ދުންފަތުން ލިބޭ އާމްދަނީ ހިމަނައިގެން ފިނޭންސް މިނިސްޓްރީން އާމްދަނީގެ ހިސާބު ނުހަދާ ކަމަށް ރައީސް ވިދާޅުވުމުން އެ ފައިސާ އަށް ވާ ގޮތާ މެދު ސުވާލު އުފެދިއްޖެއެވެ.
މާލިއްޔަތުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ބަޖެޓު އެކުލަވާލެވޭ މާލީ އަހަރަކަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރި ހަރަދާއި، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބު ވަކި ސުރުހީތަކެއްގެ ދަށުން ފާހަގަކޮށް ބަޔާން ކުރަންވާނެ ކަމަށް އޮންނަނީ ބަޔާން ކޮށްފައެވެ.
ރައީސް ވަނީ ދުންފަތުގެ ބާވަތްތަކުން ލިބޭ އާމްދަނީ އަކީ ސަރުކާރުން މާ ބޮޑު ސަމާލު ކަމެއް ދޭ އެއްޗެއް ނޫން ކަމަށާއި އާމްދަނީގެ ގޮތުގައި ބަލާވެސް އެއްޗެއް ނޫން ކަމަށް ދޭހަވާ ގޮތައް ވާހަކަފުޅު ދައްކަވާފައެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އެ ދާއިރާ އިން ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރު ކުރާކަށް، ފިނޭންސް މިނިސްޓްރީގެ ހިސާބުތައް މިހާރު ނަހަދާނެ ދުންފަތުގެ ބާވަތްތައް ގަނެގެން .... އިމްޕޯޓު ކޮށްގެން އިތުރުވާ ޓެކްސް، އެއަށް ބަރޯސާ ވެގެންނެއް ދައުލަތުގެ އާމްދަނީ އެއް ކަލްކިއުލޭޓެއް ނުކުރާނެ މިހާރު؛" ރ. މަޑުއްވަރީ ރައްޔިތުންނާ ބައްދަލު ކުރައްވާ ބުދަ ދުވަހު ރައީސް ވިދާޅުވިއެވެ.
ދުންފަތުގެ ޓެކްސް ބޮޑު ކުރީ އާމްދަނީ އިތުރުކުރަން ނޫން ކަމަށް ރައްޔިތުންގެ ކުރިމަތީގައި ވިދާޅުވި އިރު އެމަކުގެ ހަގީގަތް އޮތީ އެހެން ނޫންކަން 2025 ވަނަ އަހަރުގެ ބަޖެޓު ބަހުސްގައި ބަޖެޓް ކޮމިޓީގެ ޔައުމިއްޔާތަކަށް ބަލާލުމުން ސާފުވެއެވެ.
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3 ރުފިޔާ އިން 8 ރުފިޔާ އަށް މަތިކުރަން ގާނޫނަށް ބަދަލު ގެނެސް އެ ބަދަލަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަމަލު ކުރަން ފެށީ ދައުލަތުގެ އާމްދަނީ އިތުރު ކުރަންކަން، ބަޖެޓް ކޮމިޓީގައި އޮޑިޓަރ ޖެނެރަލް ދެއްކެވި ވާހަކައިން ވެސް ސާފުކޮށް އެނގެއެވެ.
އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ދައުލަތުގެ އާމްދަނީ އިތުރުކުމަށް ބަޖެޓުގައި ކަންތައްތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ ކަންތައްތަކުގެ ތެރެއިން 6.9 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އަންދާޒާ ކޮށްފައިވާ ކަމަށެވެ. އެ ގޮތުން 7 ކަމެއް ހުށަހަޅާފައިވާ ކަން އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ. މި 7 ކަމަކީވެސް އެކިއެކި ގާނޫނުތަކާއި ގަވައިދުތަކާއި ގާނޫނުތަކާއި އުސޫލުތައް އެކި ބަދަލު ގެނެސްގެން ތަންފީޒު ކުރަން ހަމަޖެހިފައިވާ ކަންތައްތައް ކަން ފާހަގަ ކުރައްވަމުން އޭގެ ތެރެއިން ބައެއް ކަންކަން ގާނޫނަށް ބަދަލު ގެނެސްގެން ފުރިހަމަ ކޮށްފައިވާކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
ސަރުކާރުގެ ފަރާތުން މި އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި އާމްދަނީ އިތުރުކުރަން ހުށަހަޅާ 7 ސިޔާސަތުތަކުގެ ތެރޭގައި ގާނޫނަށް ބަދަލު ގެނެސްގެން ދުންފަތުގެ ޑިއުޓީ ބޮޑުކުރުން ވަނީ ހިމަނާފައެވެ.
2024 އިން 2025 އަށް ދައުލަތުގެ އާމްދަނީ 39.7 ބިލިއަން ރުފިޔާ އަށް އިތުރުވާނެ ކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައިވާއިރު، ދައުލަތުން އާމްދަނީ އިތުރު ކުރަން ހުށަހެޅި މައިގަނޑު 7 ކަންތަކުގެ ތެރޭގައި ދުންފަތުން ނަގާ ޓެކްސް ބޮޑު ކުރުން ހިމެނޭކަން ޚުދު ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވެސް ވަނީ ވިދާޅުވެފައެވެ.
ހުސްވި އަހަރުގެ ނޮވެމްބަރު 14 ގައި އޮތް ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ޝަމްހީދު ވަނީ ދުންފަތުން ހޯދާ އާމްދަނީ އިތުރުކުރަން ސަރުކާރުން ވިސްނާފައި އޮތީ ލިބުން އެކަށީގެންވާ މިންވަރަށް ވުރެވެސް ބޮޑުކޮށްކަން ފާހަގަ ކުރައްވާފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުން އާމްދަނީ ލިބޭނެ ކަމަށް ހަދާފައި ހުރީ އޯވަރއެސްޓިމޭޓް ތަކެއް ކަމަށާއި "ޚާއްސަ ކޮށް ޓޮބެކޯ އަށް ލިބޭ ވަން ބިލިއަން ލިބުމަށް ވުރެ ނުލިބުން ގާތް ކަމަށް" ވިދާޅުވިއެވެ.
ޝަމްހީދުގެ ވާހަކަފުޅަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، "ޓޮބެކޯގެ މި ގެނެވުނު ބަދަލާ އެއްކޮށް އަޅުގަނޑުމެންނަށް މި އެސްޓިމޭޓް ކުރާ އަދަދު ނުލިބިދާނެ" ކަމަށެވެ. އެއާ އެކު އޭނާ އިތުރަށް ވިދާޅުވީ، މިކަން ތަންފީޒު ކުރަމުންދާއިރު ދިމާވާ ބައެއް "ޓްވީކްސް" އެބަހުރި ކަމަށާއި، ތަންފީޒު ކުރެވޭ ގޮތުން ފަހަރެއްގައި އާމްދަނީ ސޮއްސާލައި ކަމެއް ވަންޏާ އެއަށް ބަލާފައި އެއަށް ގެންނަން ޖެހޭ އެޖަސްޓްމަންޓް ކަސްޓަމްސް އާ ގުޅިގެން ގެންނާނެ ކަމަށެވެ.
ޒަމީރުގެ ވާހަކަފުޅުން ދޭހަވި ގޮތުގައި ދުންފަތުން ލިބޭނެ އާމްދަނީ ދަށްވެދާނެ ކަމަށް ސަރުކާރުން އޮތީ ވިސްނާ އެކަމަށް އަޅާނެ ފިޔަވަޅުތަކަށް ވެސް ސަމާލުވެއެވެ. އެ ގޮތުން ދުންފަތުން ލިބޭ އާމްދަނީ ދަށްވެދާނެ އެއް ހާލަތު ސާފުކޮށްދެއްވަމުން ޒަމީރު ވިދާޅުވީ، ސިނގިރޭޓް ސްމަގްލް ކުރުން ފަދަ ކަންކަމުން އާމްދަނީ ދަށަށް ހިނގައިދޭނެ ކަމަށް ބަލާ ތަންފީޒީ އިދާރާތަކާ ގުޅިގެން މިއަށް ވުރެ ރަނގަޅު ކުރެވޭތޯ ބައްލަވާނެ ކަމަށެވެ.
2025 ވަނަ އަހަރަށް، ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބަޖެޓުން ފެންނަން ހުރި އިރު، ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކޮށްގެން މި އަހަރު އިތުރަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ފިނޭންސުން އޮތީ ލިޔެކިޔުމުން ހުށަހަޅާފައެވެ.
މިހާ ސާފުކޮށް މިކަންކަން ފެންނަން ހުރި އިރު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ކުރިމަތީގައި އިތުރުފުޅު ހައްދަވާ ދުންފަތުގެ ބާވަތްތަކުން ލިބޭ އާމްދަނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި ހިމަނައިގެން ފިނޭންސް މިނިސްޓްރީން ހިސާބު ނުހަދާ ކަމަށް ވިދާޅުވުމުން، ބަޖެޓް މަރުހަލާގައި ކުރި ހުރިހާ ގާނޫނީ މަސައްތަކަތްތަކެއް ތާކުން ތާކުން ނުޖެހި ދިޔުމުގެ އިތުރުން މިހާރު ދައުލަތުން ދުންފަތުގެ ބާވަތްތަކުން ނަގާ ބޮޑު ޓެކްސް އަށް ހަދަނީ ކިހިނެއްތޯ މިވަނީ ސުވާލު އުފެދިފައެވެ.