ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް ޕާކް ކަމުގައިވާ ސަލްޓަން ޕާކް، ބޮޑެތި ބަދަލުތަކަކާ އެކު މިރޭ ހުޅުވުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސަލްޓަން ޕާކް ރަސްމީކޮށް ހުޅުއްވައި ދެއްވާނީ ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން ކަމަށެވެ.
ސަލްޓަން ޕާކްގެ ތަރައްގީގެ މަޝްރޫއު ނިމޭއިރު އެތަނުން ބޮޑު ބަދަލެއްް ފެންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. އެގޮތުން ޕާކް ތަރައްގީކުރާ އިރު އެތަނުގައި ފިނިފެންމާ ބަގީޗާއަކާއި، ސްނޯ އާއި ފިނީގެ އިހްސާސް ކުރެވޭ ގޮތަށް އަދި އެތަނުގައި ސްކޭޓް ވެސް ކުރެވޭ ގޮތަށް ވިންޓަ ކޯނައެއް ހެދުމާއި، ގްރީން ޓަނަލް ވޯކްވޭއެއްގެ އިތުރުން ކުޑަކުދިން ޝައުގުވެރިވާ ގޮތަށް ފައްވާރެއް ވެސް ހެދުމަށް ވަނީ ނިންމާފަ އެވެ. އަދި ޕާކް ތަރައްގީކުރާނީ ދިވެހި ސަގާފީ ގޮތްތައް ހިމަނައިގެން ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެ އެވެ.
ސަލްޓަން ޕާކް ތަރައްޤީ ކުރައްވަން ސަރުކާރުން ނިންމަވާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން އެތަނުގެ މެއިން އެންޓްރެންސާއި، ފިނިފެންމާ ބަގީޗާއަކާއި، ކުޑަކުދިން ކުޅޭ ސަރަޙައްދަކާއި، ގާރޑް ރޫމެއް ހެދުމަށް ހަމަޖެހިފައި ވެއެވެ. އަދި އެތަނުގައި ހުރި "އުސްގެކޮޅު" ހެއްދެވުމަށް ނިންމަވާފައި ވަނީ ކުޑަކުދިންނަށް ތާރީޚް ދަސްކޮށްދިނުމަށެވެ. ދެވަނަ ފިޔަވަހީގައި ހިމެނޭ ވިންޓަރ ތީމްގެ އިތުރުން، ޓްރީ ހައުސްއަކާއި، ވޯކް ވޭސްތަކާއި، އިތުރު ފިނިފެންމާ ބަގީޗާތަކެއް ވެސް ހެދުމަށް ނިންމާފައި ވެއެވެ.
ސަލްޓަން ޕާކް މިރޭ ރަސްމީކޮށް ހުޅުވާއިރު ޕާކުގައި ނިންމަން ޖެހޭ ތަންތަނުގެ ތެރެއިން ނުނިމި ވަނީ ހަމައެކަނި ވިންޓާ ކޯނާއެވެ. އެހެން ހުރިހާ ތަނެއް ވަނީ ނިމިފައެވެ. އަދި ވިންޓާ ކޯނާ ވެސް މިއަހަރުގެ ނިޔަލަސް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ސަލްޓަން ޕާކް އެންމެ ފުރަތަމަ ހުޅުވުމަށް ނިންމާފައި އޮތީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ނަމަވެސް ޕާކުގެ މަސައްކަތްތައް ނިމިފައި ނުވާތީ ހުޅުވޭ ގޮތް ނުވީއެވެ. އެ މަސައްކަތް ފަހުން ކޮށްފައި ވަނީ ސިފައިންނާ ހަވާލުކޮށްގެންނެވެ.