ސައުދީ ޕްރޯ ލީގުގައި އަލް ވެހްދާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އަލް ޙިލާލް އިން ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އަލް ޙިލާާލް އިން ކާމިޔާބު ކުރީ 4-1 އިންނެވެ.
މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އަލް ޙިލާލަށް ލީޑު ނަގައިދިނީ މާކޮސް ލިއޮނާޑޯ އެވެ. އޭގެ ފަހުން މެޗުގެ 11 ވަނަ މިނެޓުގައި މެލްކޮމް ވަނީ ލަނޑު ޖަހައި އަލް ޙިލާލަށް ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ބާކީ ލަނޑުތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި އަލް ޙިލާލްގެ ތިން ވަނަ ލަނޑު ވެސް ޖެހީ މެލްކޮމް އެވެ. އޭގެ ފަހުން ކްރައިގް ގުޑްވިން ވަނީ އަލް ވެހްދާގެ ހަމައެކަނި ލަނޑު ޖަހައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި އަލް ޙިލާލްގެ ފަހު ލަނޑު ޖެހީ ޢަބްދުﷲ އަލް ޙަމްދާން އެވެ.
މޮޅާއެކު އަލް ޙިލާލުން ވަނީ ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 16 މެޗުން 43 ޕޮއިންޓާ އެކު އެވެ. އަލް ޙިލާލަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އަލް އިއްތިހާދަށް ލިބެނީ 40 ޕޮއިންޓެވެ. މެޗުގެ އަދަދު ހަމަކުރާއިރު، އަލް ޙިލާލާ ޕޮއިންޓުގެ ގޮތުން ހަމަ ކުރުމުގެ ފުރުސަތު އަލް އިއްތިހާދަށް އޮންނާނެ އެވެ.