ކ. މާލެ
|
26 ޖެނުއަރީ 2025 | އާދީއްތަ 11:36
ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)
ރާއްޖެއެމްވީ
ރައީސް ޑރ،މުހައްމަދު މުއިއްޒު
މި ވެެރިކަމެކޭ އޮޅުންބޮޅުންވެފައި އޮތް ހަ ބޮޅު ކަންވާރެކޭ އެއްގޮތް - ކުޑޫ
ކަންކަން ގޯހުން ގޯހަށް ދާއިރު އިންސާފު ހޯދަން އާއްމުން ދާނެ ދިމާލެއް މިހާރު ސާފު ނުވާ ކަމަށް ކުޑޫ ވިދާޅުވި
މަޝްރޫޢުތައް ހިންގަނީ އެއްވެސް ވަރަކަށް ދިރާސާއެއް ކުރުމެއް ނެތި ކަމަށް ފާހަގަކުރައްވާ ކުޑޫ ވަނީ އެކަމަށް ފާޑު ވިދާޅުވެފަ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މި ސަރުކާރަކީ ވާ ނުވާ ނޭނގޭ ސަރުކާރެއް ކަމަށާއި، މި ވެެރިކަމެކޭ އޮޅުންބޮޅުންވެފައި އޮތް ހަ ބޮޅު ކަންވާރެކޭ އެއްގޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާޢްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ މިހާރު ރާއްޖޭގެ ނިޒާމަކީ ރޭވިގެން ހިންގާ ނިޒާމެއް ނޫންކަމަށާއި އެއްވެސް ކަމެއް ކުރުމުގައި ޕްލޭންކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އޭގެ ބަދަލުގައި ރައީސް ބޭނުންފުޅުވީމަ ބޭނުންފުޅުވާ ގޮތަކަށް ކަންކަން ހިނގާ ޚުދުމުހުތާރު ނިޒާމަކަށް ކަންކަން ބަދަލުކޮށްފައިވާ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ކުޑޫ ވިދާޅުވީ ބަޖެޓެއްގެ އެންމެ ބޮޑު ބޭނުމަކީ މާލީ ތަފްސީލްތައް ހާމަކުރުމާއި މަޝްރޫޢުތަކަށް އެކަށައަޅާ މިންވަރު ހާމަކުރުން ކަމަށް ވާއިރު މަޖިލީހުގައި އޮތް ފުރިހަމަ މެޖޯރިޓީ ބޭނުންކޮށްގެން މި ސަރުކާރުން ފާސްކޮށްފައި ވަނީ އެފަދަ އެއްވެސް ތަފްސީލެއް ނުހިމެނޭ ބަޖެޓެއް ކަަމަށެވެ. އޭގެ ސަބަބުން ބަޖެޓާއި މެދު ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ ތެރެއިން އޮތް ނިޒާމް އިންތިހާ އަށް ހަނިވެފައިވާ ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސްގެ އަތްޕުޅަށް ނޯޓެއް ދިނުމުން ވަގުތުން ކަންކަން ކުރުމަށް ނިންމުމަކީ ހަރުދަނާ ވެރިކަމެއް ކުރާ ބޭފުޅަކު ކުރާނެ ކަމެއް ނޫންކަމަށް ކުޑޫ ވިދާޅުވިއެވެ. މި ސަރުކާރުން ވެރިކަމަށް އައިސްގެން އުމްރާނީ ތަރައްޤީގެ މާސްޓަރޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށް ވަކާލާތުކުރި ނަމަވެސް މަޝްރޫޢުތައް ހިންގަނީ އެއްވެސް ވަރަކަށް ދިރާސާއެއް ކުރުމެއް ނެތި ކަމަށް ފާހަގަކުރައްވާ ކުޑޫ ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. މިހާރުގެ ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް އަކީ އުމްރާނީ ތަރައްޤީގެ ކަންކަން އެނގިލައްވާ ބޭފުޅެއްކަމަށް ވާއިރު ރައީސް ޑރ.މުއިއްޒު ކުއްލި ކުއްލި އަށް އުމްރާނީ ތަރައްޤީގެ ކަންކަން ނިންމުމުން އެމަނިކުފާނަށް ވެސް އެކަމުން ލިބެނީ ކުއްލި ސިހުމެއް ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ.

މިއީ ރޭވިގެން ހިންގާ ނިޒާމެއް ނޫން. އެއަށް ވުރެ އެޑްހޮކް ނިޒާމެއް. އެހެންވީމަ ރައީސް މިއަދު މި ފައިސާ އެތަނަށް އެލޮކޭޓް ކުރަނީ އޭ މިތަނަށް އެލޮކޭޓްކުރަނީ އޭ ބުނީމަ އެތަނަކަށް ދާންވީ ދެން. ވަރަށް ހޭޖެހޭ ހޭވެރިކަން ވާ މީހެއް މިނިސްޓަރ މުއްތަލިބްއަކީ ވެސް. ކުއްލިއަކަށް މިތާ ފުޓްސަލް ދަނޑެއް އެތާ އަނެއްކަމެއް މިހެން ބުނެލީމަ އަޅުގަނޑަށް ހީވަނީ އެ މަނިކުފާނަށް ވެސް ލިބޭނީ ސިހުމެއް ހެން. އެއީ ވަރަށް ރަނގަޅަށް ދިރާސާކުރެވިގެން ކުރެވެން ޖެހޭ ކަންކަން މި ހުންނަނީ. ކޮންތާކު ކޮން މަސައްކަތެއްތޯ ކުރާނީ. ކޮބާތޯ ދެކޮޅުޖެހޭ ގޮތަކީ. މިއީ ބަލަން ޖެހޭ ކަންކަން. މިއީ ރައީސްގެ ފައިސާއެއް ނޫން. ރައްޔިތުންގެ ފައިސާ. ޖަވާބުދާރީވާން ޖެހޭ.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ)

މީގެ އިތުރުން މަޖިލީހުގެ ބާރުތަކާއި އެހެނިހެން ބާރުތައް މަސްހުނިވުމާއި މިނިވަން މުއައްސަސާތަކުގެ ބާރުތައް ނަގާލުމަކީ އެއީ ނިޒާމްގެ އިތުބާރާއި ރޭވުންތެރިކަން ގެއްލޭ ސަބަބެއް ކަމަށް ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ. މިނިވަންކަމާއި އެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބިދީފަވާ އެއްވެސް މުއައްސަސާއެއް މިއަދު ދިވެހި ޤައުމުގައި ނެތްކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. އެކަމުގެ ދެރައާއި ނިކަމެތިކަން ލިބެނީ އާއްމުންނަށްކަމަށާއި ކަންކަން ގޯހުން ގޯހަށް ދާއިރު އިންސާފު ހޯދަން އާއްމުން ދާނެ ދިމާލެއް މިހާރު ސާފު ނުވާ ކަމަށް ކުޑޫ ވިދާޅުވިއެވެ. އަދި މިނިވަންމުއައްސަސާތަކަށް މީހުން އައްޔަންކުރުމުގެ ބާރު އިތުރަށް ރައީސްގެ އަތްޕުޅަށް ޖަމާކޮށް ސީދާ ރައީސްގެ އިރުޝާދާޢި އެއްގޮތަށް ހިންގާ ތަންތަނަށް އެތަންތަން ވުމުން މިނިވަންމުއައްސާތަކުގެ އަސްލުވަނީ އެއްކޮށް ގެއްލިފައި ކަމަށް ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ.

- ކޮމެންޓް