ޓީމަށް ހިތްވަރު ލިބެމުން އަންނަ ކަމަށެެވެ.
މީގެ އިތުރުން އަމޯރިމް ބުނީ އެ މެޗަކީ އެންމެ ރަނގަޅަށް ކުޅެވުނު މެޗެއް ނޫން ކަމަށާއި، ނަމަވެސް ލިބުނު ފުރުސަތެއްގައި ޖެހި މުހިންމު ލަނޑާއެކު މެޗުން މޮޅުވެވިއްޖެ ކަމަށެވެ. މެޗުގައި ޔުނައިޓެޑުން މަސައްކަތް ކޮށްފައި ވަނީ ބޯޅަ ހިފަހައްޓައިގެން ކުޅުމަށާއި، އަދި ޔުނައިޓެޑުގެ ވިސްނުމުގައި ކުޅެން ކަމަށް ވެސް އަމޯރިމް ބުންޏެވެ. ނަމަވެސް އަދި ވެސް ޔުނައިޓެޑަށް ވަރަށް ގިނަ ކަންކަން ރަނގަޅު ކުރެވޭނެ ކަމަށާއި، ފުލަމް މެޗުން ވެސް އެކަން ފާހަގަވެފައިވާނެ ކަމަށް އަމޯރިމް ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް، މިވަގުތު ޔުނައިޓެޑަށް އެންމެ މުހިންމުވެފައި އޮތީ ނަތީޖާ ނެރުމާއި، ނަތީޖާ ހިފެހެއްޓުން ކަމަށް އަމޯރިމް ވަނީ ފާހަގަ ކޮށްފަ އެވެ. މެޗުގައި އެންމެ ލަނޑެއް ޖަހައިގެން މެޗު ނިންމާލަން ޖެހުނު ނަމަވެސް، މިވަގުތަށް އެންމެ މުހިންމު ކަމަކަށް އޮތީ ވެސް މޮޅުވުން ކަމަށް އަމޯރިމް ބުންޏެވެ. އަދި މެޗުތަކުން މޮޅުވުމަކީ ކުޅުންތެރިންނާއި، ޓީމުގެ އިތުބާރު ބޮޑުވެގެން ދާނެ ކަމެއް ކަމަށް ވެސް އަމޯރިމް ވަނީ ބުނެފަ އެވެ.
މޮޅާއެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ 12 ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި އެ ޓީމު ކުޅެފައިވާ 23 މެޗުން 29 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ލީގުގައި ޔުނައިޓެޑު މޮޅުވެފައި ވަނީ އަށް މެޗުންނެވެ. 10 މެޗަކުން ބަލިވެފައިވާއިރު، ފަސް މެޗަކުން އެއްވަރުވެފައިވެ އެވެ. މި ސީޒަނަކީ ޔުނައިޓެޑުގެ ތާރީޚުގައި ވެސް އެ ޓީމަށް އެންމެ ދަށް ނަތީޖާއާ ކުރިމަތިލާން ޖެހުނު ފަހަރެވެ.