އިނގިރޭސި ޕްރިމިއާ ލީގުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އިން އެއް ވަނައިގައި އެ ޓީމުގެ ލީޑު ފުޅާ ކޮށްފި އެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ލިވަޕޫލް އިން ވަނީ ތިން ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ހާފުގައި ހަތަރު ވަނަ ލަނޑެއް ޖެހިއިރު، މި ހާފުގައި އިޕްސްވިޗް ޓައުން އިން ވެސް ލަނޑެއް ޖެހި އެވެ.
މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ލިވަޕޫލަށް ކުރި ހޯދައިދިނީ ޑޮމިނިކް ސޮބޮސްލާއީ އެވެ. އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު ވަނީ ލިވަޕޫލްގެ ދެ ވަނަ ލަަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. ފުރަތަމަ ހާފުގައި ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖެހީ ކޯޑީ ގަކްޕޯ އެވެ. ދެ ވަނަ ހާފުގައި ގަކްޕޯ ވަނީ ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ވެސް ޖަހައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އިޕްސްވިޗް ޓައުންގެ ހަަމައެކަނި ލަނޑު ޖެހީ ޖަކޫބް ގްރީވްސް އެވެ.
މޮޅާއެކު ލިވަޕޫލް އެއް ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 22 މެޗުން 53 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި މިވަގުތު ވެސް ލިވަޕޫލަށް ހަ ޕޮއިންޓުގެ ލީޑެއް އެބަ އޮތެވެ.