ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑާއި އާސެނަލް މޮޅުވީއިރު، ބަޔާން މިއުނިކް އަދި މެންޗެސްޓަރ ސިޓީ ކުޅުނު މެޗުން ބަލިވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ޑައިނަމޯ ޒަގްރެބާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވީ 3-0 އިންނެވެ. މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި އާސެނަލަށް ލީޑު ނަގައިދިނީ ޑެކްލަަން ރައިސް އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި އާސެނަލްގެ ދެ ވަނަ ލަނޑު ކައި ހަވާޓްޒް ޖެހީ ގަބްރިއެލް މާޓިނެލީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ މާޓިން އޮޑެގާޑް އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ސަލްޒްބާގާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 5-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލް އިން ދެ ލަނޑު ޖަހައި ލީޑު ނެގިއިރު، އެ ދެ ލަނޑު ވެސް ޖެހީ ބްރެޒިލްގެ ރޮޑްރީގޯ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ރެއާލް އިން އަނެއް ތިން ލަނޑު ޖެހިއިރު، ސަލްޒްބާގުން ވެސް ލަނޑެއް ޖެހި އެވެ. މި ހާފުގައި ރެއާލްގެ ލަނޑުތައް ޖެހީ ކީލިއަން އެމްބާޕޭ، އަދި ވިނީޝިއުސް ޖޫނިއާ އެވެ. ވިނީޝިއުސް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މެޗުގައި ސަލްޒްބާގުގެ ހަަމައެކަނި ލަނޑު ޖެހީ މެޑްސް ބިޑްސްޓްރަޕް އެވެ.
ބަޔާނުން ވަނީ ފެޔެނޫޑުގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން، 3-0 އިން ބަލިވެފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ފެޔެނޫޑުން ދެ ލަނޑު ޖެހިއިރު، ފަހު ހާފުގައި ވަނީ އަނެއް ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ފެޔެނޫޑަށް ލީޑު ނަގައިދިނީ ސެންތިއާގޯ ހިމިނޭޒް އެވެ. އޭގެ ފަހުން ފެޔެނޫޑަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އޭނާ ވަނީ އެ ޓީމުގެ ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގައި ފެޔެނޫޑުގެ ތިން ވަނަ ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ޖެހީ އަޔޭސޭ އުއެޑާ އެވެ.
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 4-2 އިން ސިޓީގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރި ހޯދީ ވެސް ސިޓީންނެވެ. އެއީ ޖެކް ގްރީލީޝް އަދި އާލިން ހާލަންޑުގެ ލަނޑުންނެވެ. އޭގެ ފަހުން ޕީއެސްޖީން ވަނީ ހަތަރު ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. މެޗުގައި ޕީއެސްޖީގެ ލަނޑުތައް ޖެހީ އޮސްމާން ޑެމްބެލޭ، ބާޑްލޭ ބާކޮލާ، ޔާއޯ ނެވެސް އަދި ގޮންޒާލޯ ރާމޯސް އެވެ.
ލީގު ތާވަލްގެ ތިން ވަނައިގައި އާސެނަލް އޮތީ މިހާތަނަށް ކުޅެފައިވާ ހަތް މެޗުން 16 ޕޮއިންޓާ އެކު އެވެ. ހަތް މެޗުން 12 ޕޮއިންޓާ އެކު ރެއާލް އޮތީ 16 ވަނައިގަ އެވެ. 10 ޕޮއިންޓާ އެކު ޕީއެސްޖީ 22 ވަނައިގައި އޮތްއިރު، އަށް ޕޮއިންޓާ އެކު ސިޓީ އޮތީ 25 ވަނައިގަ އެވެ. 12 ޕޮއިންޓާ އެކު ބަޔާން އޮތީ 15 ވަނައިގަ އެވެ.