ތޮއްޖެހިފައިވާ ކާރޫބާރޫ ބޮޑު މާލޭގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސައަކީ ގެދޮރުގެ ދަތިކަން ކަމަށާއި އެހެން ނަމަވެސް މިކަމަށް ހައްލެއް ހޯދައިދިނުމަށް މިހާރު މިއޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އެކަށީގެން ވާ އެއްބާރުލުން ދެމުން ނުދާކަމަށް މާލޭ ސިޓީ ކައުންސިލް މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ދާއިރާގެ ރައްޔިތުންނާއި ބައްދަލުވުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރ އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ގޯތިގެދޮރުގެ ދަތިކަމުގެ މައްސަލަކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް މާލެއަށް ރައްޔިތުން ހޮވާފައި ތިބި ޕާލަމެންޓު މެމްބަރުންނާއި ކައުންސިލް މެމްބަރުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަން އާޒިމް ފާހަގަކުރެއްވިއެވެ.
އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކޮށްފި ނަމަ، މިއީ ނުވާނެ ކަމެއް ނޫން ކަމަށެވެ. އަދި ރައްޔިތުން ހޮވާފައި ތިބި ހުރިހާ މެމްބަރުންނާއި ކައުންސިލްތަކުން މަސައްކަތް ކޮށްފި ނަމަ ސަރުކާރަށް ރައްޔިތުން ބޭނުންވާ ގެދޮރު ނުދީ ނުތިބެވޭނޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ގެދޮރުގެ މި މައްސަލައަކީ ވަރަށް ބޮޑު މައްސައަކަށް ވެފައިވާއިރު، މިއީ ސަރުކާރުން މި ވަގުތުން ވަގުތައްވެސް ކޮށްދޭން ޖެހޭ ކަމެއް ކަންވެސް އޭނާ ފާހަގަކުރިއެވެ.
އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ އަށް ހައްލެއް ހޯދައި ދިނުމަށް ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުން ވެސް ވަރަށް ބޮޑަށް މަސައްކަތް އެބަ ކުރައްވާ ކަމަށާއި އެކަމަށް މިހާރު މަސައްކަތްކުރެވެމުން ގެންދަނީ ޚާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައިގެން ކަމަށް އާޒިމް ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުންނަށް ގެދޮރުގެ ދަތިކަމަށް ހައްލެއް ހޯދައިދުނުމަށް ސިޓީ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތަށް މި ސަރުކާރުން މާ ބޮޑު ސަމާލުކަމެއް ދެމުން ނުދާކަން އޭނާ ފާހަގަކުރެވިއެވެ.
އާޒިމް ވިދާޅުވީ ޕާލަމެންޓު މެމްބަރުންނާއި އެކު އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރާނަމަ މިކަމަށް ހައްލެއް ލިބިގެން ދާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ނަމަވެސް ވަކިވަކިން، ވަކި ބަޔަކު އެކަމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ދުވަހަކުވެސް ހައްލެއް ނުލިބޭނޭކަމަށެވެ. އަދި ގިނަ ބަޔަކު އެއްވެ، އެކުވެގެން، އަޑު އުފުލާނަމަ މި ސަރުކާރަށް ވެސް މިކަމަށް އަވަސްހައްލެއް ހޯދައިދިނުމަށް މަޖުބޫރުވާނޭ ކަމަށް ވެސް އާޒިމް ވިދަޅުވިއެވެ.
މާލޭގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ ދަތިތައް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ މަރުވާ މީހުން ވަޅުލުމަށް ހެދިފައި ހުރި ސަހަރާތައް ވެސް ދަނީ ފުރެމުން ކަމަށާއި އެކަމުގައިވެސް ހުރި ދަތިތަކާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރައްވާ އެވާހަކަތައް ދައްކަވާފައިވާނޭ ކަމަށެވެ. އަދި އޭރު އެކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނޭ ކަމަށް ރައީސް ވިދާޅުވި ކަމަށާއި ނަމަވެސް އަދިވެސް މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައި ނުވާކަން އާޒިމް ފާހަގަކުރެއްވިއެވެ.
އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައި ހުރި ދަތިތައް ހައްލުކުރުމަށް ކުރަން ޖެހޭ ކަންކަމަށް ކޮންމެ އަހަރަކުވެސް ބަޖެޓު މި ހަދަނީ ސަރުކާރުން ކަމަށާއި ނަމަވެސް ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓުން، މާލެސިޓީ ކައުންސިލަށް ދޭން، ޤާނޫނުގައި ކަނޑައަޅުއްވާފައިވާ މިންވަރު މި އަހަރު ނުލިބޭކަމަށެވެ. އާޒިމް ވިދާޅުވީ 2024 ވަނަ އަހަރަށް ވުރެ ދައުލަތުގެ ބަޖެޓް، އެތައް ތަނަކުން އިތުރުވި އިރު، ދައުލަތުގެ ބަޖެޓުން މާލެ ސިޓީ ކައުންސިލަށް ދޭން ނިންމި ފައިސާގެ ޢަދަދު، 2024 ވަނަ އަހަރަށް ވުރެ، 2025 ވަނަ އަހަރު، 23 މިލިޔަން ރުފިޔާ މަދު ކަމަށެވެ.
އާޒިމް ވިދާޅުވީ މި އަހަރު 23 މިލިއަން ރުފިޔާ މަދުން ދިނުމަކީ ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައާއި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި މި ސަރުކާރުގެ ސަމާލުކަން އަދި ޝައުގުވެރިކަން ކުޑަކަން ދޭހަވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ނިޒާމް އޮތްގޮތުން ވެއްޖެނަމަ ޤާނޫނުތައް ހަދައި ޕޮލިސީތައް ހަދަން ޖެހެނީ ސަރުކާރުން ކަމަށާއި ނަމަވެސް އެކަންކަން އިމްޕިލިމެންޓު ކުރަން ތިބީ ކައުންސިލްތައް ކަމަށެވެ.
އަދި ރައްޔިތުން އެކި ދާއިރާތަކަށް އިންތިޚާބު ކޮށްފައި ތިބި ފަރާތްތައް އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ މި ދަނޑިވަޅުގައި ބަޖެޓުން 23 މިލިއަން ކަނޑާލާފަ ދިނުމަކީ ރައްޔިތުންނަށް ދޭންވާ ޚިދުމަތްތައް ދިނުމުގައި ސަރުކާރުގެ އަހައްމިޔަތުކަން ނުދޭކަން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
ކައުންސިލުން މަސައްކަތް ކުރަން ޖެހެނީ ސަރުކާރާއި ގުޅިގެން، ސަރުކާރާއު އެއްކޮށް. ސަރުކާރުން ބަޖެޓުތަކާއި އެއްޗިސް މި ހަދަނީ. މިސާލަކަށް، މި އަހަރު ބަޖެޓު ލިބުނުއިރުވެސް ސިޓީކައުންސިލަށް ބަޖެޓު ލިބުނީ 23 މިލިއަން ރުފިޔާ މަދުން. އެއީ ޤާނޫނުން ލިބެންވާ އަދަދަށްވުރެވެސް މަދުން. އެހެން ވީމާ ޤާނޫނުގައި ހުރި ކަންތައް ސަރުކާރުން ނުކުރުމަކީ ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ސަރުކާރުގެ ސަމާލުކަން ކުޑަކަން. ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމުގައި ސަރުކާރުގެ ޝައުގުވެރިކަން ކުޑަކަން ފެނިގެން މިދަނީ.މާލޭ ސިޓީ ކައުންސިލް މޭޔަރަ އާދަމް އާޒިމް
އާޒިމް އިތުރަށް ވިދާޅުވީ މާލޭގެ ފެންބޮޑުވާ މައްސަލައަށް ވެސް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ވެސް މި ސަރުކާރުގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ ކަމަށެވެ. މާލޭ ރައްޔިތުންނަށް ބޭނުންވަނީ ވަގުތީ ހަލެއް ނޫންކަމަށާއި ކޮންމެ ކަމަކަށްވެސް ލިބެން ޖެހޭނީ ދާއިމީ ހައްލެއް ކަމަށް އާޒިމް ވިދާޅުވިއެވެ.