ކ. މާލެ
|
23 ޖެނުއަރީ 2025 | ބުރާސްފަތި 14:01
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސައުދީ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ސައުދީ ވަލީ އަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން
އަލްއަރަބިއްޔާ
ސައުދީ-އެެމެރިކާ ގުޅުން
ސައުދީ އަރަބިއްޔާ އިން އެމެރިކާގައި 600 ބިލިއަން ޑޮލަރު އިންވެސްޓް ކުރަނީ
މި ދެ ބޭފުޅުން ވަނީ މެދުއިރުމަތީގެ ސަލާމަތާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި ސަރަޙައްދީ ހަމަޖެހުން ކުރިއެރުވުން ފަދަ މުހިންމު ކަންކަމާ ބެހޭ ގޮތުން ދެ ގައުމުން އެއްބާރުލުން އިތުރުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ސައުދީ އަރަބިއްޔާ އިން އެމެރިކާގައި ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކުރާނެ ކަމަށް ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ދަންނަވައިފިއެވެ.

އަދި އޭގެ އިތުރަށް ވެސް އިސްވެސްޓް ކުރުމުގެ ފުރުޞަތު އޮތްކަން ވަލީ އަހުދު އެމެރިކާގެ ރައީސް އަށް ދެންނެވި ކަމަށް ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ބުނެފައިވެއެވެ.

އެސްޕީއޭ އިން އިތުރަށް ބުނެފައިވާ ގޮތުގައި، ވަލީއަހުދު ވަނީ އެމެރިކާއާއެކު އިޤްތިޞާދީ ގުޅުން ފުޅާކުރުމަށް ސަޢޫދީ އަރަބިއްޔާ އިން ދޭ އަހައްމިއްޔަތު ޓްރަމްޕް އަށް ދަންނަވާފައެވެ. 

މި ވާހަކަފުޅުތައް ދެއްކެވީ ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބުދަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޯނުން ގުޅުއްވައި، އޭނާ މަޤާމާ ހަވާލުވުމާ ގުޅިގެން މަރުޙަބާ ދެންނެވުމާއެކު، މުހިންމު ސަރަޙައްދީ މައްސަލަތަކާއި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭގޮތުން ކުރެއްވި މަޝްވަރާގެ ތެރޭގައި ކަމަށް އެސްޕީއޭ އިން ރިޕޯޓުކޮށްފައިވެއެވެ. 

ވަލީ އަހްދު ވަނީ ސަޢޫދީ ރަސްގެފާނު ސަލްމާންގެ ފަރާތްޕުޅުން ހޫނު މަރުޙަބާއެއް ދަންނެވުމުގެ އިތުރުން، ރައީސް ޓްރަމްޕްގެ ލީޑަރޝިޕްގައި އެމެރިކާގެ ރައްޔިތުންނަށް ކުރިއެރުން ހޯދައިދެއްވާނެ ކަމުގެ އުއްމީދު ފާޅުކުރައްވާފައެވެ. 

އެސްޕީއޭ އިން ބުނާގޮތުގައި، މި ދެ ލީޑަރުން ވަނީ މެދުއިރުމަތީގެ ސަލާމަތާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި ސަރަޙައްދީ ހަމަޖެހުން ކުރިއެރުވުން ފަދަ މުހިންމު ކަންކަމާ ބެހޭ ގޮތުން ދެ ގައުމުން އެއްބާރުލުން އިތުރުކުރާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. 

ވަލީ އަހުދު ވަނީ ޓްރަމްޕްގެ އިޤްތިޞާދީ ސިޔާސަތުތަކާމެދު އިތުބާރު ފާޅުކުރައްވައި، މި ސިޔާސަތުތަކަކީ ދެ ޤައުމަށް ވެސް ކުރިއެރުން ހޯދުމަށް ލިބިފައިވާ ތާރީޚީ ފުރުޞަތެއްކަން ފާހަގަކުރައްވާފައެވެ. ސަޢޫދީ އަރަބިއްޔާ އިން މި ފުރުޞަތުގެ ބޭނުން ހިފައި، އެކި ދާއިރާތަކުގައި ދެ ގައުމު ގުޅިގެން ކުރާ ވިޔަފާރިތަކާއި ސްޓްރެޓެޖިކް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ވަލީ އަހުދު ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. 

ރައީސް ޓްރަމްޕް ވަނީ، އެމެރިކާ-ސަޢޫދީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީން ދެއްވާފައި ކަމަށާއި، އޭގެ އިތުރުން ދެ ގައުމުގެ މަސްލަހަތު ހިމެނޭ ގޮތުން ގުޅިގެން ސަރަހައްދުގެ ކަންކަމުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ފާޅު ކުރައްވާފައި ކަމަށް އެސްޕީއޭ އިން ބުނެއެވެ.

އެމެރިކާގެ އައު ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވެސް ވަނީ ބުދަ ދުވަހު ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދާ ވާހަކަފުޅު ދައްކަވާފައެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޓެމީ ބްރޫސް ނެރުއްވާފައިވާބަޔާނެއްގައި ވާ ގޮތުގައި، ސެކްރެޓަރީ އާއި ވަލީއަހުދު ވަނީ ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމާއެކު އެމެރިކާ-ސަޢޫދީ ގުޅުމުގެ ބަދަހި ކަމާބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ސެކްރެޓަރީ ވަނީ ސޫރިއާ، ލުބުނާން، ޣައްޒާ އަދި އޭގެ ބޭރުންވެސް ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަން ފާހަގަކުރައްވައި، އީރާނާއި އެ ޤައުމުގެ ޕްރޮކްސީތަކުން ކުރިމަތިކުރުވާ ނުރައްކާތަކުގެ މައްޗަށް އަލިއަޅުވާލައްވާފައި ކަމަށް އެސްޕީއޭ އިން ބުނެފައިވެއެވެ.

- ކޮމެންޓް